ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އަނަސްގެ މަރު: ކުށް ސާބިތު ނުވި މީހުންގެ މައްސަލަ އިސްތިއުނާފް ކުރަނީ

އަނިޔާވެރިކޮށް މަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފް ކުރުމަށް ދައުލަތުން ނިންމައިފި އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން މިއަދު ބުނީ އަނަސްގެ މަރުގެ މައްސަލައިގައި ކުށް ސާބިތު ނުވި މީހުންގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށެވެ. އެކަމަކު ކްރިމިނަލް ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް އަދި ލިބިފައި ނުވާ ކަމަށްވެސް ބުންޏެވެ.

"ރިޕޯޓް ލިބުމުން ދިރާސާކުރުމަށްފަހު އެންމެ ފަހު ނިންމުމެއް ވަރަށް އަވަހަށް ނިންމާނެ،" ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ލިޓަސް ގަރާޖުގެ ތެރޭގަ އެވެ. އަނަސްގެ ހުރިހާ ވާރިސުންވެސް އެދުނީ މަރަށް މަރު ހިފުމަށެވެ.

އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ، ނަންނާރިގޭ، ޖުނައިހު އަބްދުﷲ އާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާތީ އެ މީހުންނަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފަ އެވެ. ހާދިސާ ހިނގި މަންޒަރު ދުށް ސިއްރު ހެކިންވެރިން ހެކިބަސް ދިނުމަށް ދެ ފަހަރު ފުރުސަތު ދިނުމުންވެސް އެމީހުން ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބުނު މީހުންގެ އަޑުއެހުންތައް ނިންމާލީ މިދިޔަ އަހަރުގެ އޭޕްރީލް 13 ވަނަ ދުވަހު އެވެ. މުޅި މައްސަލަ ދަށު ކޯޓުގައި ނިމި ހުކުމަކާ ހަމައަށް ގޮސްފައި މިވަނީ ގާތްގަނޑަކަށް އަނަސް މަރާލިތާ ހަތް އަހަރުވާން ކައިރިވެފައި ވަނިކޮށެވެ.

އަނަސްގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރި ކުޑަކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރާއި ނުވަ މަހަށް ޖަލަށްލުމަށް ކުރިން ހުކުމްކޮށްފައިވެ އެވެ.