ބައިނަލްއަގްވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ އައްޝައިހް އާދަމް ނިޝާންގެ ބަންދަށް އިތުރު ތިން ދުވަސް ޖަހައިފި އެވެ.
ނިޝާންގެ ބަންދަށް އެންމެ ފަހުން ޖެހި 16 ދުވަހުގެ މުއްދަތު މިއަދު ވަނީ ހަމަވެފައެވެ. ބަންދުގެ މުއްދަތު އިތުރު ކުރަން ހާޒިރު ކުރުމުން ކޯޓުން ދިނީ ތިން ދުވަހެވެ.
ނިޝާންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި މިވަނީ ނިޝާން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފައި ވަނިކޮށެވެ. ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމުގައި ބަޔާންކޮށްފައިވަނީ މައްސަލައެއްގައި މީހަކު ހައްޔަރުކުރާއިރު، އެ މައްސަލައިގެ ތަހުގީގު އޮންނާނީ ވަރަށް ޅަފަތުގައި ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ވަރަކަށް އާ ހެކިތައް ލިބުމާއި އާ ކަންކަން ނިއުޅެމުން ދާނެ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ބަންދުކުރަން އެދޭ ސަބަބުތަކުގެ ތެރޭގައި ފުލުހުން ކޯޓަށް ހުށަހެޅި ފޯމުގައި ހިމަނާފައިވާ ކަންކަމަކީ އުފަންކޮށްފައިވާ ކަންކަން ނޫން ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން ފުލުހުންގެ ފަރާތުން ދަށު ކޯޓަށް ހެކީގެ ގޮތުގައި ހުށަހެޅި އިންޓެލިޖެންސް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އެދުވަހު ނިޝާންގެ ހަރަކާތްތައް ހުރި ގޮތް ކަމަށެވެ. އެގޮތުން ގަލޮޅު ދަނޑުތެރެއަށް ވަދެގަތް މީހުންނާއެކު ދަނޑު ބޭރުގައި ނިޝާން ހަރަކާތްތެރިވެފައިވާ ކަމަށާއި އަދި އެމީހުންނާ މުއާމަލާތްކޮށްފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ނިޝާންގެ ހަރަކާތްތައް ހުރި ގޮތް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
ދައުލަތުން ބުނެފައިވަނީ އެދުވަހު ނިޝާން ހިންގާފައިވަނީ ހަރުކަށި ފިކުރުގެ އަމަލެއް ކަމަށެވެ. ދައުލަތުން ބުނެފައިވަނީ ޖަމާއަތް ހަދައިގެން ހިންގާފައިވާ މި ކުށަކީ ދީނީ ވަކި ޝިއާރެއްގެ ތެރެއިން އުފެދިގެން އައި ހަމަނުޖެހުމެއް ކަމަށެވެ.
ޔޯގާގެ ހުކުމާ މެދު އެކި އިލްމުވެރިންގެ ރައުޔު ތަފާތު ކަމަށާއި އެދުވަހު ހިންގި އަމަލަކީ ދީނީ ހަރުކަށި ވިސްނުމެއްގައި ހިންގާފައިވާ އަމަލެއް ކަމަށެވެ. މިކަމުގައި އެންމެ އިސްކޮށް އުޅުނީ ނިޝާން އަދި ޝައިހް ފަޒްލޫން ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.
ނިޝާންގެ ބަންދު މުރާޖައާ ކުރުމަށްފަހު ކޯޓުން ނެރުނު އިތުރު ތިން އަމުރެއް ވެސް ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެ އަމުރުތަކާ ގުޅޭ އަޑުއެހުންތައް މިހާރު ނިންމާލާފައިވާއިރު، ދެން އޮންނާނީ ހުކުމް ކުރުމެވެ. ހުރިހާ އަމުރެއްގައި ވެސް ހުށަހަޅާފައި ވަނީ އެއް ނުކުތާތަކެކެވެ.