ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން ދޫވެފައިވަނީ ދައުވާ ކުރާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)އިން އެ މައްސަލާގައި ދައުވާ ނުކުރުމުން ކަމަށް ފުލުހުން ބުނެފި އެވެ.
ހުޅުމާލޭ މަގުމަތިން ޗައިނާގެ ދެ މީހަކާއި އޮސްޓްރޭލިއާގެ މީހަކަށް ދިން ހަމަލާއާ ގުޅިގެން އަށް މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އަދި އޭގެ ތެރެއިން ހަތަރު މީހުންނަކީ ސީދާ ގޮތުން އެކަމުގައި ބައިވެރިވެފައިވާ މީހުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި ހަމަލާއަކީ ރ. މަޑުއްވަރީގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެހާ ބޮޑު ތުހުމަތެއްގައި ހައްޔަރުކޮށް، އަދި އޭގެ މައުލޫމާތުތައް ވެސް ފުލުހުން ބޮޑެތި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ހާމަ ކޮށްފައި ވާއިރު އެމީހުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބިކަން ހާމަވީ އެ އަށް މީހުންގެ މައްޗަށް ހައިކޯޓުން މޮނިކޮން އަމުރު ނެރުމާ ގުޅިގެންނެވެ. ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު މޮނިކޮން ނެރެ އަށް މީހުންގެ ފައިގައި ޓެގް އަޅުވައިގެން ބެލެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
ހައިކޯޓުން ނެރުނު މޮނިކޮން އަމުރުގައިވާ ގޮތުން އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތާއި ހެކިތަކަށް ބަލާއިރު އެއީ މުޖުތަމައުއަށް ނުރައްކާތެރި ބައެކެވެ. އެފަދަ ބަޔަކު ދައުވާ ނުކުރެވި މުޖުތަމައުއަށް ދޫވެފައި ތިބުމުން ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ އެ އަށް މީހުންގެ ތަހުގީގު ފުރިހަމަކޮށް ގާނޫނު ބުނާ މުއްދަތުގެ ތެރޭގައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވި ކަމަށެވެ. ނަމަވެސް މި މައްސަލާގެ ތަހުގީގަށް ހޯދާފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީއިން ނިންމި ކަމަށެވެ.
އިޒްމިއާ ވިދާޅުވީ އެކަމާ ގުޅިގެން އެމީހުން ބަންދުން ދޫވި ކަމަށާއި އެހެން ނަމަވެސް މި މައްސަލައާ ގުޅިގެން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް މިހާރު ވެސް އަޅަމުންދާ ކަމަށެވެ.
މޮނިކޮން އަމުރުގެ ދަށުން އަށް މީހުން ވެސް ބެލެހެއްޓުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެ އަމުރުގެ ދަށުން ބޮޑެތި ބާރުތަކެއް ފުލުހުންނަށް ލިބެ އެވެ. އޭގެތެރޭގައި އެމީހުން، ބަލައި ފާސްކުރުމާއި މުދާ ހިފެހެއްޓުން ފަދަ ބާރުތައް ހިމެނެ އެވެ. މި އަމުރުގެ ސަބަބުން އެމީހުންނަށް ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުކުމެ އުޅުން ވެސް މަނާވާނެ އެވެ.