ބާސެލޯނާގެ ކަނާތުން ފަހަތަށް ކުޅޭ ސާޖީނިއޯ ޑެސްޓަށް އަނިޔާ ވުމުން އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަންއަށް ހާސް ކަމަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.
ޑެސްޓަށް އަނިޔާވީ އޭނާގެ ގަައުމީ ވާޖިބު އަދާ ކުރުމަށް ޔުނައިޓެޑް ސްޓޭޓްސް ޓީމަށް ހޯމަ ދުވަހު ކުޅުނު މެޗެއްގަ އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ޑެސްޓުގެ ފަޔަށް އަނިޔާވީ 44 ވަނަ މިނެޓުގަ އެވެ. އެހެންކަމުން އޭނާއަށް ލިބިފައިވާ އަނިޔާ ބޮޑުވުމުގެ ކުރިން ޑެސްޓް ވަނީ ދަނޑުން ބާލާފަ އެވެ.
އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑްކަޕްގެ ކޮލިފިކޭޝަންގައި އެމެރިކާ އާއި ކެނެޑާ ބައްދަލުކުރި މި މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.
މި މެޗުގައި އަނިޔާވުމުގެ ކުރިން ޑެސްޓް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ބަޔާން މިއުނިކަށް ކުޅެމުން އަންނަ އަލްފޯންސޯ ޑޭވިސް ހިފެހެއްޓުމުގައި ޑެސްޓް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ޑެސްޓަށް އަނިޔާ ވުމުން ކޫމަންއަށް ވަނީ ބާސެލޯނާގެ ކަނާތު ފަޅިން ފަހަތް ފޫބައްދާނެ ގޮތަކާއި މެދު ވިސްނަން މަޖުބޫރު ވެފަ އެވެ.
ބާސާއިން ވަނީ މިފަހުން އެ ޓީމުގެ ފަހަތަށް ކުޅެމުން އައި އެމާސަން ރޯޔަލް ޓްރާންސްފާ މާކެޓުގެ ފަހު ދުވަހު ޓޮޓެންހަމަށް ވިއްކާލާފަ އެވެ. ލޯނު އުސޫލުގެ ދަށުން ރެއާލް ބެޓިސްއަސް ދޫކޮށްފައިހުރި އެމާސަން ނުވަ މިލިއަން ޑޮލަރު ދެއްކުމަށް ފަހު އަލުން އަނބުރާ ބާސާއަށް ގެންދިޔައީ މިދިޔަ ޖޫން މަހު އެވެ. އެކަމަކު ބާސާގެ މާލީ ހާލަތު ދަށްވުމުން އޭނާ ވިއްކާލަން އެކްލަބަށް މަޖުބޫރުވީ އެވެ.
އަނެއްކޮޅުން ޓީމުގެ ކަނާތުން ފަހަތަށް ކުޅެމުން އައި ސާޖީ ރޮބާޓޯ ވެސް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގަ އެވެ. ރޮބާޓޯއަށް އަނިޔާވީ އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ގެޓަފޭ އާއި ބާސެލޯނާ ބައްދަލުކުރި މެޗުގަ އެވެ.
އެހެންކަމުން ބާސެލޯނާގެ ކަނާތުން ފަހަތަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން މިވަގުތު ފިޓްކޮށް ހުރީ އޮސްކާ މިންގުއޭޒާ އެކަންޏެވެ. އޭނާއަކީ ގިނަ މެޗު ތަކެއް ކުޅި މާގިނަ ތަޖުރިބާއެއް ލިބިފައިވާ ކުޅުންތެރިއެއް ނޫނެވެ.