އެމްޑީޕީ

މުޒާހަރާއެއްހެން ހީވެސްނުވި އެއްވުމުން އެނގުނީ ކޮންކަމެއް؟

"މިންޖުވާން" ގެ ނަމުގައި އިދިކޮޅު އެމްޑީޕީ އިން އިއްޔެގެ މުޒާހަރާ އަށް ތައްޔާރުވަމުންދިޔައިރު ހީވީ ހަމަ ދެންމެދެންމެ ވެރިކަން ފުރޮޅާލަފާނެހެންނެވެ. ދައްކަމުން ދިޔަ ވާހަކަތަކުން "އަނެއް ދިވެހި ރާއްޖެ" އަށް އިރު އަރައިގެން އަންނަ މަންޒަރު ލޯމައްޗަށް ސިފަވެގެން ދިޔަ ކަމަށް ވެސްް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ބުންޏެވެ. އެކަމަކު ވީކަމެއް ހަރާމެވެ! ވެވުނު މިންޖެއް، ވެވުނު ތައްޔާރީއެއް، ކުރެވުނު ކަމެއް އަދި ހާސިލުކުރެވުނު ކަމެއް ވެސް ނެތެވެ. އާދައިގެ މަތިން ދިޔައީ ތޮޅިއަށެވެ. ދެއްކި ވާހަކަތައްވީ ކަރައަށެވެ!

"ބޮޑޭ، ފިސާރި ބޮޑޭ" ބުނަމުން އައި މުޒާހަރާގެ ބޮޑު މަންޒަރު އޮތް ގޮތަށް ބަލައިލަމާ ހިނގާށެވެ. މިއީ ދުރާލާއި ތައްޔާރުވެގެން އެމްޑީޕީ އިން "ވެރިކަން ވައްޓާލާނަމޭ" ކިޔާފައި މި އަހަރު ބޭއްވި މި ފެންވަރުގެ ތިން ވަނަ މުޒާހަރާއެވެ. ކަސްރަތުގެ ހިނގުމާ އެއްވަރުގެ ހިނގުންތައް މީގެ ތެރެއަށް ނުގުނަމާ ހިނގާށެވެ.

އިއްްޔެގެ މުޒާހަރާ އެމްޑީޕީ އިން ރޭވި ގޮތަށް ކުރިއަށް ނުގެންދެވި ރޫޅިގެން ދިޔައިރު މި އެއްވުމަކީ މީހުންނަށް އަދި ވަކިން ހާއްސަކޮށް އެމްޑީޕީގެ ސަޕޯޓަރުންނާއި ވަފާތެރި އެކްޓިވިސްޓުންނަށް ރަނގަޅު ފިލާވަޅުތަކެއް ނަގައިދިން ނާކާމިޔާބު މުޒާހަރާ އެކެވެ. އެމްޑީޕީގެ މުޒާހަރާ ބުނެދިން ނުވަތަ އަންގައިދިން ކަންތައްތައް ވަރަށް ވެސް ގިނަ އެވެ.

އެމްޑީޕީގެ މުޒާހަރާއެއްހެން ހީވެސްނުވޭ!

މުޒާހަރާއެއްކުރާ ނަމަ އެ ހަރަކާތެއްގެ ފަހަތުގައި އޮތީ އެމްޑީޕީކަން ދެނެގަތުމަށް ވަރަށް ފަސޭހަވާނެ އެވެ. އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟

އެމްޑީޕީގެ ހާއްސަ ސިފައަކީ ހަމައެކަނި އެމީހުންގެ ރަން ރީނދޫ ކުލެއް ނޫނެވެ. އެމީހުންގެ އަދަދުތަކަކީ އެންމެ ފާހަގަކޮށްލެވޭ ސިފަ އެވެ. ވަކިވަކި ޕާޓީތަކަށް ބަލާ ނަމަ، އެމްޑީޕީއާ އެއްވަރަކަށް މީހުން މަގުތަކަށް ނުވަތަ މުޒާހަރާއަކަށް ނެރެވޭނެ ދެ ވަނަ ސިޔާސީ ޕާޓީއެއް މި ރާއްޖެއަކު ނެތެވެ.

އެކަމަކު އިއްޔެ ހަވީރުން ފެށިގެން ރޭގަނޑު އެގާރަގަޑި ބަޔާ ހަމަ އަށް ކުރިއަށް ގެންދެވުނު އެމްޑީޕީގެ އެއްވުން ފާހަގަކޮށްލެވުނީ އާދައިގެ މަތިން މީހުން ގިނަ އެއްވުމެއްގެ ގޮތުގައެއް ނޫނެވެ. މި މުޒާހަރާއެއް ފެށިގެން ކުރިއަށް ގެންދިޔައިރު އެންމެ ބޮޑު ސުވާލަކަށް ވެސް ވެފައި އޮތީ ބައިވެރިވި މީހުންގެ އަދަދާ މެދުގަ އެވެ.

އެމްޑީޕީގެ މުޒާހަރާއެއް ހެން ހީނުވާ މިންވަރަށް އެއްވުމުގެ ބައިވެރިންގެ އަދަދު ވެއްޓިފައިވީމަ އެވެ. އެމްޑީޕީ އިން މިފަހުން މާލޭގައި ބޭއްވި ބޮޑެތި މުޒާހަރާތައް ފެނުނު މީހުންނާއި އެމީހުންގެ ކުރީގެ ވަރުގަދަ މުޒާހަރާތައް ދުށް މީހުން ވެސް މި ވާހަކަ ގަބޫލުކުރާނެ އެވެ. މަޖީދީމަގުގެ އެއްކޮޅުން އަނެއްކޮޅަށް ރަން ރީނދޫ ކުލައިގެ ދޫލައެއްހެން މީހުންނާ އެކު އެމްޑީޕީ ފުރާލައިގެން އަޑުގަދަކުރި ދުވަސް ވެސް ވަނީ ފެނިފަ އެވެ.

ފަހަރެއްގައި އިއްޔެގެ މުޒާހަރާއަކީ އެމްޑީޕީގެ ހަޔާތުގައި ވެސް ބޭއްވި މި ފެންވަރުގެ ބޮޑު އެއްވުންތަކަށް ބަލާއިރު އެންމެ މަދު އަދަދަކަށް މީހުން ބައިވެރިވި މުޒާހަރާ އެވެ. ފުލުހުންނާއި ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ލަފާކުރުންތަކަށް ބަލާއިރު ބައިވެރިންގެ އަދަދު 1500 އަށް ވެސް ނާރަ އެވެ.

މީހުން އެންމެ ގިނަވި ވަގުތު ނަގާފައިވާ ފޮޓޯތަކަށް ބަލައި އަވަސް އިން ލަފާކޮށްފައިވާ އަދަދަކީ 1869 މީހުންނެވެ. އެމްޑީޕީ އިން ލަފާކުރި އަދަދު 25،000 އަށް އަރާއިރު މިއަދު އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި އެމްޕީ އިމްތިޔާޒު ފަހުމީ ވިދާޅުވެފައި ވަނީ އަމަލީގޮތުން މި މުޒާހަރާގައި ބައިވެރިވާ މީހުންގެ އަދަދު 30،000 އަށް އަރާ ކަމަށެވެ.

މައްސަލައަަކީ މިއީ އެވެ. ހަގީގަތް ގަބޫލު ނުކޮށް އެމްޑީޕީ އިން ރީނދޫކުލައިގެ ހުވަފެނެއްގެ ތެރެއަށް މާ ފަސޭހައިން ދަމައިގެންދާތީ އެވެ. މިފަދަ ގޮތަކަށް އެމްޑީޕީގެ އެކްޓިވިސްޓުންނާއި ބައެއް އިސް ބޭފުޅުންގެ ވާހަކަތައް ބެހެއްޓެވުމުން ބުނަން ޖެހެނީ އުމަރު ނަސީރު އިއްޔެ ވިދާޅުވި ވާހަކަ އަކީ ވެސް ހަގީގަތެއް ކަމެވެ.

މުލައްދަނޑީގެ ބާރު ދައްކައިގެން އެމްޑީޕީ އިން ހަޅުތާލާއި ހައިޖާން ހިންގި ޒަމާނަށް އިރު އޮއްސިއްޖެ އެވެ.

ސަޕޯޓަރުންގެ ގިނަ ބަޔަކު މާޔޫސްވެފައި!

އެމްޑީޕީގެ އެއްވުމަށް އެމީހުންނާ ނުގުޅޭ މިންވަރަކަށް މީހުން މަދުވެގެން ދިއުމުގެ ވާހަކަ ދައްކާއިރު މި އަދަދު ރިކޯޑް މިންވަރަކަށް ދަށްވެގެންދިޔަ ސަބަބަކީ ކޮބައިތޯ ބަލަން އެބަޖެހެ އެވެ. މިއީ ވަކިން ހާއްސަކޮށް އެމްޑީޕީ އިން އެ ކަމަކާ ކަންބޮޑުވެ އެ ކަމެއްގެ އަސްލު ހޯދައި އެކަން ހައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލަ އެކެވެ.

މީހުން މަދުވި އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ބެލެވެނީ ގައުމު އަދި ވަކިން ހާއްސަކޮށް އެމްޑީޕީ ވެއްޓިގެން ގޮސްފައި އޮތް ހާލަތުގެ ހިތްދަތިކަމެކެވެ. އެމްޑީޕީގެ ވަރަށް ގިނަ ބަޔަކު ތިބީ ނިކަން ބޮޑަށް މާޔޫސްވެފަ އެވެ.

އެމީހުންގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން، އެމީހުން އެ ބުނާ ގޮތަކަށް ބަދަލުކޮށްލި ހިސާބަކީ މި މާޔޫސީކަމެއްގައި މި ޕާޓީގެ ސަޕޯޓަރުން ބައްދައިގަތް ހިިސާބެވެ. އަނެއްކޮޅުން ނަޝީދު މިހާރު އެ ވަނީ ދިގު މުއްދަތަކަށް ޖަލަށް ލައިފަ އެވެ. އެމްޑީޕީގެ އެހެން ބައެއް ލީޑަރުން ވެސް ތިއްބެވީ ގައުމަށް ވަޑައިގަތުމަށް ކެރިވަޑައިނުގަނެ މާ ދުރު ތަންތަނުގަ އެވެ.

އެހެންވީމަ ބަޔަކު މާޔޫސްވާނީ ވެސް މިވަރަކަށެވެ.

ރަށްރަށުން މީހުން ގެނައިއިރު ވެސް އެއްވުމުގައި ބައިވެރިވި މީހުންގެ އަދަދު 2000 އަށް ނޭރީ މި ސަބަބާ ގުޅިގެން އެއްވުމަށް ނުދިޔަ ބަޔަކު ދުރުގައި ތިބުމުން ކަމަށް ވެދާނެ އެވެ. އެމްޑީޕީ އިން ބުނާ ގޮތުން ރަށްރަށުން މިފަހަރު ވެސް އެތައް ބަޔަކު މުޒާހަރާ އަށް މާލެ އައެވެ. ފަހަރެއްގައި އިއްޔެ ފެނިގެން އެ ދިޔައީ މުޅިން ވެސް އެ މީހުންނެވެ.

ނަތީޖާ ނުނިކުމެ ދިގުލައިގެން ދިއުން!

އެމްޑީޕީގެ އޮފިޝަލުން އަބަދުވެސް މޭފުއްޕާލައްވާފައި ވިދާޅުވަމުން ގެންދަވަނީ މުޒާހަރާގެ ބޭނުމަކީ ވެރިކަން ބަދަލުކުރުމެއް ނޫން ކަމަށެވެ. ނަމަވެސް ހަގީގަތަކީ ރާއްޖޭގެ ސިޔާސީ މައިދާން އޮތް ގޮތުން އެ ނޫން ވަކި އެހެން ސަބަބެއްގައި ދިވެހި ސިޔާސީ އެއްވެސް ޕާޓީއަކުން ދުވަހަކު ވެސް މުޒާހަރާނުކުރާ ކަމެވެ.

ސަރުކާރަކާ ދެކޮޅަށް މުޒާހަރާއެއް ކުރާ ނަމަ އަބަދުވެސް އެކަމެއް ކުރަނީ އެއިރަކު ހުންނަ ވެރިއަކު މަގާމުން ދުރުކުރުމަށް ނުވަތަ ވެރިކަން ބަދަލުކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ. އަނެއްކޮޅުން "މިންޖުވުމުގެ" ނަން އެމްޑީޕީގެ މުޒާހަރާ އަށް ދީފައި އޮތް ސަބަބަކީ ވެސް ކޮބައިކަން ވަރަށް ރަނގަޅަށް އެބައެނގެވެ.

އެއްގޮތަކަށް ވެސް ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންނަށް ރަނގަޅު ރައީސަކަށް ހެއްދެވުމަށް ކެމްޕޭންކުރުމެއް ނޫނެވެ.

ކޮންމެއަކަސް މިފަދަ މަގުސަދުތަކެއްގައި މުޒާހަރާކުރިޔަސް މިހާތަނަށް އެމްޑީޕީގެ އެއްވެސް މުޒާހަރާއަކުން ނަތީޖާ ނުކުމެފައެއް ނުވެ އެވެ. މަޝްވަރާއަކުން ވެސް ލިބުނު މޮޅެއް އެމީހުންނަކަށް ނެތެވެ. ނައިބު ރައީސްކަމަށް ގެންނެވިގޮތަށް އެ މަގާމުން ދުރުކޮށްފައިވާ އަހުމަދު އަދީބަށް ގާނޫނު އަސާސީ އިސްލާހުކޮށްދިނުމަށް ވޯޓް ދީގެން ވެސް އެމްޑީޕީ އަށް ލިބުނީ ކެއްސެކެވެ.

މިއީ އެމްޑީޕީ އިން މިފަހުން ބާއްވާ މުޒާހަރާތަކަށް ނުވަތަ ހިންގާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މީހުން މަދުވާ މުހިންމު ސަބަބެކެވެ. އެމްޑީޕީ އިން ދައްކާ ވާހަކަ އާއި އަމަލު ދިމާނުވާއިރު ކުރާނެ ކަމަށް ބުނާ ނުވަތަ ގަދަބަސް ބުނެ ހާސިލުކުރާނެ ކަމަށް ބުނާ އެއްވެސް ކަމެއް، ހަމަ އެއްވެސް ކަމެއް މިފަހުން ހާސިލުވެފައި ނެތުމެވެ.

ވެރިކަން ވެއްޓުމަކީ އެމްޑީޕީގެ ސިފައެއް ނުވަތަ އެމީހުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ބުންޏަސް އެ ޕާޓީގެ މުޒާހަރާތަކުން ނެރެން ބޭނުންވާ ހަގީގީ ނަތީޖާ އަކީ އެއީ އެވެ. އެކަމަކު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު އެމްޑީޕީ އަށް ޖެހިފައި ވަނީ ސިޔާސީ މައިދާނުގައި ގަނަތެޅިލަތެޅިލަ އުޅޭށެވެ.

ވަފާތެރި އެކްޓިވިސްޓުންގެ ބައިގަނޑެއް ޕާޓީގެ މިފަދަ ހަރަކާތްތަކުގައި ގަވާއިދުން ބައިވެރިވެދާނެ އެވެ. ނަމަވެސް އާންމު ދިރިއުޅުމުގެ ޒިންމާތައް ބޮލުގައި އެޅިފައިވާ މީހަކަށް މި ފުރުސަތެއް ނެތެވެ.

ނަތީޖާއެއް ނުނިކުމެ ދިގު މުއްދަތަކަށް މުޒާހަރާކުރުމުގެ ހިތްވަރެއް ނުވަތަ ޖޯޝެއް އެމްޑީޕީގެ ސަޕޯޓަރުންގެ ކިބައިގައި މިހާރަކު ނެތެވެ.

ކެރިޒްމެޓިކް ލީޑަރެއް ނެތުން!

އެމްޑީޕީގެ އެއްވުންތަކަށް މީގެ ކުރިން ގިނަ އަދަދަކަށް މީހުން އެއްވި އެންމެ މުހިންމު ސަބަބަކީ މުހައްމަދު ނަޝީދެވެ. ރާއްޖޭގެ ސިޔާސީ ކަނޑު ގަދަވެ އެ ބޭފުޅާގެ ވެރިކަން ވެއްޓިގެންދިޔަތާ 24 ގަޑިއިރު ނުވަނީސް މާލެ ގަންބާލެވޭ ވަރުގެ ބައިގަނޑަކާ އެކު އެމްޑީޕީ އަށް ނުކުންނަން ކެރުނު ސަބަބަކީ ވެސް މުހައްމަދު ނަޝީދެވެ.

ހަމައެކަނި އެ ބޭފުޅާ ވާހަކަ ދައްކަވާ މަންޒަރު ބަލައިލުމަށް ވެސް މީހުން ކުރިން އެއްވި އެވެ. މިފަދަ ލީޑަރެއް އެމްޑީޕީގެ ކުރީ ސަފުން ގެއްލިގެން ދިއުމަކީ ހަގީގަތުގައި ވެސް އެ ޕާޓީ އަށް ލިބިގެން ގޮސްފައިވާ ފަޅު ކަމެކެވެ.

އެމްޑީޕީ ގޮވައިގެން މަގުތަކަށް ނުކުންނާނެ މީހުން އެ ޕާޓީގައި މިހާރު ވެސް އެބަތިއްބެވެ. ލީޑަރެއް ނެތީ އެވެ. ބޮޑުބެރަށް ނައްޓަވާނެ ކެރިޒްމެޓިކް ލީޑަރެއް މިހާރު އެމީހުންގެ ނެތީ އެވެ.

ނަޝީދުގެ އިތުރުން އެމްޑީޕީގެ ޕޯޑިއަމްތަކުގައި ކުރިން އެންމެ ބޮޑަށް ފޯރި ނެންގެވި އެއް ބޭފުޅަކަށް ޗެއާޕާސަން އަލީ ވަހީދުވެ ވަޑައިގަންނަވާނެ އެވެ. އަލީ ވަހީދަކީ އެމްޑީޕީގެ "ކްރައުޑް" ކެއްކެވި ބޭފުޅެކެވެ. ކްރައުޑް ކެއްކި މިފަދަ އެއްވެސް ލީޑަރަކު ނުވަތަ ކުޅަދާނަ ވާހަކަދެއްކުންތެރިންތަކެއް މިއަދު އެމްޑީޕީގައި ނެތުމަކީ ހަގީގަތުގައި ވެސް ވަރަށް ސީރިއަސް މައްސަލަ އެކެވެ.

ކެރިޒްމެޓިކް ލީޑަރެއް ނުވަތަ ލީޑަޝިޕެއް ފެންނަން ނެތްތާނގައި އެކަން ފޮރުވުމަކަށް އެމްޑީޕީއަކުން މަސައްކަތެއް ނުކުރެ އެވެ. އާދައިގެ އެކްޓިވިސްޓުންނާއި ތާކުންތާކުނުޖެހޭ ސިޔާސީ އަވަގުރާނަ ގޮވާ ފެންވަރުގެ އެކްޓިވިސްޓުންނަށް ވެސް ޕޯޑިއަމްތަކުން ފުރުސަތު ދެނީ އެވެ. ރަނގަޅެ އެވެ. އެމްޑީޕީ އަކީ އެކްޓިވިސްޓުންގެ ޕާޓީ އެކެވެ. އެހެން ނަމަވެސް އެމްޑީޕީގެ ޕޯޑިއަމަކަށް މީގެ ކުރިން ތާކުންތާކުނުޖެހޭ މީހުން އަރައި އަނގައެއް ނުތަޅަ އެވެ.

މިސާލަކަށް އިއްޔެގެ މުޒާހަރާގައި މީހަކު އަޑުއަހާހިތްވާ ކަހަލަ ނުވަތަ އަޑުއަހާލަން ޝައުގުވެރިވާ ކަހަލަ ވާހަކަތަކެއް ދެއްކީ ކޮން ބޭފުޅެއް ހެއްޔެވެ؟ މަޝްހޫރުކަން ހޯދަމުން އަންނަ ޒުވާން އެކްޓިވިސްޓް މުހައްމަދު ވަހީދަށް ކޮށްލެވުނު ވަރު ކޮށްލެވުނު ލީޑަރެއް ވެސް ފެނިގެނެއް ނުދިޔަ އެވެ.

މިސާލަކަށް އެ ޕާޓީން ބޭރުކޮށްލާފައިވާ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުމެން ފަދަ ފޯރިގަދަ ވާހަކަދެއްކުންތެރިން ވެސް ނިކަން ބޮޑަށް އެމްޑީޕީގެ ހަރަކާތްތަކުން "މިސްވާކަން" ފާހަގަކޮށްލެވެ އެވެ.

އެމްޑީޕީ އިން "ބާޣީންނަށް" ބައިއަތު ހިފުން!

މިއީ އެމްޑީޕީގެ ނިކަން ވަފާތެރި ސަޕޯޓަރުން އެމީހުންނަށް ފޫހިކޮށްލި ސަބަބެކެވެ. ރަނގަޅެވެ. އެމްޑީޕީ އިން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަދި މި ނޫން ވެސް އެމްޑީޕީ އިން ކުރިން "ބާޣީން" ގެ ޓެގު ޖެހި ފަރާތްތަކަށް މިހާރު ސަޕޯޓްކުރަމުން ދަނީ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމުގެ ބޭނުމުގަ އެވެ.

އެމްޑީޕީގެ ހިތް އެމީހުންނަކަށް ހަލާލެއް ނޫނެވެ. އެކަމަކު ބޭރުފުށުން މި އުޅެނީ "ކުރިން ބާޣީންނަށް" ހެދި ސިޔާސީ ހަތުރުން "ޣާޒީންނަށް" ހަދައިގެންނެވެ. މިއީ އެމްޑީޕީގެ ފިކުރު މިފަހުން ކޮރަޕްޓްވެ ހަގީގީ ނުވަތަ ލޯޔަލް ބައެއް ސަޕޯޓަރުން އެ ޕާޓީގެ ހަރަކާތްތަކުން ޗުއްޓީއެއް ނަގަން މަޖުބޫރުކުރުވި ކަމެކެވެ.

ކާނަލް ނާޒިމަކީ 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވައްޓާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އެއް ބޭފުޅާ އެވެ. މިއީ އެމްޑީޕީ އިން ގަބޫލުކުރާ ގޮތެވެ. އިމްރާނަކީ އަނެކަކެވެ. ދެން ހުރީ އަނެކަކެވެ. އަދި އެއަށް ފަހު އަނެކަކެވެ.

އެހެން ނަމަވެސް މިއަދު މި ފެންނަނީ ލީޑަރުންގެ ދާއިރާ އިން ނިކަން ބޮޑަށް ބަލިކަށިވެފައި އޮތް އެމްޑީޕީގެ ކުރީ ސަފުގައި "ކުރީގެ ބާޣީން" ނިކަން ގަދަ އަށް ވަކި ހިއްޕާލާފައިވާ ތަނެވެ. އެމްޑީޕީގެ ލީޑަޝިޕްގައި ނުވަތަ މުޒާހަރާއަކަށް ނުކުންނައިރު ކުރީ ސަފުގައި ތިބެނީ އެ ޕާޓީގެ އޮރިޖިނަލް މެމްބަރުންގެ ތެރެއިން ކިތައް ބޭފުޅުންތޯ މިއީ ޚުދު އެމްޑީޕީގެ ސަޕޯޓަރުން ވެސް ސުވާލުކޮށް ޖަވާބު ހޯދާލުން މުހިންމު ސުވާލެކެވެ.

އެމްޑީޕީ ނޫން އެހެން މީހުންގެ ބާރު އެ ޕާޓީގެ ކުރީ ސަފުގައި ނުވަތަ އާންމުންނަށް ފެންނަން އޮންނަ ސަފުގައި މާ ގަދަ އެވެ. މި މަންޒަރު ފެނުމުން އެމްޑީޕީގެ ލޯޔަލް މެމްބަރުންގެ ހިތުގައި ޖެހޭނެ އެވެ.

ކެހިދިން ބަޔަކަށް ނުވަތަ ލަނޑުދިން ބަޔަކަށް މައާފްކުރިޔަސް މައްސަލައެއް ނެތެވެ. ޕާޓީގެ އެންމެ މުހިންމު ސިޔާސީ ހަރަކާތްތަކާއި ސިޔާސީ ޕޯޑިއަމްތަކުން އެފަދަ ފަރާތްތަކަށް ފުރުސަތު ދިނީމަ އެމްޑީޕީ އިތުރު ވަޅުގަނޑަކަށް ވެއްޓިގަންނަނީ އެވެ.

އިހަކަށް ދުވަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ވަރުގެ ނުބައި ނުލަފާ މީހަކު ވެސް އެމްޑީޕީއަކަށް ނެތެވެ. މިއަދު އެ ބޭފުޅާ ވަރުގެ "އިނޮސެންޓް" ބޭފުޅަކު ނެތެވެ. މާދަމާ ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަން ދޫކޮށް އެމްޑީޕީގެ ހަރުގެއަށް ވަޑައިގެންނެވީމަ އެ ބޭފުޅާ އަށް އެމްޑީޕީ އިން ނޮބެލްގެ ސުލްހައިގެ އިނާމް ވެސް ދޭނެ އެވެ.

މިއީ އެމްޑީޕީ ހަމައިން ނެއްޓިގެންގޮސްފައި އޮތްކަން ހާމަކޮށްދޭ ހެކިތަކެވެ.

ކޯލިޝަނެއްގެ ހިމާޔަތް ލިބިފައި ނެތުން!

އެމްޑީޕީ އަށް 2008 ވަނަ އަހަރުގެ ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނީ 24 ޕަސެންޓްގެ ވޯޓެވެ. އެއީ އެކަނި އެ ރޭހުގައި ވާދަކޮށްގެންނެވެ. ދެ ވަނަ ބުރުން ވެރިކަން ލިބުނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެކޮޅު އެހެން ހުރިހައި ސިޔާސީ ޕާޓީތަކެއް އެމްޑީޕީގެ ފަހަތަށް އެރީމަ އެވެ.

އަދި 2012 ވަނަ އަހަރު ވެރިކަން ވެއްޓުނީ އެ ޕާޓީތައް ގޮސް މައުމޫނަށް ބައިޣަތު ހިފި ހިސާބުންނެވެ.

މިއީ ކޯލިޝަނަކާ ނުލައި އެމްޑީޕީގައި ވެސް އެއްވެސް ބާރެއް ނެތްކަން ސާބިތުކޮށްދޭ ކަމެކެވެ. އެމްޑީޕީ އަކީ ވެސް އާދައިގެ ސިޔާސީ ޕާޓީއެއްކަން ސާފުކޮށްދޭ ކަމެކެވެ.

މިހާރު މި ޕާޓީއަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ވެސް މިއީ އެވެ. އެހެން ޕާޓީއެއްގެ އެހީ ބޭނުންނުވާ ކަމަށް އެމްޑީޕީ އަށް ހީކުރެވުނަސް އެވަރުގެ ބާރެއް ޕާޓީގައި ނެތެވެ. ފަހަރެއްގައި އަދާލަތު ޕާޓީގެ ބައެއް މީހުންނާއި ނާޒިމްގެ ސަޕޯޓަރުންނާއި އަދީބުގެ ސަޕޯޓަރުން ވެސް ހަރުގެއަށް ވައްދައިގެން އެމްޑީޕީ އިން ހަރަކާތްތައް ކުރިއަށް ގެންދަނީ އެކަން އެނގޭތީ ކަމަށް ވެސް ވެދާނެ އެވެ.

ކޯލިޝަނެއް ނުވަތަ ބާރުގަދަ ސިޔާސީ ދެ ވަނަ ޕާޓީއެއް ނެތްތަން ވަރަށް ބޮޑަށް އެބަ ދައްކަ އެވެ. ހާއްސަކޮށް ގާސިމް އިބްރާހިމް ފަދަ ފައިސާވެރި ސިޔާސީ ލީޑަރެއްގެ ބޭނުން އެމްޑީޕީ އަށް މިވަގުތު މުހިންމެވެ. އާދައިގެ ސިޔާސީ އެކްޓިވިސްޓުންނާ އެކު ވެރިކަން ލިބިދާނެ ކަމަށް ހީވާ ނަމަ އެއީ ނިކަން ބޮޑު ކުށްހީއެކެވެ.

އެހެންކަމުގައިވާ ނަމަ މުހައްމަދު ނަޝީދާ އެކު ނުކުމެ އެމްޑީޕީ އަށް ވެރިކަން ލިބޭނެ އެވެ. ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އަދި އެންމެ ނުފޫޒުގަދަ އެކްޓިވިސްޓަކީ އެ ބޭފުޅާ އެވެ. އެކަމަކު އެ ބޭފުޅާ އަށް ވެސް ވެރިކަމަށް ވަޑައިގަނެވުނީ ބާރުގަދަ އެހެން ލީޑަރުންތަކެއް ވެސް އެހީތެރިވެގެންނެވެ.

ބައެއް ފަހަރަށް ހަމައެކަނި ކެރިޒްމާ އަކުން ވެސް ނުފުދެ އެވެ.

އަބަދާއި އަބަދު މުޒާހަރާއެއް ނުކުރެވޭނެ!

މިއީ ވެސް މިފަހުން އެމްޑީޕީގެ މުޒާހަރާތަކުގައި ބައިވެރިވާން ބައެއް މީހުން ބޭނުން ނުވާ ސަބަބެވެ. މި މުޒާހަރާއެއްކޮށް ކޮޅުން ނުލި އެވެ.

ދިވެހިންނަށް ފެނިގެން ގޮސްފައި ވަނީ 23 ޑިސެމްބަރޭ ކިޔުނު ކޯލިޝަނަކުން މި ވެނި ދުވަހެއްގައި ވެރިކަން ބަދަލުކުރާނެ ކަމަށް ބުނެ މުޒާހަރާކުރަމުން ގޮސް ހަމަ އެ ދުވަހަށް ނަޝީދުގެ ވެރިކަން ބަދަލުކޮށްލިތަނެވެ. މި މަންޒަރު ފެނިފައި އޮތުމުން ހަމަ އެގޮތަށް މިއަދުގެ ވެރިކަން ވެސް ބަދަލުވެގެންދާ ބޭނުންވާ މީހުން އެމްޑީޕީގެ އެކްޓިވިސްޓުންގެ ގޮތުގައި އެބަތިއްބެވެ.

ނަމަވެސް ވެރިކަން ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަމެއް ނުވަތަ ވައްޓައިލެވިދާނެ ކަމުގެ ޔަގީންކަމެއް ވެސް ދެވޭ ވަރުގެ ލީޑަޝިޕެއް އެމްޑީޕީއަކު ނެތެވެ. އެހެންވީމަ މުހައްމަދު ނަޝީދު އުމުރު ދުވަހު މުޒާހަރާ ކުރެއްވިޔަސް އެ ހިތްވަރެއް އެމްޑީޕީގެ އެންމެންގެ ކިބައިގައެއް ނެތެވެ.

އަމާޒު ލާހޫރޭގެ ދަރަޖަ އަށް އެމްޑީޕީ ވެސް ފެތޭ!

އެމްޑީޕީގެ ސަޕޯޓަރުން ރައީސް ޔާމީން ސިފަކުރަނީ އަމާޒުން ކައްސާލައްވާފައި ހުންނެވި ވެރިއެއްގެ ގޮތުގަ އެވެ. ވަނަމަކަށް އެހެންވެ މި ގޮވަލީ "އަމާޒު ލާހޫރޭ" ގެ ނަމުންނެވެ. އެއީ "އަމާޒް ޔަގީން" ކަމަށް ބުނެ ޕީޕީއެމުން ޖައްސާ ކެމްޕޭނަކަށް މަލާމާތްކޮށެވެ.

އެހެން ނަމަވެސް ހަގީގަތަކީ މިއީ އެވެ. އަމާޒު ލާހޫރޭއެއްގެ ދަރަޖަ އަށް އެމްޑީޕީ ވެސް މިއަދު އެބަ ފެތެވެ.

އެމްޑީޕީގައި އޮތީ ކޮން އަމާޒެއް ހެއްޔެވެ؟ އެމީހުންގެ މިސްރާބަކީ ކޮބައި ހެއްޔެވެ؟ މުޅި ޕާޓީ އެ ވަނީ ބޮއްސުންލައިގެން ގޮސް ރޫޅިފަ އެވެ. ސިޔާސީ ހަރަކާތްތަކުގައި ރޭވުންތެރިކަމެއް ނުވަތަ އާރުލާ ވިސްނުމެއް ނެތެވެ.

އެމްޑީޕީ އަށް ތިޔަހެނެއް ނުކިޔޭނެ!

ނަޝީދުގެ ވެރިކަން ވައްޓާލަން ނުކުތް 23 ޑިސެމްބަރުގެ މުޒާހަރާގެ ބައިވެރިން ރާޅުގަނޑު ސަރަހައްދަށް ނުކުމެ، މޫދުން ވުޟޫކޮށް އެތަނުގައި ނަމާދުކޮށް ދުޢާކުރުމުން އެމްޑީޕީ އިން އެކަމަށް ނިކަން ބޮޑަށް ހަޖޫޖަހައި ކުށްވެރިވެސް ކުރި އެވެ. ނަޝީދު ވެސް އެ އަމަލަށް ހަޖޫޖެއްސެވި އެވެ.

ނަމަވެސް އިއްޔެ ފެނިގެން ދިޔައީ އެމްޑީޕީ އިން ހަޖޫޖަހައި މަލާމާތްކުރި ކަންތައް އެމީހުން ކޮށް އުޅުނު މަންޒަރެވެ. އާޓިފިޝަލް ބީޗުން ވުޟޫކޮށް ނަމާދުކުރި މަންޒަރެވެ. ނުވިތާކަށް ގިނަ މީހުން ނަމާދަށް ތިބީ ނަޝީދުގެ މޫނު ޖެހި ޓީޝާޓުލައިގެންނެވެ.

މި ހުންނަނީ ސިޔާސީ ވާދަވެރި ހަރަކާތްތަކަށް ނުކުމެ އުޅޭއިރު ބޯބަހައްޓަން ޖެހޭ ކަންކަމެކެވެ. ބޯ ނުބެހެއްޓިއްޖެ ނަމަ އަތަށް ގޮވައި ފާޑުކިޔުން އަމާޒުވެ ޕާޓީގެ އަގު ބައެއްގެ މެދުގައި ވެއްޓިގެން ނުވަތަ ވައްޓާލަން އެހެން ބަޔަކަށް ވެސް ފުރުސަތު ލިބޭ ކަންކަމެވެ.

އިއްޔެ ފެނުނު މި މަންޒަރުތަކަށް ބަލާއިރު އެމްޑީޕީ އަކީ އެމީހުން ދައްކާ ވާހަކަތަކާ އަމަލާ ދިމާނުވާ ޕާޓީއެކޭ ބުނެވިދާނެ އެވެ.

ނަޝީދާ ނުލައި ހަމަ އެއްކަމެއް ވެސް ނުކުރެވޭ!

އިއްޔެގެ އެއްވުމުގެ އެތަނުގައި ބޮޑުބެރު ޖެހިއިރު އެތަނުގައި ނަޝީދު ހުންނެވި ނަމަ ބޮޑުބެރަށް އެ ބޭފުޅާ ނައްޓަވާނެ އެވެ. އެ ބޭފުޅާ ނެތީމަ އެފަދަ ކަމެއްކޮށްލަން ވެސް ކެރުނު އެހެން ލީޑަރެއް ނެތެވެ.

ރަނގަޅަށް ތަގުގީރުގަނޑެއް ވެސް ދެވުނު ބޭފުޅެއް ނެތެވެ. އެންމެން ވެސް ނަޝީދުގެ ރާގު ލައްވާފައި ވާހަކަ ދައްކަވަން މަސައްކަތްކުރެއްވީމަ ކޮށިއަރަނީ އެވެ.