ޑރ. މުހައްމަދު މުއިއްޒު

ސިފައިންނާއި ފުލުހުންގެ މުސާރަ އަންނަ މަހު ބޮޑުކުރަނީ

ފުލުހުންނާއި ސިފައިންގެ މުސާރަ މި ފެށޭ މާޗް މަހުން ފެށިގެން ބޮޑުކުރަން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ "އަހާ" ފޯރަމުގައި ރޭ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ އަންނަ މާޗް މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ރައީސް ވިދާޅެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ސެޕްޓެމްބަރު 15 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ސިފައިންނާއި ފުލުހުންގެ މުސާރަ މާޗް މަހުން ފެށިގެން ބޮޑުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި މިވަނީ އެ މުސާރަތައް ބޮޑުކުރުން އަވަސްކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ބުދަ ދުވަހުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީ އެވެ.