ހައިކޯޓް

ދޫކޮށްލި ހަރުކަށި ފިކުރުގެ މީހުން ބަންދުކުރަން އަމުރުކޮށްފި

ޓެރަރިޒަމަށް ވާގިވެރިވާ ކަމަަށް ތުހުމަތުކޮށް އައްޑޫ ސިޓީން ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ދަށު ކޯޓުން ދޫކޮށްލަން އަމުރުކުރި ފަސް މީހަކު ހައްޔަރުކުރަން މިއަދު ހައިކޯޓުން އަމުރުކޮށްފި އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުން ދޫކޮށްލާފައި ވަނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންނެވެ.

ޕީޖީ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު އަވަސް އަށް ވިދާޅުވީ ދަށު ކޯޓުގެ އަމުރު ބާތިލްކޮށް އެމީހުން 15 ދުވަހަށް ބަންދުކުރަން ހައިކޯޓުން މިއަދު އަމުރު ކޮށްފައިވާ ކަމަށެވެ.

ޓެރަރިޒަމަށް ވާގިވެރިވުމުގެ ތުހުމަތުގައި އައްޑު އަތޮޅުން ނުވަ މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެ މީހުން ކޯޓުން ދޫކޮށްލި ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.

ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ފުލުހުން އައްޑޫއާއި މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރޭގައި މިދިޔަ މަހުގެ ހަވަނަ ދުވަހު ރައީސް މުހައްމަަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅުންހުރި މީހަކު ހިމެނޭ ކަމަށް ކުރިން ފުލުހުން ބުނެފައިވެ އެވެ. ނަަމަވެސް އެމީހާގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެ އެވެ.