މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ހިޔާ އެއްބަސްވުމުގައި ސޮއިކުރަން ފަހު ފުރުސަތު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު ބައެއް މީހުން އަދިވެސް އެއްބަސްވުމުގައި ސޮއި ނުކުރާތީ އެމީހުންނަށް ފަހު ފުރުސަތު ދީފި އެވެ.

ޕްލޭނިން މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 6،720 ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓް އެގްރީމަންޓްގައި ސޮއިކުރުމުގެ ކަންކަން ނިންމުމަށް ވަރަށް ގިނަ ދުވަސްތަކެއް ދެވިފައިވާ ކަމަށެވެ.

ސޮއި ނުކުރާ ފަރާތްތަކުގެ ލިސްޓު އާންމު ކުރަމުން މިނިސްޓްރީ އިން ބުނެފައިވަނީ މިހާތަނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއިއެކު އެއްބަސްވުމުގައި ސޮއިނުކުރާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެއްބަސްވުމުގައި މިހާތަނަށް ސޮއި ނުކުރާ 40 މީހުން އެބަތިއްބެވެ. އެފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން އެއްބަސްވުމުގައި ސޮއި ނުކޮށްފިނަމަ ފްލެޓް ގެއްލޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއެކު އެޗްޑީސީ އިން އެއްބަސްވުމުގައި ސޮއިކުރަން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެ ސަރަހައްދު ތަރައްގީވެ މިހާރު ފްލެޓް ލިބުނު ގިނަ ބަޔަކު ވަނީ ފްލެޓްތަކުގައި ދިރިއުޅެން ފަށާފަ އެވެ. އެތަނުގައި ކޮމާޝަލް ހިދުމަތްތައް ވެސް މިހާރު ލިބެ އެވެ.