ދުނިޔެ

ގަތަރުގެ ފޮރިން މިނިސްޓަރު ކާބުލްގައި

ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އައްސާނީ އަފްޣާނިސްތާންގެ ވެރިރަށް ކާބުލްއަށް ވަޑައިގެންފި އެވެ. މިއީ ތާލިބާނުން އަފްޣާނަށް ވެރިވެގަތް ފަހުން ގައުމެއްގެ ވެރިއަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ޚަބަރުތައް ބުނާ ގޮތުން ބޮޑުވަޒީރު ކާބުލްއަށް ވަޑައިގަތީ ތާލިބާނުން އެކުލަވާފައި އޮތް ވަގުތީ ސަރުކާރުގެ ވެރިންނާ މަޝްވަރާ ކުރެއްވުމަށެވެ.

ތާލިބާނުންގެ ތަރުޖަމާން ސުހައިލް ޝަހީމް ވެސް މި ޚަބަރު ތެދު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އައްސާނީ ކާބުލްއަށް ވަޑައިގެން ވަގުތީ ބޮޑުވަޒީރު މުއްލާ ހަސަން އަޚުންދު އާއި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރެއްވި ކަމަށެވެ.

ޝަހީމް ވިދާޅުވީ ގަތަރުން އަފްޣާން ރައްޔިތުންނަށް ވަރަށް ބޮޑަށް އަޅާލާ ކަމަށާއި ހިފެއްޓުމެއް ނެތް ޝުކުރާއި ތައުރިފް ގަތަރަށް ހައްގު ކަމަށެވެ.

ގަތަރަކީ ތާލިބާނުންނަ ވަރަށް ގާތް ގައުމެކެވެ. އަފްޣާން ސުލްހައިގެ ވާހަކަތައް ގަތަރުގެ ދޯހާގައި ކުރިއަށް ދިއައިރު ގަތަރުން ވަނީ ތާލިބާނުންނަށް ވަރަށް ކަމޭ ހިތާފަ އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުން ވަޒީރު ކާބުލްއަށް ކުރައްވާ ދަތުރުފުޅުގެ ބޭނުމަކީ އަފްޣާންގައި ސުލްހަ ދެމެހެއްޓުމެވެ. ތާލިބާނުން އެގައުމުގައި ސަރުކާރެއް އެކުލަވާލާއިރު ފިކުރީ ގޮތުން ތަފާތު ގަބީލާ / ނަސްލުތަަކަށް ވެސް ފުރުސަތު ހޯދައިދެއްވުމެވެ. އަދި ކާބުލް އެއާޕޯޓް ހިންގަން ފަށާއިރު ތާލިބާނުން އެއްބާރުލުން ދޭނެ ގޮތްތަކެއް ކަނޑައެޅުމެވެ.

ފޮރިން މިނިސްޓްރީން ބުނީ އަފްޣާންއަކީ ޓެރަރިސްޓުންނަށް ޖާގަ ނެތް ގައުމަކަށް ހަދަން މަސައްކަތްކުރާނެ ކަމަށް ތާލިބާނުން އެއްބަސްވި ކަމަށެވެ.

ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އައްސާނީގެ ދަތުރުފުޅުގައި އަފްޣާންގެ ކުރީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންނެވެ. އޭގެ ތެރޭގައި އަބްދުﷲ އަބްދުﷲ އަދި ހާމިދު ކަރުޒާއީ ހިމެނެ އެވެ.

ގަތަރަކީ ތާލިބާނުންގެ މައްޗަށް ވަރަށް ނުފޫޒުގަދަ ގައުމެކެވެ. މަޝްރަހުން ފެންނަ އަލާމާތްތަކަށް ބަލާއިރު ގަތަރުން އެދޭ ކަންތައްތަކަށް ތާލިބާނުން ވިސްނައި ބަދަލުގެންނަ ކަމަށް ފެނެ އެވެ.