ފައުޒިއްޔާ ހަސަން

ފައުޒިއްޔާ އާއި މަރިޔަމް ރަޝީދާގެ ބަޔާން ނެގުމަށް އިންޑިއާ ޓީމެއް ރާއްޖެ އަންނަނީ

Sep 22, 2021

ދިވެހިރާއްޖޭގެ ތަޖުރިބާކާރު ފިލްމީ ތަރި ފައުޒިއްޔާ ހަސަނާއި، މަރިޔަމް ރަޝީދާ ޕާކިސްތާނަށް ޖާސޫސް ކޮށްދިން ކަމަށް ތުހުމަތުކޮށް އެތައް އަހަރަކު ޖަލުގައި ގެންގުޅުނު މައްސަލައިގެ ތަހުގީގަށް ބޭނުންވާ ބަޔާނެއް ނެގުމަށް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ގެ ޓީމެއް ރާއްޖެ އައުމަށް ނިންމައިފި އެވެ.

ފައުޒިއްޔާ އާއި މަރިޔަމް ރަޝީދާ އިންޑިއާގެ ޖަލެއްގައި ހައްޔަރުކުރީ ނޮވެމްބަރު 13، 1994 ގައެވެ. އެ ދެ މީހުން ދޫކޮށްލީ ތިން އަހަރާއި ތިން މަސް ދުވަހު ޖަލުގައި ގެންގުޅުމަށްފަހު އެވެ.

މި ދެ މީހުންނާއި އެކު ޕާކިސްތާނަށް ޖާސޫސް ކުރި ކަމުގެ ތުހުމަތުގައި އިންޑިއާގެ ސައިންސްވެރިއެއް ކަމަށްވާ ނަބްމީ ނަރަޔާނަން ވެސް ޖަލަށްލި އެވެ. ނަބްމީ މިނިވަންކޮށް އޭނާ އަށް ގެއްލުމުގެ ބަދަލު ދިނުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ފަހުން ހުކުމް ކުރުމުން ނަބްމީ އަށް ބަދަލުގެ ގޮތުގައި ފަސް މިލިއަން އިންޑިއަން ރުޕީސް ނުވަތަ 1.04 މިލިއަން ދިވެހި ރުފިޔާ އިންޑިއާ ސަރުކާރުން ދީފައިވެ އެވެ.

ފައުޒިއްޔާ ވެސް ވަނީ އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އިންޑިއާގެ ކަމާ ގުޅޭ އިދާރާތަކަށް މައްސަލަ ހުށަހަޅާފަ އެވެ. އެކަމަކު އެ މައްސަލަ އަދި ވަކިގޮތަކަށް ނިންމާފައެއް ނުވެ އެވެ.

މި މީހުން އިންޑިއާގެ ކެރަލާ ސްޓޭޓުން ހައްޔަރުކޮށް ޖަލަށްލީ އިންޑިއަން ސްޕޭސް އެންޑް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ)ގެ ސިއްރުތަކެއް ދިވެހި ސަރުކާރު މެދުވެރިކޮށް ޕާކިސްތާނަށް ހިއްސާކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. އެކަމަކު ފަހުން ކުރި ތަހުގީގުތަކުން އެނގިފައިވަނީ މިމައްސަލަ އަކީ ކެރަލާ ފުލުހން އަމިއްލަ އަށް އުފެއްދި މައްސަލައެއް ކަމެވެ. ހައްޔަރުކުރި މީހުން މިނިވަންވީ އެ ހިސާބުންނެވެ.

ހާދިސާ ހިނގިތާ 27 އަހަރު ފަހުން އަލުން މިމައްސަލަ ހިލިގެން އުޅެނީ އިންޑިއާގެ ސުޕްރީމް ކޯޓުގެ އިސް ނެގުމަށް އެ މައްސަލަ ބަލައި މިއަހަރު އޭޕްރީލް މަހު ނެރުނު އަމުރެއްގެ ސަބަބުންނެވެ. އެ އަމުރުގައި ވަނީ އެ މައްސަލަ އޭރު ތަހުގީގު ކުރި ކެރެލާގެ ފުލުހުން އަމަލުކުރި ގޮތުގެ ތަހުގީގެއް ހިންގުމަށް ސީބީއައި އަށް އަމުރުކޮށްފަ އެވެ. އަދި ހައްޔަރުކުރި މީހުންނަށް ބަދަލު ހޯދުމަށް ދައުވާކުރުމަށް ވެސް ފުރުސަތު ދީފައިވެ އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސީބީއައިގެ ޓީމެއް ރާއްޖެ އަންނަނީ މަރިޔަމް ރަޝީދާ ރާއްޖޭގައި ހުރުމުން އޭނާގެ ބަޔާނެއް ނެގުމަށެވެ. އާންމުކޮށް މި ފަހުން ލަންކާގައި ދިރިއުޅޭ ފައުޒިއްޔާ ވެސް މިވަގުތު މާލޭގައި ހުރުމުން ސީބިއައިގެ ޓީމު ރާއްޖެ އަންނައިރު ފައުޒިއްޔާގެ ބަޔާން ނެގުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެނގިފައިވެ އެވެ.