ޑރ. މުހައްމަދު މުއިއްޒު

ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކުރާނަން: މުއިއްޒު

ސިފައިންނާއި ފުލުހުންނަށް މިހާރު ލިބޭ މުސާރަ ދެގުނަ ބޮޑުކޮށްދިނުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

އާޓިފިޝަލް ބީޗްގައި މިރޭ ކުރިއަށްދާ ޖަލްސާގައި މުއިއްޒު ވިދާޅުވީ ސިފައިންނާއި ފުލުހުންނަކީ ވަރަށް ބޮޑު ގައުމީ މަސައްކަތެއް ކުރަމުންދާ ބަޔަކަށްވާތީ މުސާރަ ބޮޑުކުރުމުގައި ސިފައިންނާއި ފުލުހުންނަށް އިސްކަން ދެއްވާނެ ކަމަށެވެ.

ސިފައިންނާއި ފުލުހުންނަކީ "ކުޅޭކުޅޭ ބޯޅަޔަކަށް" ނުހެދޭނެ ކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކޮށްދިނުމަށް ވައުދުވެވަޑައިގަތީ އެކަން ކޮށްދެއްވާނެތީ ކަމަށެވެ.

"އަޅުގަނޑު މިހެން ދެންނެވީތީ މާދަމާ އަނެއްކާ ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކޮށްދީފާނެ. އެކަން ކޮށްދީފިއްޔާ އަޅުގަނޑު ވަރަށް އުފާވާނެ. އަޅުގަނޑު ތިނަދޫ ސިޓީއަކަށް ހަދައިދޭނެ ކަމަށް ބުނީމާ އެތަނަށް ވަޑައިގެން ތިނަދޫ ސިޓީއަކަށްވެސް ހަދައިފި،" މުއިއްޒުގެ ވައުދުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކޮޕީ ކުރައްވާ ކަމަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކޮށްދިނުމަށް މުއިއްޒު ވައުދުވެވަޑައިގެންފައި މިވަނީ ސިފައިންނާއި ފުލުހުންވެސް ހިމެނޭ ގޮތަށް އިމިގްރޭޝަން، ކަސްޓަމްސް، ކަރެކްޝަންސް އަދި އިމާމުންނާއި މުދިމުންނާއި، ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންވެސް ޝާމިލްވާ ގޮތަށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރަ ޖެނުއަރީން ފެށިގެން ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހް ވައުދުވެވަޑައިގެންފައި ވަނިކޮށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ފުލުހުންނާއި ސިފައިންގެ ފްލެޓްތަކަށް ކުލި ދެއްކުން އޭނާގެ ވެރިކަމެއްގައި އެއް އަހަރު ފަސްކޮށްދެއްވާނެ ކަމަށެވެ. އަދި ދައްކަންޖެހޭ ފައިސާ ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ބަހާލައިގެން ދެއްކޭ ގޮތް ހަދަނީ ފްލެޓްތަކުގެ އެޑްވާންސް ފައިސާ ކަމަށް ބެލެވެ އެވެ. އެކަމަކު ސާފުކޮށް އެހެން ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި ވަނީ މިދިޔަ އަހަރުގެ މެއި އެއްވަނަ ދުވަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ވަނީ ބޮޑުކޮށްފަ އެވެ. އަދި މިއަހަރުގެ މެއި މަހުން ފެށިގެން ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްފަ އެވެ. އަދި މި ދެ ދާއިރާގެ މުސާރަތައް ބޮޑުކުރި ފަހުން ފާހަގަކުރެވުނު ކަންބޮޑުވުންތަކަށް ވެސް ރައީސް ސޯލިހް ވަނީ ނިމިދިޔަ ހަފްތާގައި ހައްލު ހޯއްދަވައިދެއްވާފަ އެވެ.