ދުނިޔެ

ހަތަރު އަހަރުގައި ވަގަށް ނެގި ކުއްޖަކު 42 އަހަރު ފަހުން ފެނިއްޖެ

Jan 16, 2015

އުމުރުން ހަތަރު އަހަރުުގައި މީގެ 24 އަހަރު ކުރިން ވަގަށް ނަގާފައިވާ ޗައިނާ ކުއްޖަކު ފެނި އާއިލާއާ ބައްދަލުކޮށްފި އެވެ.

ތަރުކާރީ މާރުކޭޓެއްގެ ތެރެެއިން 1991 ވަަނަ އަހަރު ވަގަށް ނަގާފައިވާ ކުއްޖާގެ ނަމަކީ ސުން ބިން އެވެ. ޗައިނާގެ މީޑިއާގައި ބުނެފައި ވަނީ އެ ކުއްޖާ ވަގަށް ނަގާފައި ވަނީ ކުޑަކުދިން ވަގަށް ނަގައި ވިއްކާ ގްރޫޕަކުން ކަމަށެވެ. ސިޗުއާން ޕްރޮވިންސުގައި ވަގަށް ނެގި މި ކުއްޖާ ވިއްކާލާފައި ވަނީ އެތައް ހާސް މޭލެއްގެ ދުރުގައި އޮންނަ ޖިއަންގްސޫ ޕްރޮވިންސްގެ އާއިލާއަކަށެވެ.

ވަގަށް ނެގިތާ 24 އަހަރު ފަހުން ސުން ބިން އޭނާގެ 60 އަހަރުގެ ބައްޕަ އާއި އަންހެން ކޮއްކޮއާ ބައްދަލުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އަންހެން ކޮއްކޮ އަކީ ސުން ބިން ގެއްލުނު ފަހުން ލިބިފައިވާ ކުއްޖެއް ކަމަށް ވާތީ މިއީ ކޮއްކޮއާ ދިމާވި ފުރަތަމަ ފަހަރެވެ. މި އާއިލާ ބައްދަލުކޮށްފައި ވަނީ ޕޮލިސް ސްޓޭޝަނެއްގަ އެވެ. މި ދެބަފައިން ވަނީ އެކަކު އަނެކަކަށް ފެނުމާ އެކު ބައްދައިގަނެ ރޮއެފަ އެވެ.

ކުޑަކުދިން ވަގަށް ނެގުމާއި ޓްރެފިކް ކުރުމަކީ ޗައިނާގައި މިހާރުވެސް ވަަރަށް ބޮޑު މައްސަލައެެކެވެ. ސިއްހަތު ރަނގަޅު ކުދިން، މުއްސަނދި އާއިލާތަކަށް މިހާރުވެސް ވިއްކަ އެވެ. މިގޮތުން، އާއިލީ ޒިންމާތައް ނަގައިގެން އުޅޭނެ ފިރިހެން ކުދިން ބޭނުންވާ އާއިލާތަކަށް، ސިއްހަތު ރަނގަޅު ފިރިހެން ކުދިން ބޮޑު އަގުގައި ވިއްކަ އެވެ.

މި ހަފުތާގެ ކުރީކޮޅު ޗައިނާ ފުލުހުން ބުނެފައިވާ ގޮތުގައި، ކުޑަކުދިންގެ ވަގު ވިޔަފާރިކުރާ ގްރޫޕެއް ފަޅާއަރުވާލައި، ތުއްތު 37 ކުއްޖަކު ވަނީ ސަލާމަތްކޮށްފަ އެވެ. މި ގްރޫޕުން ކުއްޖަކު ވިއްކަނީ ގާތްގަނޑަކަށް 13000 ޑޮލަަރަށް ކަމަށްވެ އެވެ. -- ސީއެންއެން