ކުޅިވަރު

ޑިޕާއީގެ ފަރާތުން މިއަހަރު އާދަޔާހިލާފު ކުޅުމެއް

ދާދި ފަހުން ބާސެލޯނާ އާއި ގުޅުނު މެމްފިސް ޑިޕާއީ މިއަހަރު އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

މި އަހަރުގެ ތެރޭގައި 38 މެޗދު ކުޅެ ޑިޕާއީ ވަނީ 42 ގޯލް ޖެހުމުގައި ބައިވެރިވެފަ އެވެ. އެގޮތުން އޭނާ ވަނީ 28 ގޯލު ޖަހައި 14 ގޯލު ޖެހުމަށް އެހީތެރިވެ ދީފަ އެވެ.

މިއަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑްކަޕްގެ ކޮލިފައިންގައި ރޭ ނެދަލެންޑްސް ކުޅުނު މެޗުގައި ޑިޕާއީ ހެޓްރިކް ހެދި އެވެ. މިއީ މި އަހަރުގެ ތެރޭގައި އޭނާ ހެދި ފުރަތަމަ ހެޓްރިކެވެ. ނެދަލެންޑްސް އާއި ތުރުކީ ބައްދަލުކުރި މެޗު ނިމުނީ 6-1 ގެ ނަތީޖާއަކުން ނެތަލެންޑްސް ކުރި ހޯދައިގެންނެވެ.

އުމުރުން 27 އަހަރުގެ ޑިޕާއީއަކީ ނެދަލެންޑްސް ޓީމަށް އަށް ވަނައަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ޑިޕާއީ ވަނީ ނެދަލެންޑްސް ޓީމަށް 33 ގޯލު ޖަހައިދީފަ އެވެ. އަދި ރޭގެ މެޗުގައި ޓީމު މޮޅު ކޮށްދިނުމަށް އޭނާ ވަނީ އިސް ދައުރެއް އަދާ ކޮށްފަ އެވެ.

ލިޔޯންގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ޑިޕާއީގެ އެންމެ ރަނގަޅު ފެށުމެއް ފެނިފައި ވަްނީ މިފަހުން ބާސެލޯނާއަށް ބަދަލުވުމަށް ފަހު އެވެ. އޭނާ ވަނީ ލަލީގާގައި ބާސެލޯނާ ކުޅުނު ތިން މެޗުގައި ދެ ގޯލު ކާމިޔާބު ކޮށްފަ އެވެ. އަދި ކޫމަންގެ ކޯޗުކަމުގެ ދަށުން އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

އެންޓޯނިއޯ ގްރީޒްމަން އާއި ލައިނަލް މެސީ ޓީމުގައި ނެތުމުން ގޯލު ޖެހުމުގެ އިތުރުން މޮޅު ކުޅުމެއް ދެއްކުމަށް ޑިޕާއީއަށް ވަނީ ރަނގަޅު ފުރުސަތެއް ތަނަވަސް ވެފަ އެވެ. އަދި މި ސީޒަނުގައި ލަލީގާގެ އެންމެ ގިނަ ގޯލު ޖެހާ ކުޅުންތެރިޔާގެ މަގާމު ހޯދުމަށް ވެސް ޑިޕާއީއަށް ވަރަށް ފަސޭހަ ވެގެންދާނެ އެވެ.