ހަބަރު

ސިއްރު ހެކި ހިމެނޭ ޝަރީއަތްތައް ކުރިމިނަލް ކޯޓުގައި މަޑުޖެހިއްޖެ

ސިއްރު ހެކި ނެގޭނެ އުސޫލެއް ރާއްޖޭގައި ނެތް ކަމަށް ބުނެ ހައިކޯޓުން ހުކުމް އިއްވުމާ ގުޅިގެން ކުރިމިނަލް ކޯޓުގައި ސިއްރު ހެކި ހިމެނޭ މައްސަލަތަކުގެ ޝަރީއަތް މަޑުޖެހިއްޖެ އެވެ.

ސިއްރު ހެއްކާ ގުޅޭ ގޮތުން އާ ނިންމުމެއް އައީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަންކުރި ހުކުމްގަ އެވެ. އެ ނިންމުން އެހެން އައީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރު ހެއްކާ ގުޅޭ ގޮތުން ލިޔެފައި އޮތް ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ.

އެ ގާނޫނުގެ 149 ވަނަ މާއްދާގައި ބުނާ ގޮތުގައި ހެކިބަސް ނަގަންވާނީ ޝަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރު ކޮށްގެން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް، ހެއްކާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހަވާލާދީފައިވާ ހެއްކާ ބެހޭ ގާނޫނަކީ 1976 ވަނަ އަހަރުގެ ގާނޫނެކެވެ. އެ ގާނޫނަށް އެއްވެސް އިސްލާހެއް ދުވަހަކު ވެސް ގެނެސްފައެއް ނެތެވެ. އެ މުސްކުޅި ގާނޫނު އޮތީ އެ އޮތް ގޮތަށެވެ. އާ ހެއްކާ ބެހޭ ގާނޫނެއް ހެދުމަށް މިދިޔަ މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. އެކަމަކު އެ ބިލް ފާސް ކުރުން އެ މަޖިލީހަށް މުހިންމެއް ނުވި އެވެ. އެ ބިލް އަނބުރާ ނަގާފައިވާއިރު މި މަޖިލީހަށް ހެއްކާ ބެހޭ ބިލެއް އަދި ނުވަދެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މުސްކުޅި ހެއްކާ ބެހޭ ގާނޫނަށް ހަވާލާ ދީފައިވާއިރު ހެއްކާ ބެހޭ ގާނޫނުގައި އެ ބުނާ ސިއްރުން ހެކި ބަސް ނެގޭނެ ހާލަތްތަކެއް ނެތެވެ. އެހެންވެ، ހައިކޯޓުގެ ތިން ފަނޑިޔާރަކު އިއްތިފާގުން އިއްވާފައިވާ ހުކުމްގައި ބުނަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރުން ހެކި ބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް ބުނާއިރު އެ ގޮތްތައް އެ ގާނޫނުގައި ނެތުމަކީ އެ އިޖުރާއަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ބެލެވެން ނެތް ހާލަތެކޭ އެވެ.

ނަމަވެސް މިއީ ހަމަޖެހޭ ނިންމުމެއް ނޫން ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެކަން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ ނިންމުން އައުމާއެކު އިސްތިއުނާފަށް ހުށަހެޅި ނަމަވެސް ސުޕްރީމް ކޯޓުން މައްސަލަ ބަލައިގެންފައިވަނީ އިއްޔެ އެވެ. އެ މައްސަލާގައި ގޮތެއް ނުނިމި ލަސްވާތީ ބައެއް ބޭފުޅުން ކަންބޮޑުވުން ވެސް ފާޅުކުރެ އެވެ.

ކުރިމިނަލް ކޯޓުގައި ސިއްރު ހެއްކާ ގުޅޭ ބައި ޝަރީއަތްތަކުގައި މަޑުޖައްސާލާފައިވާކަން އަވަސްއަށް ވަނީ ކޯޓުގެ ބޭފުޅަކު ޔަގީންކޮށް ދެއްވާފަ އެވެ. ނަމަވެސް ކުރިމިނަލް ކޯޓުގެ ރަސްމީ ބަހެއް މިކަމުގައި ނުލިބެ އެވެ.

މިހާރު އޮތް ހައިކޯޓުގެ ހުކުމަށް އަމަލު ކުރާނަމަ، ކުރިމިނަލް ކޯޓަށް ސިއްރު ހެކި ބަހެއް ނުނެގޭނެ އެވެ. ނަމަވެސް ބޮޑެތި ގިނަ މައްސަލަތަކެއް ސާބިތުވުމަށް ސިއްރު ހެކި މުހިންމުވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

ސިއްރުން ހެކި ބަސް ނަގަމުން ދިޔައީ މީގެކުރިން ވެސް އެގޮތަށް އަމަލުކުރަމުންދާ ކަމަށް ބުނެ ކުރީގެ ގަޒިއްޔާތަކުގެ ހަވާލުގަ އެވެ. އެގޮތުން ހައިކޯޓުން މީގެކުރިން ސިއްރު ހެކި ބަސް ނެގޭނެ ކަމަށް 2012 ވަނަ އަހަރު ނިންމުމެއް ނިންމާފައި އޮވެ އެވެ. އާންމުކޮށް އަމަލު ކުރާ އުސޫލަކީ އެ ހުކުމްގައި ކަނޑައަޅާފައިވާ އުސޫލެވެ.