ހަބަރު

ސިއްރު ހެއްކާ ގުޅޭ އާ އުސޫލު ޕީޖީއިން އިސްތިއުނާފު ކުރަނީ

ސިއްރު ހެކި ނެގޭނެ ގޮތެއް ގާނޫނުގައި ނެތް ކަމަށް ހައިކޯޓުން ކަނޑައެޅި ކަނޑައެޅި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ނިންމަވައިފި އެވެ.

ސިއްރު ހެއްކާ ގުޅޭ ގޮތުން އާ ނިންމުމެއް އައީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަންކުރި ހުކުމްގަ އެވެ. ފޯނު ނުދިން މައްސަލާގައި އަބްދުﷲ ސައީދަށް ކްރިމިނަލް ކޯޓުން ކުށް ސާބިތު ކުރީ ތިން ސިއްރު ހެކިވެރިއެއްގެ ހެކި ބަހަށް ވެސް ރިއާޔަތްކޮށެވެ. އަބްދުﷲ ސައީދު ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރިއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ހެކި ބަސް ނަގާފައިވާކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގައި ބުނަނީ ހެކިބަސް ނަގަންވާނީ ޝަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް އެ ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް، ހެއްކާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހަވާލާދީފައިވާ ހެއްކާ ބެހޭ ގާނޫނަކީ 1976 ވަނަ އަހަރުގެ ގާނޫނެކެވެ. އެ ގާނޫނަށް އެއްވެސް އިސްލާހެއް ވެސް ގެނެސްފައެއް ނުވެ އެވެ.

އިއްޔެ ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނީ ހެއްކާ ބެހޭ ގާނޫނުގައި ހެކި ބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަކަށް ހެކި ބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތް ކަމަށެވެ. މިއީ މީގެ ކުރިން ސިއްރުން ހެކި ބަސް ނެގުމާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ވަރަށް ގިނަ ވަކީލުން ފާހަގަ ކުރައްވާފައިވާ ނުކުތާއެކެވެ.

ހައިކޯޓު ހުކުމްގައި ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރުން ހެކި ބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް ބުނާއިރު އެ ގޮތްތައް އެ ގާނޫނުގައި ނެތުމަކީ އެ އިޖުރާއަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ބެލެވެން ނެތް ހާލަތެއް ކަމަށެވެ. "ސިއްރު ހެކި 1، ސިއްރު ހެކި 2" މި ގޮތަށް ނަން ދީގެން އަބްދުﷲ ސައީދުގެ މައްސަލާގައި ހެކި ބަސް ނަގާފައި ވަނީ ގޯސްކޮށް ކަމަށް ހުކުމްގައި ކަނޑައެޅި އެވެ.

މި ނިންމުމާ ގުޅޭ ގޮތުން އަވަސްއާ ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އިޖުރާތު ގާނޫނުގެ 149 ވަނަ މާއްދާގެ (ހ) އާއިއެކު، އެ ގާނޫނުގެ 119، 131 އާއި 134 ހިމަނައި، މުޅި ގާނޫނު އެކުގައި ކިޔާއިރު ހައިކޯޓުގެ ހުކުމުން ކަނޑައެޅި ސިއްރު ހެކިބަހުގެ އުސޫލު ރަނގަޅު ކަމަށް ނުފެންނަ ކަމަށެވެ.

ޝަމީމް ވިދާޅުވީ އެ ހުކުމް އޮތް ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 14 ވަނަ ބާބުގެ ބޭނުން ކެނޑިގެންދާ ކަމަށެވެ. ގާނޫނުގެ 119، 131 އަދި 134 ވަނަ މާއްދާގައި ސިއްރު ހެކި ބަސް ނެގޭނެ ގޮތް އެބަ އޮތް ކަމަށެވެ. އަދި 126 ވަނަ މާއްދާ ބެލުމުން ވެސް ސިއްރުން ހެކި ބަސް ނެގުމުގެ އުސޫލަކީ އިޖުރާއަތު ގާނޫނު ދަންނަ އުސޫލެއްކަން ކަށަވަރުވާ ކަމަށެވެ.

އެހެންވެ، އެ ހުކުމްގެ ގާނޫނީ އެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވަން ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަބްދުﷲ ސައީދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައެޅި ހުކުމްގެ މައުލޫއީ ބައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ނުވާ ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.