ދުނިޔެ

ޗައިނާއިން ދައުލަތެއްގެ މިނިވަންކަމަށް އަރައި ނުގަންނާނެ: ޝީ

ޗައިނާއިން ދުވަހަކު ވެސް މިނިވަން ދައުލަތެއްގެ ބާރުކަނޑުވައި ނުލާނެ ކަމަށް ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ. އދ. އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޝީ ވިދާޅުވީ ހަނގާ ކުރުމާއި ހިސޯރު ކުރުމަކީ މަސްލަހަތެއް އޮތް ކަމެއް ނޫން ކަމަށެވެ.

ޗައިނާގެ ރައީސް، ޝީ ޖިންޕިން މި މޭރުމުން ވާހަކަފުޅު ދެއްކެވި ސަބަބެއް ކަމަށް ބެލެވެނީ އދ. އާންމު މަޖިލީހުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބަސްމަގު ގެންގުޅުއްވި ގޮތުންނެވެ.

ބައިޑަން ވަކި ގައުމެއް އަދި ވަކި މީހަކަށް އިޝާރާތް ނުކުރައްވައި ވިދާޅުވީ ގޮށްމުށުން ބިރު ދައްކައި ރައްޔިތުން ކޮށިއަރުވަމުން ގެންދާ ބާރުތަކުން ކުރާ އެއްވެސް މަސައްކަތަކުން ޑިމޮކްރަސީ ފަނާކޮށް ނުލެވޭނެ ކަމަށެވެ.

ޝީ ވިދާޅުވި ގޮތުގައި ޗައިނާއަކީ ދުނިޔޭގެ މަސްލަހަތު ބިނާ ކުރާ ގައުމެކެވެ. ފަނާކުރާ ގައުމެއް ނޫނެވެ. ދުނިޔޭގެ ތަރައްގީއަށާއި ބައިނަލްއަގުވާމީ ގޮތުން ގަބޫލު ކޮށްފައި ހުރި އާންމު އުސޫލުތައް ހިމާޔަތްކުރާ ގައުމެއް ކަމަށެވެ. އޭނާ އަދި ވިދާޅުވީ ޗައިނާގައި އުފައްދާ މުދަލާއި ހިދުމަތްތައް ދުނިޔެއަށް ލިބޭނެ ގޮތް ހެއްދެވުމަކީ ލިބިވަޑައިގަންނަވާ އުފާފުޅެއް ކަމަށެވެ.

ޝީ ޖިންޕިން އދ. ގެ 76 ވަނަ ޝެޝަނާ މުހާތަބުކުރައްވީ ވީޑިއޯ މެސެޖަކުންނެވެ. ޝީ ވިދާޅުވި ގޮތުގައި ޗައިނާއިން އިސްވެ ހިންގާ އެއްވެސް މުއާމަލާތެއްގައި ވަކި ގައުމަކަށް ފައިދާވެ ވަކި ގައުމަކަށް ގެއްލުން ވުމަށް ދޫކޮށް ނުލައްވާނެ އެވެ. އިގުތިސޯދީ މުއާމަލާތްތަކުގައި އޮންނަނީ ދެގޮތެވެ. އޭނާ އަދި ވިދާޅުވީ ޗައިނާއަކީ ނިކަމެތިންގެ ކިބައިން ފައިދާ ހޯދާ ގައުމެއް ނޫން ކަމަށެވެ.

ދުނިޔޭގެ މަޝްރަހުގައި ހިނގަމުންދާ ކަންތައްތަކަށް އިޝާރާތް ކުރައްވައި ޝީ ވިދާޅުވީ އަސްކަރީ ބާރުވެރިކަން ދެއްކުމުން ވާނެ ގޮތް އަފްޣާނުން އެ ފެންނަނީ ކަމަށާއި އަފްޣާނުން އެ ފެންނަނީ އެ ބުނާ ޑިމޮކްރަސީއެއްގައި ހުރި ނުކުޅެދުންތެރިކަން ކަމަށެވެ.

ޝީ ޖިންޕިން ވިދާޅުވި ގޮތުގައި މަސްލަހަތަކީ ތަރައްގީގައި ވަކި ގައުމެއް ދެރަކޮށް ނުލުމެވެ. ހަމަހަމަ ކަމައި އިންސާފާއި މިނިވަން ކަމަކީ ކޮންމެ ބަޔަކަށް ވެސް މުހިންމު އަސާސްތަކެއް ކަމަށް ޝީ ވިދާޅުވި އެވެ. އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް ބޮލަށް އަރައިގަނެގެން އިންސާނީ ރީތި އުސޫލުތަައް ގާއިމު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝީ ވިދާޅުވިި ގޮތުން ބާރުގަދަ ގައުމުތަކުން ވެސް އުނގެނެންވީ އެވެ. އެންމެން އެކުގައި އެ ބައެއްގެ އަސާސްތަކަށް އިހުތިރާމް ކޮށްގެން އިންސާނީ ހާލަތު ތަރައްގީ ކުރަންވީ އެވެ. އެނޫން ގޮތެއްގައި ސުލްހަވެރިކަން ދެމިނޯންނާނެ އެވެ.