މިދިޔަ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ހަމަލާ ދިން މައްސަލާގައި ފުލުހުން ރަނގަޅު ތަހުގީގެއްކޮށް އެކަށީގެންވާ ހެކި ހޯދާފައިވާ ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއެކު އެ މައްސަލާގައި ކުރިއެރުންތަކެއް ހޯދަން މަސައްކަތް ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މި މައްސަލާގައި ތުހުމަތު ކުރާ އަށް މީހެއްގެ ފައިގައި ޓެގް އަޅުވަން ހައި ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މޮނިކޮން އަމުރު ނެރެފަ އެވެ. އެ އަމުރު ނެރުނީ ހައިކޯޓު ހުޅުވައި އިސް ފަނޑިޔާރު ހިމެނޭ ގޮތަށް ތިން ފަނޑިޔާރަކު މަސައްކަތަށް ނުކުންނަވައިގެންނެވެ. އެއީ ލޮކްޑައުންއަށް ފަހު ހައިކޯޓު ހުޅުވި ފުރަތަމަ ފަހަރެވެ.
ކޮމިޝަނަރު ހަމީދު މިއަދު ވިދާޅުވީ ފުލުހުން ކުރި ތަހުގީގު ރިވިއު ކުރުމުގެ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެ ޕެނަލްގައި އޭނާއާއެކު ފުލުހުންގެ ސީނިއާ އޮފިސަރުންނާއި ރައީސް އޮފީހުގެ ގާނޫނީ ވަކީލުން ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
މި މައްސަލާގައި އެކަށީގެންވާ ހެކި ހޯދައި ފުލުހުންނަށް ހިތްހަމަޖެހޭ ވަރުގެ ތަހުގީގެއް ކުރެވިފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ. ތުހުމަތު ކުރެވޭ މީހުނަށް ދައުވާ ކުރުމުގައި ކުރިއެރުންތަކެއް ހޯދަން ޕްރޮސެކިއުޓާ ޖެނެރަލްއާ އެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"ޕީޖީއާއެކު އިތުރު ކުރިއެރުންތަކެއް ހޯދަން މި ދަނީ މަސައްކަތް ކުރަމުން، ކުރިއެރުންތަކެއް ލިބެން މި ދަނޑިވަޅަށް ތުހުމަތު ކުރެވޭ މީހުން ހައި ކޯޓުން ނެރެފައިވާ މޮނިކޮން އަމުރުގެ ދަށުން އެ މީހުން މޮނިޓާ ކުރެވެމުން ދާނެ،" ހަމީދު ވިދާޅުވި އެވެ.
މި މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ފުރަތަމަ ފޮނުވުމުން ތަހުގީގު އިތުރަށް ފުރިިހަމަ ކުރުމަށް އަންގައި ޕީޖީން އަނބުރާ ފުލުހަށް މައްސަލަ ފޮނުވާލި އެވެ.
މޮނިކޮން އަމުރުގެ ދަށުން އެ އަށް މީހުން ބެލެހެއްޓުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެ އަމުރުގެ ދަށުން ބޮޑެތި ބާރުތަކެއް ފުލުހުންނަށް ލިބެ އެވެ. އޭގެ ތެރޭގައި އެމީހުން، ބަލައި ފާސްކުރުމާއި މުދާ ހިފެހެއްޓުން ފަދަ ބާރުތައް ހިމެނެ އެވެ. މި އަމުރުގެ ސަބަބުން އެމީހުންނަށް ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުކުމެ އުޅުން ވެސް މަނާވާނެ އެވެ.