ސުޕްރީމް ކޯޓް

ނިޝާންގެ މައްސަލަ ސުޕްރީމް ކޯޓަށް

Aug 6, 2022

ބައިނަލްއަގްވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ އައްޝައިހް އާދަމް ނިޝާން ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު ބާތިލް ކުރަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.

ނިޝާން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ރަގަޅު އަމުރެއް ކަމަށް ހައިކޯޓުން ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ނިންމުން އިސްތިއުނާފް ކުރަން ނިޝާންގެ ދިފާއީ ވަކީލުން އަންނަނީ ތައްޔާރުވަމުންނެވެ.

ނިޝާން ބަންދުކުރަން ފުލުހުން އެދުނީ އެކަށީގެންވާ ކޮންމެވެސް މިންވަރަކަށް ހެކި ހުރި ކަމަށް ބުނެ އެވެ. އެގޮތުން އިންޓެލިޖެންސް ރިޕޯޓާއި އެދުވަހު ވީޑިއޯ ސްނެޕްޝޮޓްތަކެއް ހިމެނެ އެވެ. އެކަމަކު ނިޝާންގެ ފަރާތުން ހައިކޯޓުގައި ބުނެފައިވަނީ އޭނާ ބަންދުކޮށްފައިވަނީ ހެކި ނެތި ކަމަށެވެ. އަދި އިންޓެލިޖެންސް ރިޕޯޓުގައި ވެސް ޝަރުތު ހަމަނުވާ ކަމަށެވެ.

މި ހެކިތަކަށް ބަލާއިރު އެދުވަހު ޖިނާއީ ކުށެއްގައި ނިޝާން ބައިވެރިވެފައިވާކަން އެނގޭ ކަމަށާއި މި މައްސަލައަކީ ވެސް ޖިނާއީ ބޮޑު ކުށެއް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ނިޝާން ހިންގި އަމަލުގެ ނަތީޖާއަކީ މުޖުތަމައަށް ނުރައްކާ އޮތުމާއި އާންމު މަސްލަހަތު ނަގައިލައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެން ދިއުން ކަމަށްވާތީ އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރަކީ ސައްހަ އަމުރެއް ކަމަށް ކަނޑައަޅާފައިވެ އެވެ.

ނިޝާންގެ ބަންދުގެ އަމުރު ދެމެހެއްޓިއިރު އިތުރު ތިން ކޯޓު އަމުރެއް ވެސް ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ އަމުރުތަކާ ގުޅޭ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފައިވާއިރު ދެން އޮންނާނީ ހުކުމްކުރުމެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ވަނީ އަނެއްކާ ވެސް ނިޝާންގެ ބަންދަށް އިތުރު ތިން ދުވަސް ދީފަ އެވެ.