ހައިކޯޓުން ނެރެފައިވާ މޮނިކޮން އަމުރުގައި ބުނެފައިވެ އެވެ: "ތުހުމަތު ކުރެވޭ ކުށުގެ ބާވަތާއި ހެއްކާއި ގަރީނާއަށް ބަލާއިރު މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި މީހެއް ކަމަށް ގަބޫލު ކުރެވޭ،"
މިދިޔަ ބުރާސްފަތި ހައިކޯޓުން ވަނީ އަށް މީހެއްގައި ފައިގައި ޓެގް އަޅުވައި ބެލެހެއްޓުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެފަ އެވެ. އެ އަށް މީހުންނަކީ ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ހަމަލާދިން މީހުންގެ މައްޗަށް ނެރުނު އަމުރުތަކެވެ.
ހުޅުމާލޭ މަގުމަތިން ޗައިނާގެ ދެ މީހަކާއި އޮސްޓްރޭލިއާގެ މީހަކަށް ދިން ހަމަލާއާ ގުޅިގެން އަށް މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އަދި އޭގެ ތެރެއިން ހަތަރު މީހުންނަކީ ސީދާ ގޮތުން އެކަމުގައި ބައިވެރިވެފައިވާ މީހުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި ހަމަލާއަކީ ރާއްޖޭގެ ޓޫރިޒަމްއަށް ނޭދެވޭ އަސަރެއް ކުރުވާފަދަ ބިރުވެރި ހަމަލާ އެކެވެ. ކުށުގެ އާ ބާވަތެއްގެ ފެށުމެއް ވެސްމެ އެވެ. ޓޫރިސްޓުންނަށް ހަމަލާދީ އެފަދަ ކަންކަން ކުރުމަކީ ރާއްޖޭގައި އޮތް ކަމެއް ނޫނެވެ. ނަމަވެސް މި ހަމަލާއަކީ ރ. މަޑުއްވަރީގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެހާ ބޮޑު ތުހުމަތެއްގައި ހައްޔަރުކޮށް، އަދި އޭގެ މައުލޫމާތުތައް ވެސް ފުލުހުން ބޮޑެތި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ހާމަ ކޮށްފައި ވާއިރު އެމީހުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ. އެމީހުން ބަންދުން ވީއްލުނީ ކީއްވެގެންތޯ ވެސް ސުވާލު އުފެދެ އެވެ.
އެ އަށް މީހުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވިކަން ފުލުހުން ބުނެފައިވެ އެވެ. ވީއިރު ދައުވާ ނުކުރަނީ ހެއްޔެވެ؟ ދައުވާ ކުރާ މިންވަރަށް ހެކި ނެތީ ހެއްޔެވެ؟ އިޖުރާއަތްތަކުގައި ފުލުހުން ގޯހެއް ހަދައިފައި އޮތީ ހެއްޔެވެ؟ މިއީ އުފެދޭ ސުވާލުތަކެވެ.
މި ސުވާލުތަކަށް ފުލުހުން ވެސް އަދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވެސް އަދި އެއްޗެއް ނުބެ އެވެ.
މޮނިކޮން އަމުރުން ވެސް ދޭހަވާ ގޮތުގައި އަށް މީހުންނަކީ މުޖުތަމައުއަށް ވަރަށް ނުރައްކާތެރި ބައެކެވެ. އަދި އެ އަމުރުގައިވާ ގޮތުން އެމީހުންގެ މައްޗަށް ކުށުގެ ތުހުމަތެއް ވެސް އެބަ އޮތެވެ. ހެކި ވެސް އެބަ ހުއްޓެވެ. އެހެންވީއިރު މިވާ ގޮތެއް އިދާރާތަކުން ސާފު ކޮށްދޭން ޖެހެ އެވެ.
މޮނިކޮން އަމުރުގެ ދަށުން އަށް މީހުން ވެސް ބެލެހެއްޓުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެ އަމުރުގެ ދަށުން ބޮޑެތި ބާރުތަކެއް ފުލުހުންނަށް ލިބެ އެވެ. އޭގެތެރޭގައި އެމީހުން، ބަލައި ފާސްކުރުމާއި މުދާ ހިފެހެއްޓުން ފަދަ ބާރުތައް ހިމެނެ އެވެ. މި އަމުރުގެ ސަބަބުން އެމީހުންނަށް ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުކުމެ އުޅުން ވެސް މަނާވާނެ އެވެ.