ރައްޔިތުންގެ މަޖިލިސް

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުން އަވަސްކުރަން ގޮވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުން އަވަސްކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީ އެވެ.

މައްސަލައިގައި ވަނީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވައި ސެޕްޓެމްބަރު 15، 2023 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ބޮޑުކޮށްދޭނެ ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވާފަ އެވެ.

ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިންގައި އެހެން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސިފައިންނާއި ފުލުހުންގެ މުސާރަ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރުމަށް އިއުލާނުކޮށް އޮނިގަނޑުތައް ބެހިގެންދާ ގޮތް ހާމަކޮށްފައިވަނިކޮށް ކަމަށް މައްސަލައިގައިވެ އެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ ނިންމުން މި ވަގުތު ތަންފީޒުކުރެވެން ނެތްކަން ޖެނުއަރީ ތިން ވަނަ ދުވަހު ނޭޝަނަލް ޕޭ ކޮމިޝަނުން އަންގާފައިވާކަން މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ.

"އާ ޕޭ ފްރޭމްވޯކްއަށް އަމަލުކުރަން ފަށާނީ 2024 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ކަމަށް އިއުލާނުކޮށްފައިވެ،" މައްސަލައިގައި ބުނެފައިވެ އެވެ.

ފުލުހުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރެވޭނެކަން ފިނޭންސް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާ ކަމަށް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާކަން މި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

"އަދި ހަމައެއާއެކު ވިދާޅުވެފައިވަނީ މުސާރަ ދެގުނަ ބޮޑު ކުރާނީ ފަސް އަހަރުގެ ދައުރަކަށް ބަހާލައިގެން ކަމަށާއި 2024 ވަނަ އަހަރު 35 ޕަސަންޓް، 2026 ގައި 35 ޕަސަންޓް އަދި 2028 ގައި 30 ޕަސަންޓް ކަމަށެެވެ،" މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މައްސަލައިގައި ވަނީ ތ. ގުރައިދޫގައި މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ޖަލްސާގައި ކުރިއަށް އޮތް ދެ ތިން މަސް ވެގެންދާނީ އިގުތިސާދީ ގޮތުން ވަރަށް އުނދަގޫ ދުވަސްވަރަކަށްކަން ރައީސް މުއިއްޒު ވިދާޅުވިކަން ފާހަގަކޮށްފަ އެވެ.

"މިފަދަ އިބާރާތުން ހާލަތު ބަޔާންކޮށް ދެއްވާފައިވުމަކީ މި ވައުދު އިތުރަށް ލަސްވެގެންދާނެ ކަމެއްކަމުން، މިކަމާ ސިފައިންނާއި ފުލުހުން ކަންބޮޑުވުން ފާޅުކޮށްފައިވެ،" މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ވަނީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ސިފައިންނާއި ފުލުހުންގެ މުސާރަ މާޗް މަހާއި ހަމައަށްވެސް ބޮޑުނުވެދާނެ ކަމުގެ ކަންބޮޑުވުން އޮތުމާއެކު މުސާރަ ބޮޑުކުރުން އަވަސްކޮށްދިނުމަށް ގޮވާލާފަ އެވެ.