ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އިންކުއަރީއަށް ހަމީދު ހާޒިރު ވެއްޖެ

Jun 5, 2021
1
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު 241 ކޮމިޓީއަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީ ވަނީ -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ "ޕާލިމެންޓް އިންކުއަރީ" މައުލޫމާތު ހޯދަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހާޒިރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީއަށް ހަމީދު މިއަދު ހާޒިރުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސްގެ ނިޒާމު އޮންނަ ގޮތުގެ މައުލޫމަތު ސާފު ކުރާށެވެ.

ސީޕީ ހަމީދު ހާޒިރުކުރި 241 ކޮމިޓީގެ ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ.

ސީޕީ ހަމީދުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ހިމެނޭ ގޮތަށް ސާޅީހަކަށް ސިފައިން ވެސް 241 ކޮމިޓީއަށް ހާޒިރުވާން ކޮމިޓީން ވަނީ އަންގާފަ އެވެ.

ނަމަވެސް ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުވާން މަޖިލީހުން އެންގުމާ ގުޅިގެން ޑިފެންސް މިނިސްޓްރީން ވަނީ އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މަޖިލީހުގެ އިންކުއަރީއަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ޑިފެންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ގާނޫނުއަސާސީއާއި ސިފައިންގެ ގާނޫނާއި ހަވާލާދީ ބުނެފައި ވަނީ ސަލާމަތީ ހިދުމަތްތަކުގެ ތެރެއިން ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ބޭނުން ހިފާ ގޮތާ މެދު އަދި އެ މީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާ މެދު ތެދުވެރި ކަމާއި އިހްލާސްތެރި ކަމާއެކު ޖަވާބުދާރީ ވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް ސިފައިން ގާނޫނުގައި ބުނާ ކަމަށެވެ. އަދި ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފާ ގޮތާ މެދުގައާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށް ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.

ހަމީދު މިއަދު 241 ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމާ ގުޅިގެން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް، ސީޕީ އަށް މަރުހަބާ ވިދާޅުވަނީ -- ފޮޓޯ: މަޖިލިސް

މީގެއިތުރުން ސިފައިންގެ މައްޗަށް މިނިސްޓަރަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފާ ގޮތާ މެދުގައާއި މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު މިނިސްޓަރު ސިފައިންގެ އެންމެ މަތީ ވެރިޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާތީ މަޖިލީހަށް މިނިސްޓަރު ޖަވާބުދާރީވާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.

އެކަމަކު ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ހުރި ވާހަކަތަކަކީ މަޖިލީހުގެ ބާރު ކަނޑުވާލުން ކަމަށް މަޖިލީހުން ވަނީ ސިފަ ކޮށްފަ އެވެ. ޑިފެންސްގެ ބަޔާނަށް ރައްދުދީ މަޖިލީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭނެ ކަމަށެވެ. މަޖިލީހުން އެގޮތަށް ދެކެނީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާއި ސުޕްރީމް ކޯޓުން މާޗް 10، 2011 ގައި މަޖިލީހަށް ދީފައިވާ އިސްތިރާޝީ ލަފައަކަށް ބިނާކޮށެވެ.

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި ބުނެފައިވަނީ ސިފައިންނާއި ފުލުހުންނާއި ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއްގައި ހުރި މީހެއް ކަމަށްވީ ނަމަވެސް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނުއަސާސީގައި ބުނާ ކަމަށެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރާ މަައްސަލާގައި މަޖިލީހުގެ މެންބަރުންގެ މެދުގައިވެސް ހިޔާލުތަފާތުވުން ތަކެއް އެބަހުއްޓެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީގެ ރޫހު ހުރީ ކޮމިޓީން ބޭނުންވާ ކޮންމެ މީހަކު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރާ ގޮތަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910