ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ސެކިއުރިޓީ ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޖާބިރަށް ސެކިއުރިޓީ ހަމަޖައްސަވައި ދެއްވުމަށް އޭނާ މަޖިލީހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން ސެކިއުރިޓީ ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
މަޖިލީހުގެ މެންބަރުން އެދިއްޖެ ހާލަތެއްގައި ސިފައިންގެ ސެކިއުރިޓީ އެ މެންބަރުންނަށް އަރުވައެވެ.
ޖާބިރަށް ސެކިއުރިޓީ ދޭން އެދިފައި މިވަނީ އޭނާ އއ. މަތިވެރިއަށް ވަޑައިގަތުމުން ބަޔަކު ހަމަލާދީފައިވަނިކޮށެވެ. އެ މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު އަވަސް އަށް ވިދާޅުވީ މި މައްސަލައިގައި މަތިވެރިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
މަތިވެރީގައި ހިންގާ 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސްއަކީ ޖާބިރުގެ ވިޔަފާރިއެއް ކަމުން އޭނާ ވަރަށް ގިނައިން އެ ރަށަށް ވަޑައިގަންނަވަ އެވެ.
މިމަހުގެ 21 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގެންްނެވީ ގެސްޓްހައުސް ބައްލަވައިލެއްވުމަށެވެ. ނަމަވެސް ރަށުގެ ވަރަށް ގިނަ ބަޔަކު ނިކުމެ ޖާބިރާ ދެކޮޅަށް ވަނީ އަޑުއުފުލާފަ އެވެ. އަދި ޖާބިރު އެ ރަށުން ފޭބުމަށް ގޮވާލާ އިހުތިޖާޖު ކޮށްފައިވެ އެވެ. ހަމަނުޖެހުގެ ތެރެއިން ބަޔަކު ވަނީ ޖާބިރަށް ހަމަލާ ވެސް ދީފަ އެވެ.
މި ފަހުން ޖާބިރުގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް މުޖްތަމައު ލަދުވެތިވާފަދަ އެތައް ކަމެއް ދަނީ އޭނާގެ ފަރާތުން ވެސް ފެންނަމުންނެވެ.
ސަރުކާރުގެ ކުންފުނިތައް ހިންގާ ބައެއް އިމާރާތްތަކަށް ގަދަކަމުން ވަދެވަޑައިގަންނަވަން މަސައްކަތް ކުރެއްވުމާއި ކެމްޕެއިން އިވެންޓްތަކަށް ދައުވަތު ނުދެއްވަނީސް ވަޑައިގެން ހަޑިހުތުރު ބަހުން ވާހަކަ ދެއްކެވުން ހިމެނެ އެވެ. ދާދި ފަހުން މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އޮށޯވެ އޮންނަވާވެސް އޭނާ އިހުތިޖާޖެއް ކުރެއްވި އެވެ.