ބައިނަލްއަގްވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު މީހުން ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ދެ ދީނީ އިލްމުވެރިން ކަމަށްވާ އައްޝައިހް އާދަމް ނިޝާން އާއި އައްޝައިހް ފަޒްލޫން މުހައްމަދު އެ ދުވަހު ހިންގާފައިވަނީ ހަރުކަށި ފިކުރަށް ހިތްވަރުދޭ އަމަލުތަކެއް ކަމަށް ދައުލަތުން ހައިކޯޓުގައި ބުނެފި އެވެ.
ނިޝާން އާއި ފަޒްލޫން ހައްޔަރުކުރުމަށްފަހު ދެ ބޭފުޅުން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނެރުނު އަމުރުތައް ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ މިއަދު ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު ދެ ފަރާތުން އަދި ދައުލަތުގެ ފަރާތުން ވަނީ ވަރަށް ތަފްސީލީ ގޮތެއްގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
ދެބޭފުޅުންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ އެބޭފުޅާ ހައްޔަރުކުރިއިރު ގާނޫނީ އިންޒާރުގައި ފުލުހުން ތުހުމަތުކުރި ކަންކަން ފިޔަވައި އިތުރު ކަންކަން ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބަންދު މުރާޖައާކުރުމަށް ހުށަހެޅި އިރު ހިމަނާފައިވާ ކަމަށެވެ. އެގޮތުން އެ ހަަމަނުޖެހުމަކީ ސިޔާސީ ނުވަތަ ދީނީ ނުވަތަ ހަރުކަށި ފިކުރުގެ ނިޔަތެއް އޮވެގެން އަދި މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގި ހަރަކާތެއްކަން ހިމަނާފައިވާ ކަމަށް ދިފާއީ ވަކީލުން ވަނީ ފާހަގަކުރައްވާފަ އެވެ.
ދެބޭފުޅުންގެ ފަރާތުން ދެން ފާހަގަކޮށްފައިވަނީ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވީ ނަމަވެސް ފުލުހުންގެ ފަރާތުން ކުރާ ތުހުމަތުތަކަށް ބާރު ލިބޭ ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ. އެބޭފުޅުންނަކީ ހަމަނުޖެހުން ހިންގި ވަގުތު ދަނޑަށް ވަދެ އަމަލީ ގޮތުން އެއްވެސް ގެއްލުމެއް ދެއްވި ބޭފުޅުން ނޫން ކަމަށްވެސް ވަކީލުން ފާހަގަކުރައްވާފައިވެ އެވެ.
މީގެ އިތުރުން ޔޯގާ ދުވަހު އެއްވެސް ހަމަނުޖެހުމެއް ހިންގަން ކަމަށް އުޅޭ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބިފައިނުވާކަން ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވާ ކަމަށްވެސް ވަކީލުން ވިދާޅުވި އެވެ. އެކަން އެހެން އޮއްވައި ހެކީގެ ހޮތުގައި ފުލުހުން ކޯޓަށް އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅީ ކިހިނެއް ކަމާމެދު ސުވާލު އުފެއްދެވި އެވެ.
ފަޒްލޫން އަދި ނިޝާން ވެސް އެދުވަހު ދަނޑު ކުރިމަތީގައި އާންމުންނާ މުއާމަލާތްކޮށް ދީނީ ފަތުވާ ދެއްވާފައިވެ އެވެ. ދައުލަތުން ބުނާ ގޮތުގައި އެދުވަހު އެ ދެބޭފުޅުން ދެއްކެވި ވާހަކަތަކުންނާއި ދެބޭފުޅުންގެ އަމަލުތައް ހުރިގޮތުން ހަމަނުޖެހުން ހިންގަން ރާވައި، ހިތްވަރުދީ، އެހީތެރިވެ އަދި ބައިވެރިވެފައިވާ ކަން އެނގެ އެވެ.
ދަނޑު ކައިރިޔަށް އެއްވުމަށް ދެބޭފުޅުން ވެސް ސޯޝަލް މީޑިއާގައި އޭގެ އެއް ދުވަސް ކުރިން ޕޯސްޓްތައް ކޮށްފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ. އެއީ ހަރުކަށި އިބާރާތުން ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށާއި، ޔޯގާ ހަރަކާތުގައި ބައިވެރިވީ މީހުންނަކީ އިސްލާމް ދީނުގެ ފޭރާމުން ބޭރުވެފައިވާ މީހުން ކަމަށް ސިފަވާނެހެން ޕޯސްޓްތައް ކޮށްފައިވާ ކަމަށް ދައުލަތުން ފާހަގަކުރި އެވެ. އެދުވަހު ހަމަނުޖެހުން ހިންގާފައި ވަނީ އެބޭފުޅުން ދަނޑު ކައިރީ ތިބެ ދެއްކި ވާހަކަތަކެއްގެ ސަބަބުން ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފަ އެވެ. އެ ޕޯސްޓްތަކާއި ދެއްކި ވާހަކަތައް ދައްކާފައިވަނީ ނުބައި މާނައެއް ދޭހަވާނެހެން ކަމަށްވެސް ދައުލަތުން ބުނެ އެވެ.
ދައުލަތުން ބުނެފައިވަނީ ޖަމާއަތް ހަދައިގެން ހިންގާފައިވާ މި ކުށަކީ ދީނީ ވަކި ޝިއާރެއްގެ ތެރެއިން އުފެދިގެން އައި ހަމަނުޖެހުމެއް ކަމަށެވެ. ޔޯގާގެ ހުކުމާ މެދު އެކި އިލްމުވެރިންގެ ރައުޔު ތަފާތު ކަމަށާއި އެދުވަހު ހިންގި އަމަލަކީ ދީނީ ހަރުކަށި ވިސްނުމެއްގައި ހިންގާފައިވާ އަމަލެއް ކަމަށެވެ. މިކަމުގައި އެންމެ އިސްކޮށް އުޅުނީ ނިޝާން އަދި ފަޒްލޫން ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.
ދެ ބޭފުޅުންގެ އަޑުއެހުން ހައިކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ވަކިންނެވެ. އެކަމަކު އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ހިމަނާފައި ވަނީ ގާތްގަނޑަކަށް އެއް ކަންތައްތަކެކެވެ. ނިޝާންގެ މައްސަލައިގައި ވާހަކަދައްކާފައިވަނީ އެންމެ ކޯޓު އަމުރަކާ ގުޅޭ ގޮތުންނެވެ. އިތުރު ތިން އަމުރު އިސްތިއުނާފްކޮށްފައިވެ އެވެ. ފަޒްލޫންގެ މައްސަލައިގައި ދައުލަތުން ބުނެފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ކޯޓުން ފަޒްލޫން ދޫކޮށްލާފައިވާތީ އިސްތިއުނާފް ކޮށްފައިވާ އަމުރުތަކުގެ ބޭނުންވެސް މިހާރު ކެނޑިފައިވާ ކަމަށެވެ.
ދެ މައްސަލައިގެ އަޑުއެހުންތައް ވެސް މިއަދު ވަނީ ނިންމާލާފަ އެވެ. ދެން އޮންނާނީ މި މައްސަލައިގައި ހުކުމް އިއްވުމެވެ. ހުކުމް އިއްވާނެ ވަކި ދުވަހެއް ހާމަކޮށްފައެއް ނުވެ އެވެ.