މޮނިކޮން އޯޑާ

އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފި

އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ތުހުމަތު ކުރާ މުހައްމަދު އަމީންގެ މައްޗަށް ހައިކޯޓުން މޮނިކޮން އަމުރެއް ނެރެފި އެވެ.

ހައިކޯޓުން ނެރުނު އެ އަމުރުގައި ވަނީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް އަމީން ބޭރަށް ނުކުތުން މަނާ ކަމަށެވެ. މާލެއިން ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށެވެ.

މޮނިކޮން އަމުރަކީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން ނެރޭ އަމުރެކެވެ. މިއީ ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުން މޮނީޓާކޮށް ބަލަހައްޓަން ހޯމް މިނިސްޓްރީއަށް ބާރު ލިބޭ ގޮތަށް ހައި ކޯޓުން ނެރެދޭ އަމުރެކެވެ.

ހައިކޯޓުން މި އަމުރު ނެރެނުއިރު އަމީން މިހާރު ހުރީ ބަންދުން ދޫކޮށްލާފަ އެވެ. ހައިކޯޓުން މި މަހުގެ 16 ވަނަ ދުވަހު އޭނާ ދޫކޮށްލާފައި ވަނީ ދައުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާ ކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލު ކުރުމަށްފަހު އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ބަންދުގައި ހުރި މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް 60 ދުވަސް ލިބެ އެވެ. ނަމަވެސް ހައި ކޯޓުން ނިންމާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަށުން އަމީންގެ ބަންދު އިތުރުކޮށްފައިވާތީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ނުއުފުލޭނެ ކަމަށެވެ.

ހައިކޯޓުގެ މި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

ފުވައްމުލަކަށް ނިސްބަތްވާ އަމީނަށް އުފުލާފައިވާ ދައުވާތަކަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުގެ ދައުވާތަކާއި އަމީނަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.

ބަންދުގައި ހުންނަތާ ދޮޅު އަހަރު ފަހުން އަމީން މިނިވަންވެފައިވާއިރު އޭނާ އަކީ އައިއެސް ޖަމާއަތާ ގުޅިގެން އަފްޣާނިސްތާނުގެ ޚުރާސާނަށް ދިވެހިން ފޮނުވި މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ބޮން ގޮއްވި މައްސަލާގައި އަމީން ބައިވެރިވި ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ދުވަސްވަރު އަމީން ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފަ އެވެ. އިންޓަޕޯލާއި ލަންކާ ފުލުހުންނާ ގުޅިގެން އަމީން ލަންކާ އިން ހައްޔަރު ކޮށްގެން ވަނީ ރާއްޖެ ގެނެސްފަ އެވެ.