ހައިކޯޓް

ނިޝާންގެ މައްސަލަ: ހުކުމް ކުރުން މާދަމާ

ބައިނަލްއަގްވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި އައްޝައިހް އާދަމް ނިޝާން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މާދަމާއަށް ތާވަލުކޮށްފި އެވެ.

ހައިކޯޓްގައި އޮތް ބަންދު މުރާޖާ ކޯޓު އަމުރުތަކުގެ މައްސަލައިގެ ހުކުމް ކުރުން އޮތީ 10:30 ގައެވެ.

ހައިކޯޓްގައި އޮތް މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. ހައިކޯޓަށް ހުށައެޅި މައްސަލާގައި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ އެބޭފުޅާ ހައްޔަރުކުރިއިރު ގާނޫނީ އިންޒާރުގައި ފުލުހުން ތުހުމަތުކުރި ކަންކަން ފިޔަވައި އިތުރު ކަންކަން ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބަންދު މުރާޖައާކުރުމަށް ހުށަހެޅި އިރު ހިމަނާފައިވާ ކަމަށެވެ. އެގޮތުން އެ ހަަމަނުޖެހުމަކީ ސިޔާސީ ނުވަތަ ދީނީ ނުވަތަ ހަރުކަށި ފިކުރުގެ ނިޔަތެއް އޮވެގެން އަދި މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގި ހަރަކާތެއްކަން ހިމަނާފައިވާ ކަމަށް ދިފާއީ ވަކީލުން ވަނީ ފާހަގަކުރައްވާފަ އެވެ.

ދެބޭފުޅުންގެ ފަރާތުން ދެން ފާހަގަކޮށްފައިވަނީ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވީ ނަމަވެސް ފުލުހުންގެ ފަރާތުން ކުރާ ތުހުމަތުތަކަށް ބާރު ލިބޭ ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ. އެބޭފުޅުންނަކީ ހަމަނުޖެހުން ހިންގި ވަގުތު ދަނޑަށް ވަދެ އަމަލީ ގޮތުން އެއްވެސް ގެއްލުމެއް ދެއްވި ބޭފުޅުން ނޫން ކަމަށްވެސް ވަކީލުން ފާހަގަކުރައްވާފައިވެ އެވެ.

މީގެ އިތުރުން ޔޯގާ ދުވަހު އެއްވެސް ހަމަނުޖެހުމެއް ހިންގަން ކަމަށް އުޅޭ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބިފައިނުވާކަން ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވާ ކަމަށްވެސް ވަކީލުން ވިދާޅުވި އެވެ. އެކަން އެހެން އޮއްވައި ހެކީގެ ހޮތުގައި ފުލުހުން ކޯޓަށް އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅީ ކިހިނެއް ކަމާމެދު ސުވާލު އުފެއްދެވި އެވެ.

ޝައިހް ނިޝާން ޝަރިއަތް ނިމެންދެން ބަންދުގައި ބަަހައްޓައިދޭން ފުލުހުން ކްރިމިނަލް ކޯޓްގައި އެދުމުން ކުށުގެ އަމަލާ ގުޅުވައިދޭ ހަރުދަނާ ހެއްކެއް ހުށައަޅާފައި ނުވާ ކަމަށާ އާންމުން ދަނޑަށް ވަނުމަށް އިރުޝާދު ދީފައިވާ ގޮތް ބަޔާންކޮށްދޭ ހަރުދަނާ އެއްވެސް ހެއްކެއް ފުލުހުން ހުށައަޅާފައިނުވާ ކަަމަށް ވަނީ ބުނެފައެވެ.

ހައިކޯޓްގައި އޮތް ބަންދު މުރާޖާ ކޯޓު އަމުރުތަކުގެ މައްސަލައިގެ ހުކުމް މާދަމާއަށް ތާވަލުކޮށްފައިވާއިރު ޖުލައި 19 ވަނަ ދުވަހު ޝެއިހް ނިޝާންގެ ބަންދަށް ޖެހި 16 ދުވަސް ހަމަވާތީ މާދަމާ ބަންދުގެ މަޖިލީސްވެސް އެބަ އޮތެވެ. ބަންދާމެދު ގޮތް ނިންމުން އޮތީ ހެނދުނު 9:30 ގައެވެ.