އެޗްޑީސީ

ފްލެޓްތަކަށް ފެންވަންނަ މައްސަލަ ހައްލު ކުރަނީ

ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ފެންވަންނަ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފި އެވެ.

މިދިޔަ ހަފްތާގައި ކުރި ވިއްސާރައިގައި ހިޔާ ފްލެޓްތަކަށް ފެންވަނުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. މި މައްސަލަ ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން އޭރުގައި ބުންޏެވެ.

މި މައްސަލައާއި ގުޅޭގޮތުން މިއަދު އަވަސް އިން ސުވާލު ކުރުމުން އެޗްޑީސީގެ އޮފިޝަލު ވިދާޅުވީ އެޕާޓްމަންޓްތަކަށް ފެންވަންނަނީ އާދަޔާ ހިލާފަށް ވައި ގަދަވުމުގެ ސަބަބުން، ކުޑަދޮރުތަކުން ފެން ބޭރުވުމުގެ ބަދަލުގައި ފްރޭމްގައި ފެން ހެދުނީމައި ކަމަށެވެ.

މި ފްރޭމަކީ ވިއްސާރަ ވެއްޖެ ނަމަ ފެން ބޭރުކުރަން ހަދާފައިވާ ނިޒާމެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. "ފްރޭމްގައި ލޯވަޅުތަކެއް ކަނޑާފައި ހުންނާނެ. އެއީ އެޕާޓްމަންޓުތަކުގައި ފެން ހެދުނަ ނުދޭން ހަދާފައި ހުންނަ ނިޒާމެއް" ކަމަށް ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ ވިއްސާރަވެ އެޕާޓްމަންޓުތަކުގައި ފެން ބޮޑުވީ ވައިގެ އަސަރު އެންމެ ބޮޑަށް ކުރާގޮތަށް ހުރި ފްލެޓުތަކަށް އެކަނި ކަމަށެވެ. އަދި މިއީ ހައްލު ނުކުރެވޭ ވަރުގެ މައްސަލައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. މި މައްސަލަ ހައްލު ކުރުމަށް އެޗްޑީސީގެ ޓީމެއް މިހާރު ދަނީ ހަރަކާތްތެރިވަމުން ނެވެ.