ހަބަރު

ރައީސްގެ ދެކަނބަލުން ލަންކާއަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ސްރީލަންކާއަށް އިއްޔެ ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ރައީސްގެ ދެކަނބަލުން ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ރައީސްގެ ދެކަނބަލުން އިއްޔެ ލަންކާއަށް ވަޑައިގެންނެވިއިރު، އެ ދެ ބޭފުޅުންގެ އާއިލީ ބޭފުޅުން އެ ގައުމުގައި ދިރިއުޅުއްވަ އެވެ.

ރައީސްގެ ދެކަނބަލުން ލަންކާއަށް ވަޑައިގެންނެވީ އީދު ޗުއްޓީއާ ވެސް ދިމާކޮށެވެ. ރައީސް ލަންކާއަށް ވަޑައިގެންނެވުމުގެ ކުރިން މި އީދު ބަންދުގައި މާލޭން ބޭރަށް ވަޑައިގެންފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި، ރައީސްގެ އީދު ދަތުރުފުޅު ލަސްކުރެއްވީ، ރާއްޖެއާއި ލަންކާގެ ގައުމީ ވޮލީޓީމް ރާއްޖޭގައި ކުޅުނު ރަހުމަތްތެރި ކަމުގެ މެޗް ބައްލަވާލައްވާފައި ފުރާވަޑައިގަތުމަށެވެ.