ހަބަރު

ޖާނުން ފިދާވެ ހަމަލާ ދޭން ރޭވި ކަމަށް ބުނާ މީހުން މިނިވަންކުރި އަމުރު ބާތިލްކޮށްފި

މާލޭގައި ޖާނުން ފިދާވެ ހަމަލާތަކެއް ދޭން ރޭވި ކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ދެ މީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލްކޮށްފި އެވެ.

މި މައްސަލާގައި ދައުވާކޮށްފައިވަނީ، ރ. މަޑުއްވަރީ ވިލުދޮޅި އިސްހާގު އަލީ އާއި ޏ. ފުވައްމަލަކު އަލުވިމާގެ ހުސައިން އަފީފުގެ މައްޗަށެވެ. ހުސައިން އަފީފުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމުގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އެވެ. އިސްހާގު އަލީގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމުގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އެވެ.

އެ މީހުން އެކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ދައުވާ އުފުލާފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. އެމީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރު ނެރުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އިބްތިދާއީ އަޑުއެހުމެއްގަ އެވެ. އޭރު އެމީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެމީހުން ދޫކޮށްލަން އަމުރު ނެރުނީ އޭރު އެ ކޯޓުގެ ގާޒީއެއް ކަމަށްވާ އާދަމް އާރިފެވެ.

އަފީފާއި އިސްހާގު ދޫކޮށްލުމަށް ނެރުނު އަމުރު ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހައިކޯޓުން އިސްތިއުނާފުކުރުމުން ވަކިވަކިން ހުކުމްކޮށްފައިވަނީ އެ ދެ މީހުންނަކީ ބަންދުގައި ތިބެންޖެހޭ ފަދަ ތުހުމަތުތަކެއް ކުރެވޭ ދެ މީހުން ކަމަށެވެ. އެހެންވެ، ދެ މީހުން ދޫކޮށްލުމަށް ނެރެފައިވާ އަމުރު ވަނީ ބާތިލްކޮށްފަ އެވެ.

އެ އަމުރު ބާތިލްކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހުށަހެޅީ އެއީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ އެވެ. ހުކުމްގައިވެސް އެކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެ ގާނޫނުގައި ހިމެނޭ 11 ކުށެއްގެ ތެރެއިން ކުށެއްގެ ތުހުމަތު މީހެއްގެ މައްޗަށް ކުރެވޭއިރު އެ މީހަކު ބަންދުގައި ބެހެއްޓުމަށް ފުލުހުން ނޫނީ ޕްރޮސިކިއުޓާ ޖެނަރަލް އެދޭ ހާލަތުގައި ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނާ ހާލަތެއް ވުޖޫދުގައިވާނަމަ ތަހުގީގު މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބަޔާންކުރާކަން ހުކުމްގައި ފާހަގަކުރި އެވެ.

ގާނޫނު އަސާސީގެ 49 ވަނަ މާއްދާއަކީ މީހަކު ބަންދުގައި ބަހައްޓަންޖެހޭ ސަބަބުތައް ބަޔާން ކުރާ މާއްދާ އެވެ.

މި މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ޝަރީއަތަށް ހުޑަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓަށް ބަލާއިރު އަފީފަކީ ރާއްޖެއިން ބޭރު ތިން ގައުމަކަށް ޓެރަރިޒަމް ފައިނޭންސްކޮށް ޓެރަރިޒަމްގެ ހަމަލާއެއް ދިނުމުގެ ފިކުރުގެ ގެންގުޅޭ ފަރާތެއް ކަމާއި އޭނާއަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މީހެއްކަން ބަޔާންކޮށްފައިވާކަން އެނގެން އޮންނަ ކަމަށް ހުކުމްގައިވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަލާއިރު ޓެރަރިޒަމްގެ ކުށަކީ ބޮޑު ކުށެއް ކަމާއި ޓެރަރިޒަމްގެ ކުށްތަކަކީ އޭގެ ޒާތާއި ބާވަތުން މުޖުތަމައުގެ ސަލާމަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކުށްތަކެއްކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ އެ ދެ މީހުންގެ މައްޗަށް ތުހުމަތުކޮށް ދައުވާ ހުށަހަޅާފައިވާ މައްސަލާގެ ބާވަތަށާއި ކަން ހިނގާފައިވާ ގޮތަށާއި ނުރައްކާތެރިކަމަށް ބަލާއިރު ބަންދުގައި ބެހެއްޓުމަށް ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާން ކުރާ ހާލަތެއް ވުޖޫދުގައިވާ ކަމަށް ގަބޫލު ކުރާ ކަމަށް ހުކުމްގައި ބުންޏެވެ.

އަފީފުގެ ބަންދު އަމުރުގެ މައްސަލަ ހައިކޯޓުގައި ބައްލަވާފައިވަނީ ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. އެ މައްސަލަ ނިންމީ އިއްޔެ އެވެ. އިސްހާގުގެ ބަންދު އަމުރުގެ މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު ހުސެއިން ޝާހިދާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
އަފީފާއި އިސްހާގުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް އަދިވެސް ކުރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. ހައިކޯޓުގެ އަމުރާއެކު އެމީހުން އަނެއްކާވެސް ކަރެކްޝަނަލް ސާވިސްގެ ބަންދުގެ ދަށަށް ގެންދަން ޖެހޭނެ އެވެ.