މޮނިކޮން އޯޑާ

މޮނިކޮން އަމުރު ނެރުނީ ޓޫރިސްޓުންނަށް ހަމަލާދިން މީހުންގެ މައްޗަށް

May 9, 2020
1

ހައިކޯޓުން މޮނިކޮން އަމުރުތައް ނެރެފައިވަނީ ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ހަމަލާދިން މީހުންގެ ފައިގައި ޓެގް އެޅުވުމަށްކަން އެނގިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަށް މީހެއްގެ ފައިގައި ޓެގް އެޅުވުމަށް އަމުރު ނެރުނީ ނުރާސްފަތި ހައިކޯޓު ހުޅުވައި އިސް ފަނޑިޔާރު ހިމެނޭ ގޮތަށް ތިން ފަނޑިޔާރަކު މަސައްކަތަށް ނުކުންނަވައިގެންނެވެ. މިއީ ލޮކްޑައުންއަށްފަހު ހައިކޯޓު ހުޅުވި ފުރަތަމަ ފަހަރެވެ. ނަމަވެސް ފުލުހުން އެދިގެން އެ އަމުރުތައް ނެރެދިންކަން ހައިކޯޓުން ހާމަ ކޮށްފައެއް ނުވެ އެވެ.

އަމުރު ނެރެފައިވާކަން ހާމަ ކުރެއްވީ ރޭ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އިމްރާން ވިދާޅުވީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ބައެއްގެ ފައިގައި ޓެގް އަޅުވައިގެން ބެލެހެއްޓުމަށް ހައިކޯޓުން މޮނިކޮން އަމުރުތަކެއް ނެރެދީފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ މައުލޫމާތެއް ހާމައެއް ނުކުރައްވަ އެވެ.

އަވަސްއަށް ލިބިފައިވާ އެ އަމުރުތަކުގެ ބައެއް ކޮޕީތަކަށް ބަލާއިރު އަމުރު ނެރެފައިވަނީ ހުޅުމާލެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ މައްޗަށެވެ. އެ މައްސަލާގައި ހައްޔަރުކުރީ އަށް މީހެކެވެ. އޭގެ ތެރެއިން އަމަލީ ގޮތުން ހަމަލާ ދިނުމުގައި ބައިވެރިވީ ހަތަރު މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ހަމަލާއަކީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ރ. މަޑުއްވަރީގައި ހިންގި ބޮޑު އޮޕަރޭޝަންގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ. ހަމަލާދިނީ ހުޅުމާލޭ މަގުމަތިން ޗައިނާގެ ދެ މީހަކާއި އޮސްޓްރޭލިއާގެ މީހަކަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ތިބި އެ އަށް މީހުން މުޖުތަމައުގެ ތެރެެއަށް ދޫވެ، މޮނިކޮން އަމުރު ނެރެގެން ބަލަހައްޓެން ޖެހޭ ހާލަތަށް ދިޔަ ސަބަބެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ނެރެފައިވާ މޮނިކޮން އަމުރުތަކުގައި ބުނެފައިވަނީ އެމީހުންނަށް ކުރެވޭ ތުހުމަތުތަކާއި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، އެއީ މުޖުތަމައުއަށް ނުރައްކާތެރި ބައެއް ކަމަށެވެ.

މޮނިކޮން އަމުރުގެ ދަށުން އެ އަށް މީހުން ވެސް ބެލެހެއްޓުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެ އަމުރުގެ ދަށުން ބޮޑެތި ބާރުތަކެއް ފުލުހުންނަށް ލިބެ އެވެ. އޭގެތެރޭގައި އެމީހުން، ބަލައި ފާސްކުރުމާއި މުދާ ހިފެހެއްޓުން ފަދަ ބާރުތައް ހިމެނެ އެވެ. މި އަމުރުގެ ސަބަބުން އެމީހުންނަށް ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުކުމެ އުޅުން ވެސް މަނާވާނެ އެވެ.

މޮނިކޮން އަމުރު އެންމެ ފުރަތަމަ އަޅުވަމުން ދިޔައީ ހޯމް މިނިސްޓަރުގެ އެންގުމަށެވެ. އެއީ މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވި އިރު އެވެ. އޭރު ގިނަ ގޭންގްތަކެއްގެ ބޮޑުންގެ ފައިގައި ޓެގް އެޅުވި އެވެ. ނަމަވެސް ފަހުން އެކަން ހޫނުވެ، ހޯމް މިނިސްޓަރު އަތުން އެ ބާރު ނަގައި ކޮމެޓީއަކުން އެކަން ކުރާ ގޮތަށް ގޮތަށް ބަދަލުކުރި އެވެ. އޭގެ ފަހުން ޓެގް އެޅުވުން މަދުވި އެވެ.