ސުޕްރީމް ކޯޓް

އިސްތިއުނާފް އިސްލާހުކޮށް ހުށަހަޅަން ސަމާހުއަށް އިތުރު ފުރުސަތެއް

Apr 26, 2023

ކ. ކާށިދޫގައި ފުލުހެއް ކަމަށްވާ އާދަމް ހަލީމަށް ވަޅިން ހަމަލާދީ މަރާލުމުގެ ކުށް ސާބިތުވެފައިވާ ކ. ކާށިދޫ، ސުވާސާގޭ މުހައްމަދު ސަމާހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގައި އިސްތިއުނާފް ފޯމް އިސްލާހު ކުރުމަށް ފުރުސަތު ދީފި އެވެ.

މި ފުރުސަތު ދިނީ ސަމާހުގެ ވަކީލެއްގެ ގޮތުގައި ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމަށް ހާޒިރުވި ހަމްޒާ ލަތީފް އެކަމަށް އެދި ދެންނެވުމުންނެވެ.

ޝަރީއަތުގެ މަޖިލީހުގައި ހަމްޒާ ވިދާޅުވީ މައްސަލައިގެ އިސްތިއުނާފް އަނގަ ބަހުން ހުށަހެޅުމަށް ކުރިން ފުރުސަތެއް ދިން ކަމަށް އޭނާއަށް އެނގިފައިވާ ކަމަށެވެ. އެކަމަކު މައްސަލައިގެ ބާވަތުން އޭނާ ބޭނުންވަނީ ލިޔުމުން އިސްތިއުނާފް ހުށަހަޅަން ކަމުގައިވެސް ވިދާޅުވި އެވެ.

ހަމްޒާގެ ހުށަހެޅުއްވުމަށް ދައުލަތުން ދެކޮޅު ހަދާފައި ނުވާތީ ސުޕްރީމް ކޯޓުގައި މިމައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ހުސްނުއްސުއޫދު ވަނީ އިސްތިއުނާފް ފޯމު އިސްލާހު ކުރުމަށްފަހު ފޯމު ހުށަހެޅުމަށް ދެ ހަފްތާގެ މުއްދަތެއް ދެއްވާފަ އެވެ. ރައްދު ލިޔުމުން ހުށަހެޅުމަށް ދައުލަތަށް ވެސް ދެ ހަފްތާގެ މުއްދަތެއް ލިބޭނެ ކަމުގައި ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި މިމައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނީ އެއްމަސް ފަހުންނެވެ.

ސަމާހުގެ ވަކީލެއްގެ ގޮތުގައި ހަމްޒާ ހަވާލުވީ އޭނާގެ ވަކީލުގެ ގޮތުގައި މީގެކުރިން ސުޕްރީމް ކޯޓުގެ އަޑުއެހުންތަކަށް ހާޒިރުވި ވަކީލު މިދިޔަ ޖެނުއަރީ މަހު ކޯޓުން ވަކިކުރުމާ ގުޅިގެންނެވެ.

ކާށިދޫއަށް ނިސްބަތްވާ އާދަމް ހަލީމަށް ވަޅިން ހަމަލާދީ އޭނާ މަރާލީ ޖުލައި 23، 2012 ގައެވެ.

ސަމާހުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖެނުއަރީ 14، 2013 ގައެވެ. ކްރިމިނަލް ކޯޓުގެ ހުކުމަށް ހައި ކޯޓުން ތާއީދުކުރީ ސެޕްޓެމްބަރު 30، 2020 ގައެވެ.