ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަތޮޅު ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

Sep 9, 2021

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިލަދުންމަޑުލު އުތުރުބުރީގެ ހަތަރު ރަށަށާއި މާޅޮސްމަޑުލު އުތުރުބުރީގެ ފަސް ރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި އެބޭފުޅުން ވަނީ ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށަށް އިތުރަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ށ. އަތޮޅު ކައުންސިލާއި ރ. އަތޮޅު ކައުންސިލް މެންބަރުންނާއިވެސް ބައްދަލުކުރައްވާ އަތޮޅުގައި ހިނގަމުންދާ ކަންތައްތަކާއި އަތޮޅުގެ ރަށްރަށަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަތޮޅުގެ އެކި ރަށްރަށަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މައުލޫމާތު ހޯއްދަވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. އަލިފުށީގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ހިދުމަތް އިފްތިތާހުކޮށްދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރ. މަޑުއްވަރީގެ މަލްޓި-ޕާޕަސް ހޯލްވެސް ހުޅުއްވައިދެއްވާފައެވެ.

މި ދެ އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޒިޔާރަތް ކުރެއްވި ރަށްރަށުގައި ހިނގަމުންދާ ބައެއް މަޝްރޫއުތައް ބައްލަވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މި ރަށްރަށުގެ ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވައިލައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް މުވައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކޮށްލައްވާ އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެ ގޮތްތައް އެބޭފުޅުންނަށް ވިދާޅުވެދެއްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ށ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ ށ. ފޯކައިދޫ އާއި ރ. އަލިފުށި ސްކޫލުގެ ބައެއް ކްލާސްތަކަށް ޒިޔާރަތްކުރައްވައި ދަރިވަރުންނާއި ބައްދަލުކޮށްލައްވާފައެވެ. އަދި ރ އަތޮޅު ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމުގެ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލްތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށްލައްވާފައެވެ.