ގައުމުގެ ރިޔާސީ އިންތިހާބަށް ދާދި ވަގުތު ކުޑަތަންވެފައިވަނިކޮށް ވެރިކަން ކުރަމުން އަންނަ ޕާޓީ، އެމްޑީޕީ ގެ އެތެރޭގައި ވަރުގަދަ ކޯޅުންގަނޑެއް މިވަނީ ތިލަވެފަ އެވެ. އިއްޔެގެ ވަގުތެއްގައި ކުއްލި އަކަށް ނެގި ރާޅެއްގައި ގުގުމައިގެން ދިއައީ ރިޔާސީ އިންތިހާބަށް ކުރިމަތިލާއިރު މިވަގުތު ވެރިކަން ކުރަމުން އަންނަ އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ރަނިންމޭޓަކާމެދު އެވެ.
ރާއްޖޭގެ ސިޔާސީ ނިޒާމް ގައި ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅަކު އެބޭފުޅެއްގެ ރަނިންމޭޓަކު ކަނޑައަޅަންޖެހެ އެވެ. ސަބަބަކީ ރައިސުލްޖުމްހޫރިއްޔާ ގެ މަގާމް އަދާކުރެއްވުމުގައި އުޒުރުވެރިވާ ހާލަތެއްގައި ގައުމުގެ ކަންކަން ވަގުތީ ގޮތުން ހިންގުމާއި ހަވާލުވާނެ ބޭފުޅެއް ބެހެއްޓުމެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވާ ބޭފުޅެއްގެ ރަނިންމޭޓަކީ އިންތިހާއަށް މުހިންމު އަދި ސީރިއަސް މަސްއޫލިއްޔަތެއް އުފުއްލަވަންޖެހޭނެ ބޭފުޅެކެވެ. ވުމާއެކު މިއީ އާދައިގެ އަދި ފަސޭހަ ކަމެއްވެސް ނޫނެވެ. އެހެނީ އެ ބޭފުޅަކީ ނުހަނު ގާބިލް ބޭފުޅަކަށް ވެފައި ގައުމުގެ މަސްލަހަތު ދިފާއު ކުރުމަށް މެދުވެރިވެދާނެ ބޭފުޅަކަށްވުމެވެ.
އިއްޔެ ގެ ވަގުތެއްގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭން ދަތުރުފުޅެއްގައި ވ ފުލިދޫ ގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބް ނުހަނު ގާތްވެފައިވާއިރު އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ އެންމެ ބޮޑު މައްސަލަ އަކީ ރަނިންމޭޓަކު ކަނޑައެޅުން ކަމުގައިވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ޕާޓީ ތެރޭގެ އިސް ބޭފުޅުންގެ ނަންތައް ވެސް އެމަނިކުފާނާއި ހަމައަށް އެބަ އަންނަ ކަމަށާއި އެކަމާއި އެމަނިކުފާނު ޕާޓީގެ ބޭފުޅުންނާއި ކޮންމެ ދުވަހަކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އޯގަސްޓް 7 ވަނަ ދުވަހާއި ހަމައަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލާފައިވާއިރު ކޮންމެ ކެންޑިޑެސީ އަކާއެކު ރަނިންމޭޓަކު ހުށަހަޅަން ޖެހޭތީ އެކަން ކުރަން މިއޮތީ ހުރިހާ ފަރާތްތަކަށްވެސް އަވަހަށް ނިންމަންޖެހިފައެވެ.
މި ހުރިހާ ޕްރެޝަރަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ރަނިންމޭޓަކު ކަނޑައެޅުމުގެ މަސައްކަތުގައި ވަރުގަދަ ކޯޅުންތަކެއް އެމްޑީޕީ ތެރޭގައި ވެސް މިވަނީ އުފެދިފަ އެވެ. ޕާޓީ ތެރޭގައި މިވަގުތު ރަނިންމޭޓަކަށް ޝައުގުހުރި ބޭފުޅުންގެ ނަންތަކެއް ހިމެނޭ ލިސްޓެއް ގެންގުޅެމުން އަންނަކަން ވެސް ވަނީ ހާމަވެފަ އެވެ. މި ލިސްޓްގައި މިހާރުގެ ރަނިންމޭޓް ފައިސަލް ނަސީމާއި، ރައީސް ސޯލިހުގެ އެންމެ އަރިސް ބޭފުޅުން ކަމުގައިވާ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދާއި އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ގެ އިތުރުން އެ ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ގެ ނަންފުޅުވެސް ހިމެނެ އެވެ. މި އިން ކޮންމެ ބޭފުޅަކުވެސް މިވަނީ ރައީސް ސޯލިހުގެ ސަރުކާރުގައާއި ޕާޓީ ގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.
މީގެ އިތުރުންވެސް ޕާޓީގެ އިސް އެހެން ބޭފުޅުން ވެސް މިކަމަށް ޝައުގުވެރިކަން ހުރުން އެކަށީގެންވެ އެވެ. މިހާރުވެސް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ އެމްޑީޕީގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރު ރީކޯ މޫސަ އާއި މިނިސްޓަރ ފައްޔާޒާއި ދެމެދު މިވަނީ ބަހުގެ ހަމަލަތަކެއް ބަދަލުކޮށްފަ އެވެ. މިނިސްޓަރ ފައްޔާޒް ވިދާޅުވެފައިވަނީ ފައްޔާޒް ރަނިންމޭޓްކަން ބޭނުންވެގެން އުޅުއްވާ ވާހަކަ ދައްކަވަނީ މޫސަ ކަމަށެވެ. ރައްދުގައި މޫސަ ވިދާޅުވެފައިވަނީ އެފަދަ ދޮގުވާހަކަ ނުފެތުރުމަށް ފައްޔާޒަށް ގޮވާލާފަ އެވެ. ފައްޔާޒް އިތުރަށް ވިދާޅުވެފައިވަނީ ރަނިންމޭޓަކަށް ވުމަށް އޭނާ ގެ ޝައުގުވެރިކަމެއް އެއްވެސް މިންވަރަކަށް ނެތްކަމަށެވެ.
އަދި ފޮރިން މިނިސްޓަރު ޝާހިދު އާއި ނޫސްވެރިއަކު ރަނިންމޭޓް ކަމުގެ ޝައުގު ހުރިތޯ ސުވާލް ކުރުމުން އެމަނިކުފާނު ވެސް ވަރަށް އީޖާބީ ގޮތެއްގައި ވަނީ ސްމައިލީ އިމޯޖީ އެއް ރައްދުގައި ފޮނުއްވާފަ އެވެ.
އަނެއްކޮޅުން ޖޭޕީގެ ސްލޮޓެއްގައި ވަޑައިގެންނެވި މިހާރުގެ ރަނިންމޭޓް ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެމަނިކުފާނަށް އަލުން ރަނިންމޭޓްކަން ހުށަހަޅުއްވައިފިނަމަ އެކަން ބަލައިގަންނާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން ރަނިންމޭޓް ކަމަށް އެމަނިކުފާނުގެ ޝައުގުވެރިކަންވެސް އެބަހުއްޓެވެ. އެމަނިކުފާނުވަނީ މިހާރު އޮތް ސަރުކާރު އެ ގޮތުގައި ދެމެހެއްޓުމަށްޓަކައި އެމަނިކުފާނު ނިސްބަތްވާ ޕާޓީ، ޖޭޕީ ވެސް ދޫކުރައްވައި ރައިސް ސޯލިހުގެ ކެމްޕޭންގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
މީގެ އިތުރުން ސަރުކާރާއެކު މިހާރު ކޯލިޝަން ހަދާފައިވާ އެމްޑީއޭ އަދި އަދާލަތު ޕާޓީ އަށް ވެސް މި ފުރުސަތު އެބައޮތެވެ.
ކޮންމެއަކަސް މިފަހަރުގެ ރަނިންމޭޓްކަން ކަނޑައެޅުމުގައި ރައީސް ސޯލިހަށް ހަމަ ހަގީގަތުގައިވެސް މިވަނީ މައްސަލަ އަކަށްވެފަ އެވެ. ރިޔާސީ އިންތިހާބް 2018 ގައި އިދިކޮޅު ކޯލިޝަނުން ރައީސް ކަމަށް އެމްޑީޕީގެ ކެންޑިޑޭޓަކަށް އެއްބަސްވިއިރު އެ ކޯލިޝަނުން ރަނިންމޭޓަކަށް އެއްބަސްވީ ޖޭޕީ ގެ ކެންޑިޑޭޓަކަށެވެ. އެހެންކަމުން ރައީސް ސޯލިހަށް އެފަހަރު ރަނިންމޭޓަކު ކަނޑައަޅުއްވަން ސީދާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިނުވެ އެވެ. ކުރީ ފަހަރުތަކާއި ޚިލާފަށް މިފަހަރު އެމަނިކުފާނުގެ ޕާޓީ އެތެރޭން ބޭފުޅުންގެ ޝައުގު މިކަމަށް މިވަނީ ބޮޑުވެފަ އެވެ. އަދި ކޯލިޝަންގެ ބޭފުޅުންވެސް މިކަމަށް ޝައުގުވެރިވެ އެވެ.
އެހެންކަމުން ރައީސް ސޯލިހް މިފަހަރު ރަނިންމޭޓަކަށް ކަނޑައަޅުއްވާ ބޭފުޅަކުން ސަރުކާރު ކޯލިޝަން އިތުރަށް ބާރުގަދަވުމާއި ތާއީދު އިތުރުވުމާއި ދެރަވުން މި އޮތީ ގުޅިލާމެހިފައެވެ. މިއީ ހަގީގަތުގައިވެސް ވެރިކަމުގައި ހުންނެވި ރައީސް ސޯލިހާއި ކޯލިޝަނަށް މިވަގުތު ކުރިމަތިވެ އަވަހަށް ހައްލުކުރަން ޖެހިފައިއޮތް ހައްސާސް ގޮންޖެހުމެކެވެ.