ބޮޑު އީދުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުން އއ. ތޮއްޑޫ އަށް ވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން މިއަދު މެންދުރުކުރި ތޮއްޑޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ތޮއްޑޫ އަކީ މިއަހަރުގެ ބޮޑު އީދުގައި އެންމެ ގިނަ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެ އެއް ރަށެވެ. އެރަށުގެ ކައުންސިލުން ވަނީ ސަގާފީ އަދި ޒަމާނީ ކުޅިވަރުތައް ކުޅުމަށް ބޮޑު ހަރަދެއްވެސް ކޮށްފަ އެވެ.
ރައީސްގެ ދެކަނބަލުން ތޮއްޑޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ އެކު މެންދުރުގެ ޖާފަތެއްގައި ބައިވެރިވެވަޑައިގަތެވެ.
ތޮއްޑޫގައި މިރޭ އޮންނަ އީދު ކުޅިވަރުތައް ވެސް ރައީސްގެ ދެކަނބަލުން ބައްލަވާލައްވާނެ އެވެ.
ބޮޑު އީދުގެ އުފަލުގައި ރައީސް ފޮނުއްވި ހިތާބުގައި ވަނީ ޖުތަމައުގައި ހިތްހަމަޖެހުމާއި އަމާންކަން ފެތުރުމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.