ސުޕްރީމް ކޯޓް

ފުލުހެއް މަރާލި ސަމާހުގެ ވަކީލް ވަކިކޮށްފި

Jan 16, 2023
2

ކ. ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމު މަރާލުމުގެ ކުށް ސާބިތުވެފައިވާ މުހައްމަދު ސަމާހުގެ ގާނޫނީ ވަކީލް -- ޖައުފަރު ރަޝީދަށް މިމައްސަލައިގައި ވަކާލާތު ނުކުރެވޭ ގޮތް ސުޕްރީމް ކޯޓުން ހަދައިފި އެވެ.

އާދަމް ހަލީމު މަރާލުމުގެ ކުށް ސަމާހުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ހައިކޯޓުން މިމައްސަލަ ނިންމީ ސެޕްޓެމްބަރު 20، 20202 ގައެވެ.

ހައިކޯޓުގެ ހުކުމް ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ މިއަދު ބޭއްވި އަޑުއެހުމުގައި ސަމާހް ވަނީ ޝަކުވާތަކެއް ކޮށްފަ އެވެ. އެގޮތުން ސަމާހް ބުނީ އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަމަށްވާތީ އޭނާއަށް މިމައްސަލައިގައި ހުރިހާ މަރުހަލާއެއްގައިވެސް ވަކާލާތުކޮށްދޭނެ ވަކީލެއް ލިބުނީ ދައުލަތުގައި އެދިގެން ދައުލަތުން ހަމަޖައްސައިދިން ބައެއް ކަމަށެވެ. ނަމަވެސް ދައުލަތުން ހަމަޖައްސައިދިން ވަކީލުންގެ ފަރާތުން އެއްބާރުލުން ނުލިބުމާއި އޭނާއާ ބައްދަލުކުރަން ޖަލަށް ނުދާ މައްސަލަތަކެއް ސަމާހު ފާހަގަކުރި އެވެ.

ކާށިދޫ ސުވާސާގޭ ސަމާހުގެ ވަކީލެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުންދާ ޖައުފަރު ރަޝީދު ވެސް ވަކީލަކަށް އައްޔަންކުރި ފަހުން ބައްދަލުވީ ދެ ފަހަރު ކަމަށާއި އެންމެ ފަހުން ބައްދަލުކުރިއިރު ވެސް މައްސަލައާއި ގުޅޭ ލިޔުންތައް ގެނެސްފައި ނުވާ ކަމަށް ސަމާހް ބުންޏެވެ.

ޝަރީއަތުގައި ޖައުފަރު ވިދާޅުވީ ކަރެކްޝަންސްގައި އެދުނު ނަމަވެސް ބައްދަލުވުންތައްް ހަމަޖައްސައި ނުދޭ ކަމަށެވެ.

ސަމާހްއާއި ޖައުފަރުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މިމައްސަލައިގައި ޖައުފަރަށް ދެން ސަމާހްގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކަނޑައަޅުއްވާފަ އެވެ. އަދި ސަމާހްގެ މައްސަލަ ދެން ކުރިއަށް ގެންދެވޭނީ އޭނާއަށް ވަކީލަކު ހަމަޖެހުމުން ކަމުގައިވެސް ވިދާޅުވި އެވެ.

ވަކީލް ޖައުފަރު ވިދާޅުވެފައި ވަނީ ބައްދަލުކުރަން އެދުނު ނަމަވެސް ކަރެކްޝަނަލް ސާވިސް އިން އެކަން ހަމަޖައްސައިނުދިނީ ކަމަށެވެ.
ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ޖައުފަރު ވަކިކުރައްވާފަ އެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ސަމާހުއަށް އާ ވަކީލަކު ހަމަޖެހުމުންނެވެ.

އާދަމް ހަލީމު މަރުގެ ހުލާސާ

އާދަމް ހަލީމަށް ހަމަލާދީ އޭނާ މަރާލާފައިވަނީ ޖުލައި 23، 2012 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ހަލީމް މަރާލި މައްސަލާގައި ސަމާހު މަރަން ކުރިމިނަލް ކޯޓުން ހުކުމްކުރީ 2013 ވަނަ އަހަރު އެވެ. އެ ހުކުމް ސަމާހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފެއް ނުކުރެ އެވެ. އެކަމަކު އެއީ މަރުގެ މައްސަލައެއް ކަމުން ނިހާއީ ހުކުމަކަށް ވާސިލްވުމަށްޓަކައި ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓާ ޖެނަރަލް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ އެވެ.

އާދަމް ހަލީމް މަރާލިކަން ސަމާހްގެ މައްޗަށް ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައެޅީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މިމައްސަލަައިގައި ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި ސަމާހު ވަނީ އާދަމް ހަލީމް މަރާލި ގޮތް ތަފްސީލުކޮށް ކިޔައިދީ ކުށަށް އިއުތިރާފްވެފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ކުށަށް އިއުތިރާފްވީ ފުލުހުން ބިރުދައްކައި މަޖުބޫރު ކުރުމުން ކަމަށް ބުނެފަ އެވެ.

ހައިކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ސަމާހު، ދަށު ކޯޓުގެ ފަނޑިޔާރުންގެ ކުރިމަތީގައި އާދަމް ހަލީމަށް ހަމަލާދީ މަރާލާފައިވާ ކަމަށް އިއުތިރާފްވުމަށް ފަހު، ފަހުން އެކަމަށް އިންކާރުކޮށް އަދި ކުރިން އެކަމަށް އެއްބަސްވީ މަޖުބޫރީ ހާލަތެއްގެ ސަބަބުން ކަމަށް އޭނާ ބުންޏަސް، އެފަދައިން ބުނާ ބުނުމަށް ބާރުދޭ ހަރުދަނާ ކަންތައްތަކެއް އޭނާއަށް ދެއްކިފައި ނުވާ ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގެ ހުކުމް ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

އާދަމް ހަލީމްގެ މަރުގެ މައްސަލައިގައި ވާރިސުންގެ ބަސް ކުރިމިނަލް ކޯޓުން ނަގާފައިވާއިރު ހުރިހާ ވާރިސުންވެސް އެދިފައިވަނީ މަރަށް މަރު ހިފާށެވެ.

އާދަމް ހަލީމަށް ސަމާހު ވަޅިއަކުން ހަމަލާ ދިނީ ކުށެއްގައި ސަމާހް ގޭބަންދަށް ބަދަލުކޮށްފައި ހުއްޓައި ސަމާހު ރަށުތެރޭގައި އުޅެނިކޮށް ހައްޔަރުކޮށް ފުލުހަށް ގެންދަން އުޅުމުންނެވެ.