ހަބަރު

ލޯންޗުގައި ރޯކޮށްލި މައްސަލާގައި ދެ މީހަކަށް ދައުވާކޮށްފި

މި އަހަރުގެ މާޗް މަހުގެ ތެރޭގައި ލ. ގަން، ތުނޑީ ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި އަލިފާން ރޯކޮށްލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އިން ދައުވާ ކޮށްފައިވަނީ ލ. ގަން، ތުނޑި، ކަޅައިދޫފިނިހިޔާގެ މޫސާ އިނާސް އަދި ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށެވެ.

މީގެތެރެއިން އީނާސްއަކީ މީގެ 12 އަހަރު ކުރިން ސަލްޓަންޕާކްގައި ބޮމެއް ގޮއްވާލި މައްސަލާގައި ކުށް ސާބިތުވި މީހެކެވެ. އަދި އަބްދުއްލަތީފަކީ އެ މައްސަލާގައި ފިލައިގެން އުޅުނު މީހެކެވެ.

އީނާސްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާމީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާކުރި ސަބަބެއް ކަމަށް ބުނީ، މި މައްސަލައާ ގުޅިގެން މޫސާ އިނާސް ދިރިއުޅޭ ލ. ގަން، ތުނޑި، ކަޅައިދޫފިނިހިޔާގެ، ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު ފެނުނު ލެޕްޓޮޕެއްގެ ހާޑްޑިސްކް ތަހުލީލްކުރިއިރު ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ އިސްލާމިކް ސްޓޭޓްއާއި އަލް ގައިދާއަށް ތާއީދުކުރާކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައިވާތީ ކަމަށެވެ.

މި ކުށް އީނާސްގެ މައްޗަށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަބްދުލްލަތީފްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާ އުފުލި ސަބަބެއް ކަމަށް ބުނީ މި މައްސަލައާ ގުޅިގެން އަބްދުއްލަތީފް އިބްރާހީމް ދިރިއުޅޭ ލ. ގަން، ތުނޑި، ލަވްސައިޑް، ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު ފެނުނު ހާޑްޑިސްކްއެއް ތަހުލީލްކުރިއިރު ޓެރެރިސްޓް ޖަމާއަތްތައްކަމަށްވާ ޖަބްހަތުއް ނުސްރާއާއި އަލް ގައިދާއަށް ތާއީދުކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވާތީ ކަމަށެވެ.

ކުށް ސާބިތުވެއްޖެނަމަ އަބްދުލްލަތީފްގެ މައްޗަށް އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މި މައްސަލަ ތަހުގީގާ ގުޅޭ ގޮތުން މީގެކުރިން ފުލުހުން ބުނެފައިވަނީ ފުލުހުންގެ ލޯންޗުގައި ރޯކޮށްލީ ގަސްދުގައި ބަދަލު ހިފުމުގެ ރޫހުގައި ކަަމަށެވެ. އެއީ ފުލުހުން އެ ދުވަސްވަރު ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ހިންގަންދިޔަ ބޮޑެތި އޮޕަރޭޝަންތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.