ހިޔާ މަޝްރޫއު

ހުސްވާ ފްލެޓްތައް ލިސްޓުގެ ތަރުތީބުން ދޫކުރާނެ

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ބައެއް މީހުން ތެރެއިން ވިނަރެސް ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކުގެ އެޕާޓްމަންޓް ދޭނީ ފްލެޓު ލިބުނު މީހުންގެ ލިސްޓުގައި ޕޮއިންޓް ލިބިފައިވާ ތަރުތީބުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ ފަންނީ ކެޓަގަރީން ފްލެޓް ލިބުނު މީހުންނަށް ސަރުކާރުގެ އެހެން މަޝްރޫއަކުން ފްލެޓް ބޭނުން ވާނަމަ ކުރިމަތިލާން ފުރުސަތު ދީފަ އެވެ. އަދި ހިޔާ ފްލެޓް ލިބުނު ފަންނީ މީހުނަށް ފްލެޓް ދޭން ނިންމާފައި ވަނީ ވިނަރެސް ފްލެޓްތަކުން ނެވެ.

ވިނަރެސް އަށް ބަދަލުވާން އެދި 350 އެއްހާ މީހުން ނަން ނޯޓު ކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ. އަދި މިހާރު އެފަރާތްތަކަށް އެޕްލިކޭޝަން ފޯމްތައް ވަނީ ދޫކުރަން ފަށާފަ އެވެ.

އަވަސް އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އެޕްލިކޭޝަން ފޯމް ފުރުމަށް ފަހުގައި އެ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ އެޗްޑީސީން ބަލާނެ ކަމަށެވެ. ވިނަރެސް ފްލެޓް ލިބޭނީ އެއަށް ފަހުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ވިނަރެސް ފްލެޓް ލިބޭ ފަރާތްތަކުން ދޫކޮށްލާ ހިޔާ ފްލެޓްތަކާ މެދު އަމަލުކުރާނީ ކޮން އުސޫލަކުންތޯ ސުވާލުކުރުމުން އަކްރަމް ވިދާޅުވީ ހިޔާ އިން އެއްވެސް ފްލެޓެއް ހުސްވެއްޖެ ނަމަ، އެ ފްލެޓެއް ލިބޭނީ އެ ހުސްވާ ކެޓަގަރީއެއްގެ ދާއިމީ ލިސްޓުގައިވާ ތަރުތީބުން ކަމަށެވެ." ޕޮއިންޓް ދީފައިވާ ތަރުތީބުން ލިބޭނީ. ހުސްވާ ފްލެޓްތައް ލިބޭނީ ލިސްޓްގައި ދެން އެންމެ މަތިން މާކްސް ލިބިފައިވާ މީހާއަށް." ކަމަށް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ އަދި އެއްވެސް ފްލެޓެއް ހުސްވާ ކަމެއް ނޭންގޭ ކަމަށެވެ. އެކަމު ހުސްވެއްޖެއްޔާ އެ ލިސްޓުގައިވާ ތަރުތީބުން ފްލެޓް ލިބޭނެ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގާ ވިނަރެސް ޕްރޮޖެކްޓްގައި އިމާރާތް ކުރަނީ 13 ބުރީގެ 10 ޓަވަރެވެ. ހިޔާ ފްލެޓްތަކާ މާދުރު ނޫން ހިސާބެއްގައި އެ ފްލެޓްތައް އަޅަމުން އަންނައިރު އެ ތަންތަނުގައި 1،344 ފްލެޓު ހުންނާނެ އެވެ.