ޕީއެސްޖީ

މެޓްޒް މެޗުގައި މެސީ ނުފެންނާނެ

ފްރާންސް ލީގުގައި މިރޭ މެޓްޒް އާއި ދެކޮޅަށް ކުޅޭ މެޗުގައި ޕީއެސްޖީގެ ޓީމުން މެސީ ނުފެންނާނެ އެވެ.

މި ހަފުތާގެ އާދީއްތަ ދުވަހު ލިޔޯން އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ ދެވަނަ ހާފުގައި 1-1 އިން ދެ ޓީމު އެއްވަރު ވެފައި ވަނިކޮށް މެސީ ބަދަލު ކުރުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ ޕީއެސްޖީގެ ކޯޗު ޕޮޗެޓީނޯއަށް އަމާޒުވެފަ އެވެ. މެސީ ވަނީ އެ މެޗުގެ ފުރަތަމަ ހާފުގައި ވަރަށް މޮޅު ކުޅެއް ދައްކައި އިދިކޮޅު ގޯލަށް ނުރައްކާތެރި އެތައް ހަމަލާ ތަކެއް ފޮނުވާލާފަ އެވެ.

މެޗަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮޗެޓީނޯ ބުނީ މެސީ ބަދަލު ކުރަން ނިންމީ އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާ އަކާއި ގުޅިގެން ކަމަށެވެ. އަދި މެސީ ފަދަ މުހިންމު ކުޅުންތެރިއަކަށް ބޮޑު އަނިޔާއެއްވެ މުހިންމު ގިނަ މެޗު ތަކެއް ގެއްލެން ބޭނުން ނުވާތީ ކަމަށެވެ.

ޕީއެސްޖީން އަންގާރަ ދުވަހު ބުނީ މެޓްޒް އާއި ބައްދަލުކުރާ މެޗުގައި މެސީއަށް ނުކުޅެވޭނެ ކަމަށެވެ. އެއީ ޕީއެސްޖީގެ މެޑިކަލް ޓީމުން ހެދި އެމްއާރުއައި އިން މެސީގެ ވާއަތު ކަކުލުގެ ކަށިގަނޑަކަށް އަނިޔާވެފައިވާކަން އެނގުމުންނެވެ. މެސީގެ އަނިޔާ އާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އިތުރު މެޑިކަލް ޓެސްޓު ތަކެއް ހަދާނެ އެވެ.

މެޓްޒް އާއި ބައްދަލުކުރާ މެޗުގައި މެސީއަށް ނުކުޅެވުމަކީ ޓީމަށް ލިބޭނެ ދެރައަކަށް ވާއިރު، މިމަހުގެ 25 ވަނަ ދުވަހު މޮންޓްޕެލިއާ އާއި ދެކޮޅަށް އަދި 28 ވަނަ ދުވަހު ވަރުގަދަ މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ޕީއެސްޖީ ކުޅެން ޖެހޭނެ އެވެ. މީގެ އިތުރުން މިއަންނަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ރެން އާއި ދެކޮޅަށް ޕީއެސްޖީ ނުކުންނަން ޖެހޭނެ އެވެ. މި މެޗު ތަކުގައި މެސީއަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލިޔޯން މެޗުގައި މެސީ ބަދަލު ކުރުމުގެ އިތުރުން އޭނާގެ އަނިޔާ އާއި ބެހޭ ގޮތުން އަމާޒުވި ސުވާލު ތަކަށް ޕޮޗެޓީނޯ ބުނީ މެސީގެ އަނިޔާ އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ކުލަބުން އާމުންނާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި މެޗު ތެރޭގައި މެސީ ކަކުލަށް އަނިޔާވެގެން އުޅުނުކަން މެޗު ރަނގަޅަށް ބަލައިފި ނަމަ އެނގޭނެ ކަމަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މެސީ ބަދަލު ކުރަން ޖެހުނީ ދެވަނަ ހާފުގައި އޭނާގެ ފަޔަށް ލިބުނު އަނިޔާ އާއި ގުޅިގެން ކަމަށް ވެސް ޕޮޗެޓީނޯ ފާހަގަކުރި އެވެ.

މީގެ އިތުރުން މި ބަދަލާއިއެކު މީޑިއާ ތަކުން ކުރި ކަންތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ބުނެ ޕޮޗެޓީނޯ ބުނީ އެ ހުރިހާ ކަމަކަށް ވުރެ ކުޅުންތެރިން ޓީމަށް މާ މުހިންމު ކަމަށެވެ.

އަދި ދުނިޔޭގެ ފެންވަރުގެ އެންމެ މޮޅެތި ކުޅުންތެރިން އަބަދުވެސް ދަނޑުމަތީގައި ތިބެން ބޭނުންވާނެ ކަމަށާއި، މެސީ ބަދަލުކުރުމުން އޭނާ ހިތްހަމަ ނުޖެހުމުން ޕޮޗެޓީނޯ ހައިރާން ނުވާ ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ.

މެސީގެ އިތުރުން މާކޯ ވެރާޓީ އާއި ސާޖިއޯ ރާމޯސްގެ އަނިޔާގެ އަޕްޑޭޓް ވެސް ޕީއެސްޖީން ވަނީ އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދީފަ އެވެ. ޕީއެސްޖީގެ މިޑްފީލްޑަރާއި ސެންޓާ ބެކް މިވަގުތު އެމީހުންނަށް ލިބިފައިވާ އަނިޔާއިން ރަނގަޅު ވުމަށް މަސައްކަތް ކުރަމުން އަންނަ އިރު ކްލަބުގެ އުންމީދަކީ ވަރަށް އަވަހަށް މި ކުޅުންތެރިން ދަނޑުމަތިން ފެނިގެން ދިއުމެވެ.