ހަބަރު

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މައްސަލައެއް މަޖިލީހަށް

ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) މެދުވެރިކޮށް ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށް ހުޅުމާލޭގައި އަޅަމުންދާ 600 ފްލެޓްގެ މަސައްކަތް ލަސްވާ ސަބަބާއި މަޝްރޫއުގެ ތެރޭގައި ކޮރަޕްޝަންގެ އެއްވެސް ކަމެއް ހިންގަމުންދޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދައިފި އެވެ.

ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި އެ މައްސަލާގައި ވަނީ، އެ މަޝްރޫއަށް އަށް އަހަރުވެގެން ދިޔައިރު މަސައްކަތް ނުނިމި އޮތް ސަބަބާއި، ސިފްކޯ އާއި ޕޮލްކޯއިން މި ޕްރޮޖެކްޓްއަށް ފައިސާ ދައްކަމުންދާ އުސޫލު މަޖިލީހުން ބެލުމަށް ގޮވާލާފައިވެ އެވެ.

ސިފްކޯއަކީ އޭރުގެ ޑިފެންސް މިނިސްޓަރު އަދި ޕޮލްކޯއަކީ އޭރުގެ ޕޮލިސް ކޮމިޝަނަރު އުފައްދާފައިވާ ޖަމިއްޔާތަކަށް ވާއިރު، އެ ފްލެޓްތަކުގެ މަޝްރޫއުގެ މަސައްކަތް އަނެއްކާ ވެސް އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ހިއްސާ އޮންނަ އާރުސީސީ ކުންފުންޏަށް ހަވާލު ކުރާ ކަމަށް ދެކެވޭ ވާހަކަތައް ބެލުމަށް ވެސް ޔައުގޫބްގެ މައްސަލަގާއިވެ އެވެ.

އެ ފްލެޓްތަކުގެ މަޝްރޫއުގެ ތައިލެންޑް ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާއިން ބުނެފައިވާ ގޮތުގައި ސަބް ކޮންޓްރެކްޓަރަށް އާރުސީސިއާ ހަވާލު ކުރަން އެ ކުންފުންޏާ މަޝްވަރާކޮށްފައިވެ އެވެ. ނަމަވެސް ހަވާލު ކުރެވޭނީ ސިފްކޯއާއި ޕޮލްކޯގެ ހުއްދަ ހޯދަން ޖެހޭތީ އެ ކަމުގެ ހުއްދައަށް އެދިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން އެހެން ބުނުމާއެކު ޔައުގޫބް ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވެފައިވަނީ، ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަޝްރޫއުގައި ގޮތް ނޭނގޭ ޖަރީމާތަކެއް ހިނގަމުންދާ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އެ ޖަރީމާތަކުން ސިފައިންނާއި ފުލުހުން ސަލާމަތް ކުރާނެ ކަމާއި އެ ކަން ކުރާނީ މަޖިލީހުގެ ތެރެއިން ކަމަށް ވިދާޅުވެފައިވެ އެވެ.

މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑިއަށެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ އެއްބަސްވުން އުވާލި އެވެ. ދެން އެ މަސައްކަތް ހަވާލުކުރީ ނޫމަޑިން މަސައްކަތް ސަބްކޮންޓްރެކްޓަށް ދޫކޮށްފައިވާ ކުންފުނި، އައިލެންޑް އެކްސްޕާޓަށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރާ އެކު ނޫމަޑިން ވެފައި އޮތް އެއްބަސްވުންތަކެއް ޕީޕީއެމްގެ ސަރުކާރުން އުވާލުމުން، ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) މި ސަރުކާރުން ދައްކާފައިވެ އެވެ. މި އަދަދަށް ނޫމަޑިއަށް ފައިސާ ދީފައި ވަނީ، އާބިޓްރޭޝަނަށް ނޫމަޑިން މައްސަލަ ހުށަހަޅާފައިވަނިކޮށް، ކޯޓުގެ ބޭރުން އެ ކުންފުންޏާ މަޝްވަރާކޮށްފަ އެވެ.

ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް މިހާރު ވެސް މާ ބޮޑަށް ކުރިއަކަށް ނުދެ އެވެ. މި ފްލެޓްތައް ހަދަމުން ގެންދަނީ ސަރުކާރުން ލޯނު ނަގައިގެން އެ ފައިސާގެ ހަރަދުގަ އެވެ. އެކަމަކު އެ ކަމަށް ސިފައިންނާއި ފުލުހުން ވެސް މި ފްލެޓްތަކަށް ޑައުން ޕޭމަންޓްގެ ގޮތުގައި ފައިސާ ދައްކާފައިވެ އެވެ.