ހައިކޯޓް

ހައިކޯޓުން ނިޝާން ދުލެއް ނުކުރި

ބައިނަލްއަގްވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ އައްޝައިހް އާދަމް ނިޝާން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނިޝާން ހައްޔަރު ކުރުމަށްފަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުތައް ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ އިސްތިއުނާފް ކުރި އަމުރާމެދު ގޮތެއް ނިންމަމުން ހައިކޯޓުން ނިންމީ އެ އަމުރަކީ ރަނގަޅު އަމުރެއްް ކަމަށެވެ.

ނިޝާންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ އެބޭފުޅާ ހައްޔަރުކުރިއިރު ގާނޫނީ އިންޒާރުގައި ފުލުހުން ތުހުމަތުކުރި ކަންކަން ފިޔަވައި އިތުރު ކަންކަން ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބަންދު މުރާޖައާ ކުރުމަށް ހުށަހެޅިއިރު ހިމަނާފައިވާ ކަމަށެވެ. އެގޮތުން އެ ހަަމަނުޖެހުމަކީ ސިޔާސީ ނުވަތަ ދީނީ ނުވަތަ ހަރުކަށި ފިކުރުގެ ނިޔަތެއް އޮވެގެން އަދި މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގި ހަރަކާތެއްކަން ހިމަނާފައިވާ ކަމަށް ދިފާއީ ވަކީލުން ވަނީ ފާހަގަކުރައްވާފަ އެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމުގައި ބަޔާންކޮށްފައިވަނީ މައްސަލައެއްގައި މީހަކު ހައްޔަރުކުރާއިރު، އެ މައްސަލައިގެ ތަހުގީގު އޮންނާނީ ވަރަށް ޅަފަތުގައި ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ވަރަކަށް އާ ހެކިތައް ލިބުމާއި އާ ކަންކަން ނިއުޅެމުން ދާނެ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ބަންދުކުރަން އެދޭ ސަބަބުތަކުގެ ތެރޭގައި ފުލުހުން ކޯޓަށް ހުށަހެޅި ފޯމުގައި ހިމަނާފައިވާ ކަންކަމަކީ އުފަންކޮށްފައިވާ ކަންކަން ނޫން ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން ފުލުހުންގެ ފަރާތުން ދަށު ކޯޓަށް ހެކީގެ ގޮތުގައި ހުށަހެޅި އިންޓެލިޖެންސް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އެދުވަހު ނިޝާންގެ ހަރަކާތްތައް ހުރި ގޮތް ކަމަށެވެ. އެގޮތުން ގަލޮޅު ދަނޑުތެރެއަށް ވަދެގަތް މީހުންނާއެކު ދަނޑު ބޭރުގައި ނިޝާން ހަރަކާތްތެރިވެފައިވާ ކަމަށާއި އަދި އެމީހުންނާ މުއާމަލާތްކޮށްފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ނިޝާންގެ ހަރަކާތްތައް ހުރި ގޮތް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

ނިޝާން ބަންދުކުރަން ފުލުހުން އެދުނީ އެކަށީގެންވާ ކޮންމެވެސް މިންވަރަކަށް ހެކި ހުރި ކަމަށް ބުނެ އެވެ. އެގޮތުން އިންޓެލިޖެންސް ރިޕޯޓާއި އެދުވަހު ވީޑިއޯ ސްނެޕްޝޮޓްތަކެއް ހިމެނެ އެވެ. މި ހެކިތަކަށް ބަލާއިރު އެދުވަހު ޖިނާއީ ކުށެއްގައި ނިޝާން ބައިވެރިވެފައިވާކަން އެނގޭ ކަމަށާއި މި މައްސަލައަކީ ވެސް ޖިނާއީ ބޮޑު ކުށެއް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ނިޝާން ހިންގި އަމަލުގެ ނަތީޖާއަކީ މުޖުތަމައަށް ނުރައްކާ އޮތުމާއި އާންމު މަސްލަހަތު ނަގައިލައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެން ދިއުން ކަމަށްވާތީ އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރަކީ ސައްހަ އަމުރެއް ކަމަށް ކަނޑައަޅާފައިވެ އެވެ.

ދައުލަތުން ބުނެފައިވަނީ އެދުވަހު ނިޝާން ހިންގާފައިވަނީ ހަރުކަށި ފިކުރުގެ އަމަލެއް ކަމަށެވެ. ދައުލަތުން ބުނެފައިވަނީ ޖަމާއަތް ހަދައިގެން ހިންގާފައިވާ މި ކުށަކީ ދީނީ ވަކި ޝިއާރެއްގެ ތެރެއިން އުފެދިގެން އައި ހަމަނުޖެހުމެއް ކަމަށެވެ.

ޔޯގާގެ ހުކުމާ މެދު އެކި އިލްމުވެރިންގެ ރައުޔު ތަފާތު ކަމަށާއި އެދުވަހު ހިންގި އަމަލަކީ ދީނީ ހަރުކަށި ވިސްނުމެއްގައި ހިންގާފައިވާ އަމަލެއް ކަމަށެވެ. މިކަމުގައި އެންމެ އިސްކޮށް އުޅުނީ ނިޝާން އަދި ޝައިހް ފަޒްލޫން ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.

ނިޝާންގެ ބަންދު މުރާޖައާ ކުރުމަށްފަހު ކޯޓުން ނެރުނު އިތުރު ތިން އަމުރެއް ވެސް ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެ އަމުރުތަކާ ގުޅޭ އަޑުއެހުންތައް މިހާރު ނިންމާލާފައިވާއިރު، ދެން އޮންނާނީ ހުކުމް ކުރުމެވެ. ހުރިހާ އަމުރެއްގައި ވެސް ހުށަހަޅާފައި ވަނީ އެއް ނުކުތާތަކެކެވެ.