ހުސައިން ޝަމީމް

އަމީން މައްސަލައިގައި ހައިކޯޓުން ގާނޫނު މާނަކުރީ ގޯސްކޮށް: ޕީޖީ

އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ދައުލަތުން ތުހުމަތުކުރާ މުހައްމަދު އަމީންގެ މައްޗަށް އުފުލި ދައުވާތައް ހައި ކޯޓުން ބާތިލުކޮށްފައި ވަނީ ޓެރަރިޒަމްގެ ގާނޫނުގެ ބާރު ކެނޑޭ ގޮތަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ހައި ކޯޓުން އަމީން ދޫކޮށްލުމަށް ނިންމީ ދަށު ކޯޓު މަރުހަލާގައި ޝަރީއަތް ފެށުމުގެ ކުރިން އަމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކެއް ބަލައިނުގަތުމުން އެ ނިންމުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް އެންމެ ފުރަތަމަ އެކަން ބަލައިނުގަނެ ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް ހުށަހަޅައި ސުޕްރީމް ކޯޓުން ކުރި އަމުރަކަށްފަހު ހައިކޯޓުން އަލުން އެ މައްސަލަ ބެލުމަށް ފަހުގަ އެވެ.

އަމީން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު 23، 2019 ގައެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެ އަހަރުގެ ޑިސެމްބަރު ފަސް ވަނަ ދުވަހު އެވެ. ހައިކޯޓުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލުކޮށްފައިވަނީ ބަންދުގައި ހުރި މީހަކަށް ދައުވާ އުފުލަން ޖިނާއީ އިޖްރާއަތުގެ ގާނޫނުން ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވިފަހުން ދައުވާކޮށްފައި ވާތީ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ބަންދުގައި ހުރި މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް 60 ދުވަސް ލިބެ އެވެ. ނަމަވެސް ހައި ކޯޓުން ނިންމާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަށުން އަމީންގެ ބަންދު އިތުރުކޮށްފައިވާތީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ނުއުފުލޭނެ ކަމަށެވެ.

ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަމީން ދޫކޮށްލާފައިވަނީ ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ކުރުމަށްފަހު އެވެ.

ޕީޖީ ޝަމީމްގެ އަމިއްލަ ބްލޮގްގައި މިއަދު ލިޔުއްވާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައެޅިގެން ވަކި މުއްދަތުތަކެއް ބަޔާންކޮށްފައި ވަނިކޮށް، އެ ގާނޫނު ދޫކޮށް އާންމު އިޖުރާއަތު ގާނޫނަށް އަމަލުކުރުމަކީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ހިލާފު ކަމެއް ކަމަށެވެ.

"ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގައި، ބަންދާ ގުޅޭ ކަންކަމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރުމުގެ އިހްތިޔާރު ދީފައި އޮތަސް، އެ މާއްދާއާ ހިލާފަށް، ތަހުގީގުކުރުމާއި ދައުވާކުރުމުގެ މުއްދަތުތައް އޮތް، ގާނޫނުގެ 28-1 އަކު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރެވިދާނެ ކަމުގެ އިހްތިޔާރެއް ދީފައެއް ނެތެވެ." ޝަމީމްގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

ޝަމީމް ވިދާޅުވީ ހައި ކޯޓުން ނިންމާފައިވާ ގޮތަށް ބަންދު ކުރުމާއި ދައުވާކުރުމާ ގުޅުވައިގެން ގާނޫނު މާނަކުރާނަމަ، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (މ)ގައި ބުނާ 14 ދުވަސް ހަމަވުމަށް ފަހުު މި ބާވަތުގެ މައްސަލައެއްގައި މީހަކު ބަންދުގައި ވެސް ނުބެހެއްޓޭނެ ކަމަށެވެ.

ދައުލަތުން މިހާރު ވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ނިންމާފަ އެވެ،

ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ބޮން ގޮއްވި މައްސަލާގައި އަމީން ބައިވެރިވި ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ދުވަސްވަރު އަމީން ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފަ އެވެ. އިންޓަޕޯލާއި ލަންކާ ފުލުހުންނާ ގުޅިގެން އަމީން ލަންކާ އިން ހައްޔަރުކޮށްގެން ވަނީ ރާއްޖެ ގެނެސްފަ އެވެ.