ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރި މެޗުގައި މެސީ ބަދަލު ކުރުމުން އޭނާ ހިތްހަމަ ނުޖެހިއްޖެ އެވެ.
ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސެސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މެސީ ބަދަލުކުރީ ދެވަނަ ހާފުގައި، 75 މިނެޓު ކުޅުނު ފަހުންނެވެ. މެސީގެ ބަދަލުގައި ކުޅެން އެރުވީ އަޝްރަފް ހަކީމީ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި މެސީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. އެގޮތުން ގިނަ ފައުލު ތަކެއް ހޯދުމުގެ އިތުރުން މެސީ ވަނީ އިދިކޮޅު ގޯލަށް ނުރައްކާތެރި އެތައް ހަމަލާ ތަކެއް ފޮނުވާލާފަ އެވެ. އަދި އިދިކޮޅު ގޯލަށް ނުރައްކާ ކުރުމަށް ޓީމުގެ ކުޅުންތެރިންނަށް ވަރަށް ރަނގަޅު ފުރުސަތު ތަކެއް މެސީ ތަނަވަސް ކޮށްދިނެވެ. އެކަމަކު ފުރަތަމަ ހާފާއި އަޅާ ބަލާއިރު ދެވަނަ ހާފުގައި މެސީގެ ކުޅުން ފެނުނީ ދަށްކޮށެވެ.
ފޯރިގަދަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް ލިޔޯން އިން ލީޑު ނެގި އެވެ. މި ގޯލަކީ ޓޯކޯ އެކާމްބީ ދިން ވަރަށް ރީތި ތުރޫ ބޯޅައަކުން ލުކަސް ޕަކޭޓާ ކާމިޔާބު ކޮށްދިން ގޯލެކެވެ.
ޕީއެސްޖީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ބްރެޒިލްގެ ތަރި ނޭމާ އެވެ. މި ޕެނަލްޓީ އަކީ ލިޔޯން އޭރިއާ ތެރެއިން އެ ޓީމު ކުޅުންތެރިން ނޭމާއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ޕީއެސްޖީ މެޗުން މޮޅުވި ގޯލު އެޓީމަށް ޖަހައިދިނީ މައުރޯ އިކާޑީއެވެ. މި ގޯލަކީ މަތިމަތިން އައި ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިކާޑީ ކާމިޔާބު ކުރި ގޯލެކެވެ.
މި ނަތީޖާ އާއެކު ޕީއެސްޖީ ގްރޫޕްގެ އެއްވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ލިބުނު 18 ޕޮއިންޓާއި އެކުގަ އެވެ.