މި ސަރުކާރު އައުމަށް ފަހު ކުރި މަސައްކަތްތަކާއެކު ހިއުމަން ޓްރެފިކިންއަށް ނިމުމެއް ގެނެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިވަގުތު އުޅޭ ބަންގްލަދޭޝް މީހުނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ސާފު ކުރަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ. އަދި އެ ފުުރުސަތުގެ ތެރެއިން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ވަނީ ރާއްޖޭގައި އަދިވެސް ހިއުމަން ޓްރެފިކިން ހިނގާތޯ ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ ރާއްޖޭގައި ހިންގަ ވަގު ވިޔަފާރި ބޮޑަށް ގުޅިފައި އޮންނަނީ ބަނގުލަދޭޝް މީހުންނާ ގުޅިފައި ކަމަށާއި އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާއިން އަންނަ މީހުން އެ މިންވަރަށް އެ ވިޔަފާރި ނުކުރާ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ އެކަން މީގެ ކުރިން އޮތީ ބަލަންވާވަރަށް ނުބަލައި ދޫކޮށްލައިފައި ކަަމަށާއި އޭގެ ނާޖައިޒު ފައިދާ އެތައް ބަޔަކު ނަގަމުން ދިޔަ ކަމަށެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެ މަސައްކަތާ އޭނާ ހަވާލުވި ފަހުން ހިއުަމަން ޓްރެފިކިންގެ މައްސަލަ ނުހިނާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެހެން ނަމަވެސް ރަނގަޅުކުރަން ޖެހޭ ބައިވަރުކަންތައް އަދިވެސް އެބަހުރި ކަމަށެވެ.
"އަޅުގަނަޑު ދެކޭގޮތުގައި އަޅުގަނޑު އައިސް ބަނގުލަދޭޝުން ލޭބާ މޮރިޓޯރިއަމް ކެޓަގަރީއެއް ގެނައުމާ ގުޅިގެން އަހަރެއްގެ މައްޗަށް ބިލިއަނެއްހާ ރުފިޔާގެ ވިޔަފާރި މަތީގައި އަޅުގަނޑު އިށީނދެގެން މި އިންނަނީ. މިއީ ގާނޫނާ ހިލާފު ހިއުމަން ޓްރެފިކިންގެ ވިޔަފާރި. މައިގަނޑުކޮށް އެކަމުގައި އުޅެނީ ބަނގުލަދޭޝް މީހުން. އެކަމުގައި ހިމެނޭ ދިވެހިން ވެސް. އަދި ސަރުކާރު މުއައްސަސާތަކުގެ މީހުން ވެސް." ފާއްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ 2020 ވަނަ އަހަރު ވޯކް ޕާމިޓް ދޫކުރީ 89 މީހުންނަށް ކަމަށާއި އަދި މިއަަހަރު އެންމެ 24 މީހުންނަށް ކަމަށާއި އޭގެ ކުރިން އަހަރަކު 20،000 އެއްހާ މީހުންނަށް އަހަރަކު ވޯކް ޕާޓިން ދޫކުރި ކަމަށެވެ. އެހެންކަމުން މިހާރު ހިއުމަން ޓްރެފިކިން ނުހިނގާ ކަމަށެވެ.
އެމެރިކާ ސަރުކާރުން ވަނީ 2017 ވަނަ އަހަރު، ރާއްޖޭގެ ހިއުމަން ޓްރެފިކިން ރެކޯޑަށް ބެެލުމަށްފަހު، ޓްރެފިކިން ވޮޗްލިސްޓުގައި ރާއްޖެ ހިމަނައި ކޮންމެ އަހަރަކު ނެރޭ ޓްރެފިކިން އިން ޕާސަންސް (ޓިޕް) ރިޕޯޓުގެ ޓިއާ ތިނަަކަށް ރާއްޖެ ދަރަޖަ ކޮށްފަ އެވެ. ނަމަވެސް މި ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން ޓިއާ ދޭކަށް ރާއްޖޭ ވަނީ ޕްރޮމޯޓްކޮށްފަ އެވެ.