ބައިނަލްއަގްވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި އައްޝައިހް ފަޒްލޫން މުހައްމަދު، ކްރިމިނަލް ކޯޓުން ބަންދުކުރީ ރަގަޅަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
ފަޒްލޫން ބަންދުކުރީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުދިން ކަމުގެ ތުހުމަތުގަ އެވެ. އެކި ފަހަރު މަތިން ފަޒްލޫންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ހައިކޯޓުގައި ތިން އަމުރެއް އިސްތިއުނާފް ކޮށްފައިވެ އެވެ.
މި މައްސަލައިގައި ހައިކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނެފައިވަނީ މި މައްސަލައިގައި ފުލުހުންގެ ފަރާތުން ބަންދު މަޖިލީސްތަކަށް އެކަށީގެންވާ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.
މައްސަލަ ތަހުގީގުކުރަމުންދާއިރު އާ ހެކިތައް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާއިރު، މި މައްސަލައިގައި ބަންދުކުރަން ފުލުހުންގެ ފަރާތުން ކޯޓުގައި އެދޭ ފޯމުގައި ބަންދުގައި ބަހައްޓާ ސަބަބަށް ބަދަލު އައުމަކީ އާ ތުހުމަތު އުފަން ކުރުން ކަމަށް ނުބެލެވޭ ކަމަށެވެ.
ފަޒްލޫންގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
ހައިކޯޓުން އިއްޔެ ހުކުމް އިއްވި ނަމަވެސް ފަޒްލޫން ވަނީ ކްރިމިނަލް ކޯޓުން މިދިޔަ މަހު ޝަރުތުތަކަކާއެކީ ދޫކޮށްލާފަ އެވެ. ފަޒްލޫން ދޫކޮށްލި މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލައިގައި އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ފަޒްލޫންގެ އިތުރުން މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތުކޮށް ބަންދުކުރި ޝައިހް އާދަމް ނިޝާންގެ އިތުރުން މި މައްސަލައިގައި ބަންދުކުރި އިތުރު މީހުން މިހާރު ވަނީ ބަންދުން ދޫކޮށްލާފަ އެވެ.