އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ދައުލަތުން ތުހުމަތު ކުރާ މުހައްމަދު އަމީން މިނިވަންވެފައިވާތީ އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލް ކްރިމިނަލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.
ހައިކޯޓުން މިދިޔަ މަހުގެ 16 ވަނަ ދުވަހު އަމީން ދޫކޮށްލުމަށް އަމުރުކުރީ ދައުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާ ކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ވެސް ކުރުމަށް ފަހު އެވެ.
އަމީން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު 23، 2019 ގައެވެ. އޭނާގެ މައްޗަށް ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވިކަމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އެ އަހަރުގެ ޑިސެމްބަރު ފަސް ވަނަ ދުވަހު އެވެ.
ހައިކޯޓުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލުކޮށްފައިވަނީ ބަންދުގައި ހުރި މީހަކަށް ދައުވާ އުފުލަން ޖިނާއީ އިޖްރާއަތުގެ ގާނޫނުން ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވިފަހުން ދައުވާކޮށްފައި ވާތީ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ބަންދުގައި ހުރި މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް 45 ދުވަސް ލިބެ އެވެ. ނަމަވެސް ހައި ކޯޓުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަށުން އަމީންގެ ބަންދު އިތުރުކޮށްފައިވާތީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ނުއުފުލޭނެ ކަމަށެވެ.
ދައުލަތުން ހައިކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ވަނީ ހައިކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ. އަދި އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ވެސް އަމުރުކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ޕީޖީގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ އަމީންގެ ބަންދުގެ މައްސަލަ މުރާޖައާ ކުރުމަށް އަޑުއެހުމެއް ބާއްވައި ދިނުމަށް ކްރިމިނަލް ކޯޓުގައި އިއްޔެ އެދިފައިވާނެ ކަމަށެވެ. އެކަމަށް އަދި މިހާތަނަށް ކޯޓުން ވަކި އެއްޗެއް އަންގާފައި ނުވާ ކަމަށެވެ.
އަމީން މިނިވަންކުރުމަށް ހައިކޯޓުން ހުކުމްކުރި ނަމަވެސް އޭނާ ދޫކޮށްލާފައި ހުރީ ހައިކޯޓުން އިތުރު މޮނިކޮން އަމުރެއް ނެރުމަށްފަހު އެވެ. އެހެންވެ ފުލުހުން ގެންދަނީ އަމީންގެ އަމަލުތަކަށް ބަލައި ފާރަވެރިވަމުންނެވެ.