ބިދޭސީން

24،000 ބިދޭސީން ފޮނުވާލައިފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 24،000 ބިދޭސީން ފޮނުވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލު ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިމައުލޫމާތު ހާމަކުރެއްވީ ރ. އަލިފުށީގައި ގާއިމްކުރި ޖޮބް ސެންޓަރު ހުޅުވުމަށް ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒް ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބޭރު މީހުންގެ މައްސަލަ އަކީ ވަރަށް ބޮޑު މައްސަލައެއް ކަަމަށާއި އެކަން އެހެންވީ ޒަމާނުއްސުރެ އެކަން ހައްލުކުރަން މާބޮޑު މަސައްކަތެއް ކޮށްފައިނުވާތީ ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެފަދަ ބިދޭސީން ގަވައިދަށް ފެއްތުމަށް މި ސަރުކާރުން މަސައްކަތް ފެށި އިރު މިހާތަނަށް ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމުގައިވެސް ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަން ހައްލުކުރުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ކޮވިޑުގެ މި ހާލަތާ އެކުވެސް އަޅުގަނޑުމެން ވަަރަށް ހިތްހަމަޖެހޭ ހިސާބަކަށް މިވަނީ އާދެވިފައި. ފުރަތަމަ އެ މަސައްކަތް ފަށައިގެން އަޅުގަނޑުމެން 43،000 އަންޑޮކިއުމަންޓެޑް ފަރާތަކުން ރަޖިސްޓްރީ ކުރި. ހަމަ އެ މަސައްކަތް ފެށިތަނާ އަޅުގަނޑުމެންނަށް ކޮވިޑްގެ ހާލަތާ ކުރިމަތިލާން ޖެހުނީ" ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަމިއްލައަށް އެދިގެން ޑޮކިއުމަންޓް ނެތް 10،000 މީހުން ފޮނުވާލެވުނު ކަމަށާއި އަދި ޑޮކިއުމަންޓްތައް ހަމަކޮށް 150،000 މީހުން ރަޖިސްޓްރީ ކުރެވި ޖުމްލަ 24،000 އެއްހާ މީހުން މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ފޮނުވާލެވުނު ކަމަށެވެ.

ބިދޭސީން ގަވައިދަށް ފައްތާ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 5000 ބިދޭސީން ގަވައިދުގެ ތެރެއަށް ވައްދައި އިތުރު 7000 މީހުން ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ގަވައިދަށް ފެއްތިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ކާމިޔާބު ކަމާއެކު އެ ޕްރޮގްރާމް ވަނީ ކުރިއަށް ގެންދެވިފައި. މިހާރުވެސް އަޅުގަނޑުމެންގެ ހަތް ޓީމެއް ހަތް އަތޮޅެއްގައި ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ މަސައްކަތް މިއަދުވެސް އެބަ ކުރިއަށްދޭ،" ފައްޔާޒް ވިދާޅުވި އެވެ.