ސީންތަކަށް ދާއިރު ފުލުހުންގެ ގައިގައި ހަރުކޮށްގެން ބޭނުން ކުރާ ބޮޑީ ކެމް ނުވަތަ "ބޮޑީ ވޯން ކެމެރާ" އަންނަ އަހަރު ޖެނުއަރީން ފެށިގެން ފުުލުހުން ބޭނުންކުރަން ފަށާނެ ކަމަށް އަންނަ ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ އައު ގާނޫނުގެ ދަށުން ހިންގުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. ފުލުހުން ބޭނުން ކުރާ ވަސީލަތްތަކާއި، އަމަލުކުރަމުންދާ އުސޫލުތަކަށް ބަދަލު ގެނާނެކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމަކީ ފުލުހުންގެ އަމާޒު ކަމަށެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ އިންސާނީ ވަސީލަތް ބޭނުން ކުރަނީ އެންމެ ރަނގަޅަށްތޯ ބެލުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ބޮޑީ ކެމެރާތައް އަންނަ އަހަރުން ފެށިގެން ބޭނުން ކުރަމުންގެންދާނެ ކަމަށެވެ.
"ބައެއް ފުލުހުންގެ ފަރާތުން މިހާރު މަދުން ނަމަވެސް މައްސަލަތައް ފެނޭ. ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުނީމައި އެ މައްސަލަ ވެސް ހައްލުވާނެ." ސީޕީ ވިދާޅުވި އެވެ.
ފުލުހުންގެ އޮޕަރޭޝަންތަކަށް ބޮޑީ ކެމެރާ ހޯދަން މިއަހަރުގެ ބަޖެޓުގައި ވެސް ހިމަނައިފައިވެ އެވެ. އަދި 1400 ކެމެރާ ހޯދުމަށްޓަކައި ޕައިލެޓް ޕްރޮގްރާމެއް ވެސް ހިންގި އެވެ. ނަމަވެސް އޭގެ ރިލައިބިލިޓީއަށް ބަލައި އެމެރިކާގެ އެކްސް އޯން ކެމެރާ ސިންގަލް ސޯސްކޮށް ހޯދުމަށްޓަކައި ޓެންޑާ ބޯޑަށް ހުށަހެޅުމުން އެގޮތަށް އެކަންކުރަން ނުފެންނަ ކަމަށް ޓެންޑަ ބޯޑުން މިއަހަރު މޭ މަހު ނިންމި އެވެ.
ފުލުހުން ވަނީ މިދިޔަ އޮކްޓޫބަރު މަހުގައި 200 ބޮޑީ ކެމެރާ ގަނެދޭނެ ބަޔަކު ހޯދަން އިއުލާނު ވެސް ކޮށްފަ އެވެ.