ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އެންމެ މުހިއްމު ކަމަކީ، ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުން ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މިދިޔަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ގެނައުމަށްފަހު މަތީ ތައުލީމު ދޭ ސަރުކާރުގެ މުއައްސަސާތަކުގެ ލެކްޗަރާއިންގެ މުސާރައަށް މިދިޔަ މާޗް މަހުން ފެށިގެން ހެޔޮ ބަދަލެއް ގެނެސްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަންނަ މެއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި އެ ބަދަލުތަކުގެ އިތުރު ތަފްސީލުތައް ޕޭ ކޮމިޝަނުންނާއި ހެލްތު މިނިސްޓްރީން މާދަމާ އިއުލާން ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހެޔޮ ބަދަލުތަކެއް ގެންނާނަން،" ރައީސް ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަތަކަށް ގެންނަ ބަދަލުތައް ދިރާސާކުރުމުގެ މަސައްކަތް ޕޭ ކޮމިޝަނުން މިހާރު ކުރަމުންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެެވެ.
"މިދެންނެވި ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެންދާއިރު، ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އާންމު ރައްޔިތުންނަށް ދެން އޮތް އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. ފުލުހުންނާއި ސިފައިންނަށްވެސް އެ ދަތިކަން އެބަ އޮތް ކަމަށާއި ހާއްސަކޮށް ރަށުން ބޭރުގައި އަދި އާއިލާއާ ދުރުގައި ވަޒީފާ އަދާކުރަންޖެހިފައިވާ ފުލުހުންނަށް އެ ދަތިކަމުގެ އިހްސާސް ވަކިން ބޮޑަށް ކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ 'ބްލޫ ހައުސިން ސްކީމް'ގެ ދަށުން ހަދާ ފްލެޓްތައް ނިމިގެން ހަވާލުކުރާއިރު، ފްލެޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މިއަންނަނީ މަސައްކަތްތަކެއް ކުރަމުން،" ރައީސް ވިދާޅުވި އެވެ.