މިނިމަމް ވޭޖް

އެންމެ ކުޑަ އުޖޫރަ މި ހަފްތާގައި ކަނޑައަޅަނީ

Sep 20, 2021
1

މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ މުސާރައިގެ ގޮތުގައި ދެވޭނެ އަދަދެއް މި ހަފްތާގެ ތެރޭގައި ކަނޑައެޅުމަށް މިނިމަމް ވޭޖު ބޯޑުން ނިންމައިފި އެވެ.

ބޯޑުގައި ހިމެނޭ ބައެއް މެންބަރުން ވަނީ އެކަން އަވަސް އަށް ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.

ބޯޑުގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމަށްޓަކައި ގިނަ ދިރާސާތަކެއް ކުރެވި ހަދަންޖެހޭ އޮނިގަނޑު ހެދި އަދަދެއްވެސް ގޮތަކަށް ކަނޑައެޅިފައިވާ ކަމަށެވެ.

"އެހެންކަމުން ބުދަ / ބުރާސްފަތި ދުވަހު މިނިމަމް ވޭޖު އަދަދު ކަނޑައެޅޭނެ. ގާތްގަނޑަކަށް އެކަމާ ގުޅޭ ހުރިހާ ކަމެއް ވަނީ ނިމިފައި. ބޯޑު ބައްދަލުވުމުގައި ފާސްކޮށްލުން މައިގަނޑު ކަމަކަށް މިހާރު އޮންނާނީ،" އޭނާ ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވަނީ އިކޮނޮމިކް މިނިސްޓަރު މިނިމަމް ވޭޖު ކަނޑައަޅަން ވާނީ ވޭޖް ބޯޑުގެ ލަފާގެ މަތިން ކަމަށެވެ.

އެގާރަ މެންބަރުންގެ މައްޗަށް މިނިމަމް ވޭޖު ބޯޑު އެކުލެވިގެންވަނީ ވަޒީފާ ދޭ ފަރާތްތަކާއި މަސައްކަތްތެރިން ޝާމިލްވާ ގޮތަށެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400ރ. އާއި 8،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މީގެކުރިން އޮތީ ލަފާ ވެސް ދީފަ އެވެ.

މިނިމަމް ވޭޖު ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށް މަޖިލީހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޮތީ ފާސް ވެސް ކޮށްފަ އެވެ. އެންމެ ކުޑަ އުޖޫރަ ދެވޭނެ ސިނާއަތްތަކުގެ ގޮތުގައި މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ވަނީ ވަކި ސިނާއަތްތަކެއް ވެސް ކަނޑައަޅާފަ އެވެ. މީގެތެރޭގައި ހިމެނެނީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، ކޮންސްޓްރަކްޝަން، ދަތުރުފަތުރު، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ކުދި އަދި މެދުފަންތީގެ ސިނާއަތުގެ އިތުރުން އިންފޮމޭޝަން އަދި ޓެކްނޮލޮޖީގެ ސިނާއަތާއި މެރިޓައިމްގެ ސިނާއަތެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.