މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލް ފްލެޓްތައް އަންނަ އަހަރު ކުރީކޮޅު ދެނީ

ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލުން އިމާރާތްކުރާ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު މުވައްޒަފުންނާ ހަވާލުކުރަން ފަށާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ. ޝާހިދު މިހެން ވިދާޅުވީ އެމްޕީއެލްގެ 35 ވަނަ އަހަރީ ދުވަަސް ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގަ އެވެ.

ޝާހީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގަން ފެށި ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އިމާރާތްކުރާ އެ ފްލެޓުތަކުގެ މަސައްކަތް ލަސްވީ ކޮވިޑާއި ގުޅިގެނެވެ. ނަމަވެސް މިހާރު ފްލެޓުތަކުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ ވެސް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ކުރީކޮޅު ހިޔާ ޕްރޮޖެކްޓުގެ ފްލެޓުތަކުގެ މަސައްކަތް ނިންމައިލާނެ ކަމަށާއި މުވައްޒަފުންނާ އެ ފްލެޓުތައް ހަވާލު ކުރާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ޝާހިދު ވަނީ ކޮވިޑްގެ ދަތި ހާލަތުގައި އެމްޕީއެލްގެ މުވައްޒަފުން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ. "ކުންފުނީގެ މާލީ ހާލަތު ރަނގަޅު ވެފައި ވާތީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް މިހާރު އިޔާދަ ކޮށްފައިވާނީ" ޝާހިދު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލުން އިމާރާތް ކުރަނީ 14 ފަންގިފިލާގެ ތިން ޓަވަރެވެ. އެޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކާއި އެއް ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. އެމްޕީއެލްގެ ޓަވަރުގެ މަސައްކަތް ފަށާފައި ވަނީ 2018 ވަނަ އަހަރުގަ އެވެ.