ޓެރަރިޒަމަށް ވާގިވެރިވާ ކަމަަށް ތުހުމަތުކޮށް އައްޑު އަތޮޅުން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެކަން ހާމަ ކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ ތުހުމަތުގެ މީހުން ޖަލުތަކުގައި ބަންދު ކުރުމަށާއި އެމީހުން ރިހިބިލިޓޭޓް ކުރުމަށް އަދިވެސް ގާނޫނީ ހުރަސްތަކެއް އެބަހުރި ކަމަށާއި ގާނޫނީ ހުރަސްތައް މަޖިލީހުގެ ތެރެއިން ހައްލު ކޮށްދޭން އެދިވަޑައިގެންނެވި އެވެ.
ދެން ވިދާޅުވީ އެފަދަ ތުހުމަތު އޮންނަ މީހުންގެ ހަރަކާތް ހުއްޓުވަން ފުލުހުން ކުރާ މަސައްކަތުގައި އައްޑޫއިން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެ މީހާ ދޫކޮށްލި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ހަރުކަށި ފިކުރުގެ 14 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޓެރަރިޒަމަށް ވާގިވެރިވުމުގެ ތުހުމަތުގައި އައްޑު އަތޮޅުން މި މަހުގެ 15 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް، ހަތަރު މީހެއްގެ ބަންދަށް ހަތް ދުވަސް އަދި ދެ މީހަކަށް ފަސް ދުވަސް ކޯޓުން ދީފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
އިމްރާން ދެއްކެވި ވާހަަކަފުޅާ ގުޅިގެން ފުލުހުންގެ އިދާރާއިން ބުނީ މިނިސްޓަރު އެ ވިދާޅުވާ މީހާ ދޫކޮށްލީ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. ދޫކޮށްލާފައި ވަނީ ކުރިން ބަންދަށް ފަސް ދުވަސް ޖެހި މީހުންގެ ތެރެއިން މީހެއް ކަމަށެވެ.
އަދި އައްޑޫން ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދަށް ހަތް ދުވަސް ޖެހި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ހަތަރު މީހުންގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިދީފައިވާ ކަމަށްވެސް އޮފިސަރު ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާ އަށް ފަހު މުޅި ރާއްޖޭގެ ސެކިއުރިޓީ ލެވަލް އެންމެ މައްޗަށް ވަނީ ޖައްސާފަ އެވެ. އަދި ސިފައިން ދަނީ މުޅި ރާއްޖޭގައި ހަތިޔާރާއެކު ވެސް ހަރަކާތްތެރިވަމުންނެވެ.